މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަ ކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް އަދި ރައީސްގެ ހާއްސަ ސްކޮލަޝިޕަށް ހޮވުނު ދަރިވަރުން ބޭނުންވާ ދާއިރާތަކުން ކިޔަވަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރައީސް ދޭ ހާއްސަ ސްކޮލާޝިޕް ލިބޭ ކަމަށް އެ މިނިސްޓްރީން ކަނޑައަޅައި ލިޔުން ދޫކޮށްފައިވާ ދަރިވަރުން ސްކޮލާޝިޕްގައި ކިޔެވުން ފުރިހަމަކުރުމަށް ސްކޮލާޝިޕްގެ އުސޫލުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކުރުމަށް އެދި މިހާރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ލިޔުންތަކާ އެކު ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އުސޫލުގައިވާ ގޮތަށް 18 މަސް ދުވަހުގެ ތެރޭގައި ކިޔެވުން ފެށުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަން ޖެހޭތީ ކަމަށެވެ.
ރައީސްގެ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލާން ޖެހެނީ މިނިސްޓްރީގެ "މައި އެޑޫ" ޕޯޓަލް އިން ސެޕްޓެމްބަރު 30ގެ ކުރިންނެވެ.
ރައީސްގެ ހާއްސަ ސްކޮލާޝިޕަކީ ބޭނުން ގައުމަކުން ބޭނުން ދާއިރާއަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭ ސްކޮލަޝިޕެކެވެ.
އެ ސްކޮލަޝިޕް ލިބޭނީ 2024 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން އިސްލާމާއި ދިވެހި މާއްދާ ހިމެނޭ ގޮތަށް މަދުވެގެން ފަސް މާއްދާ އިން އޭ ސްޓާ ހޯދާފައިވާ އަދި އޯލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސި މާއްދާއިން ސީ ފާހަށް ވުރެ މަތީ ފާހެއް ހޯދާފައިވާ ދަރިވަރުންނަށެވެ.
ހައި އެޗީވާސް ސްކޮލަޝިޕް ދެނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ނެޝަނަލް ޓްރެއިނިން ނީޑްސް ލިސްޓު"ގައި ހިމެނޭ ދާއިރާތަކުންނެވެ.
އެ ސްކޮލަޝިޕަކީ މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން އޭ ލެވެލް ނުވަތަ އޭލެވެލް އާ އެއް ފެންވަރެއްގެ އިމްތިހާނަކުން ތިން މާއްދާ އިން އޭ ހާސިލުކުރުމާ އެކު ދިވެހި އަދި އިސްލާމް މާއްދާ އިން އޭ ހާސިލުކުރުމުން ދޭ ސްކޮލަޝިޕެކެވެ. އަދި ދިވެހި އިސްލާމް މާއްދާ ހިމެނޭ ގޮތަށް އޭ ހޯދުމާ އެކު ޝަހާދާ ސާނަވިއްޔާ ސަނަދުން ހުރިހާ މައްދާއެއްގެ ފައިނަލް އެވްރެޖުގައި އޭ ފާހެއް ލިބުމުންނެވެ.
ހައި އެޗީވާސް ސްކޮލަޝިޕްތަކުގައި ކިޔަވޭނީ ރާއްޖެ ހިމެނޭހެން ސާކްގެ ގައުމުތަކާއި މެލޭޝިއާ އާއިި ތައިލޭންޑާއި ފިލިޕީންސާއި ޗައިނާގެ އިތުރުން އޯއީސީޑީގެ ގައުމުތަކުންނެވެ.
މިިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދޭން ބޭއްވި ހަފުލާގައި ވަނީ ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް 11 ދަރިވަރަކަށާއި ހައި އެޗީވާސް ސްކޮލާޝިޕް 87 ދަރިވަރަކަށް ދީފައެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު