މި މަހުގެ 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުގައި ބޭނުންކުރާ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓްކުރާނެ މުވައްޒަފުން ތަމްރީނުކޮށްފިއެވެ.

ފަސިންޖަރު ބޯޑިން ބްރިޖަކީ ރައްކާތެރިކަމާއެކު މަތިންދާބޯޓުން ޓާމިނަލަށް ފޭބުމަށް ގުޅާލެވޭ ބުރިޖެކެވެ. އެ ބުރިޖުގެ ސަބަބުން ޓާމިނަލުން މަތިންދާބޯޓަށް އަދި މަތިންދާބޯޓުން ޓާމިނަލަށް ދިއުމަށް ބަސް ބޭނުންނުކޮށް މަތިންދާބޯޓުން ސީދާ ޓާމިނަލަށް ފޭބޭނެ އެވެ. މިއީ އާ ޓާމިނަލާއެކު ރާއްޖޭގައި އަލަށް ބޭނުންކުރަން ފަށާ ހިދުމަތެކެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ އެ ފަސިންޖަރު ބޯޑިން ބުރިޖުތައް އޮޕަރޭޓްކުރަން މިހާތަނަށް 46 މުވައްޒަފުން ތަމްރީންކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 14 މުވައްޒަފުން ތަމްރީންކޮށްފައިވަނީ މެލޭޝިއާއަށް ފޮނުވައިގެން ކަމަށެވެ.

އެ ތަމްރީނުތަކުގެ ބޭނުމަކީ ފަސިންޖަރު ބޯޑިން ބުރިޖުތައް އޮޕަރޭޓް ކުރާ މުވައްޒަފުން އިންޑަސްޓްރީގެ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިކުރުވުން ކަމަށާއި އަދި ބޯޑިން ބުރިޖުތައް ސަލާމަތްތެރިކަމާއެކު އޮޕަރޭޓްކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެގޮތުން އެ ތަމްރީނުތަކުގައި ބައިވެރިވި މުވައްޒަފުން، ފަސިންޖަރު ބޯޑިން ބުރިޖުތައް އޮޕަރޭޓްކުރުމުގެ ކުރިން އޭގެ ސިމިއުލޭޓާ އެކްސަސައިޒްތަކެއްވެސް ހަދާފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލްގެ އަމާޒަކީ މެލޭޝިއާއަށް ފޮނުވައިގެން ތަމްރީނު ހެދި މުވައްޒަފުން މެދުވެރިކޮށް ކުރިއަށްއޮތް ތަނުގައި ފަސިންޖަރު ބޯޑިން ބުރިޖަށް އޮޕަރޭޓްކުރާނެ އިތުރު މުވައްޒަފުން ތަމްރީނުކުރުން ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.