''ދާމިންގެ ޚިޔާލަކަށް ބޭނުންވެގެން އަސްލު މޭއިގެ ވާހަކަތައް މިކިޔައިދިނީ، މީގެކުރިން އެއްވެސް މީހެއްގެ ގާތު މޭއިއަށް އަހަރެންގެ ހިތުން ދެވިފައިވާ މަޤާމު ހާމަކޮށްފައެއް ނުވާނެ، ޤައިލާއާއި ރައްޓެހިވުމުގެ ކުރިން އެތައް ފަހަރަކު މޭއި ގާތު ބުނަން ބޭނުންވި، އެކަމަކު އަހަންނަށް އެހިތްވަރެއް ނުލިބުނު، އަހަރެންގެ ހިތުގައިވާ އިހުސާސްތަކަށް މޭއި އިންކާރުކޮށްފާނެތީ ބިރު ގަތީ، އޭރުން އެކުވެރިކަމަށް ބުރުއަރާނެކަން އެނގުނު، އިޓް ވިލް ޑެފިނިޓްލީ ބީ އޯކްވާޑް ބިޓުވީން އަސް، މޭއި ދެކެ ވެވުނު ލޯބި ސިއްރުކުރަން ހަދައިގެން މިއަދު މިހާލަތަށް ދިރިއުޅުން ދިޔައީ ވެސް...'' ސަރަންފީ ގޮނޑީގައި ކުރިއަށް ޖެހިލައި ކަކުލުހުޅުގައި އަސަލް އުޅަނބޮށި ވިއްދާލިއެވެ. އެއަށްފަހު އަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
''އަޒް...'' ދާމިން ގޮވާލިއެވެ. އަސަލްގެ މޫނަށް ބަލަން އިން ދާމިންއަށް އަސަލްގެ އުދާސްކަން ނަގައިގަނެވުނެވެ. ފާއިތުވި ދުވަސްތަކުގެ ތެރޭގައި ހާމަވެގެން ދިޔަ ހަޤީޤަތާއި، ޤައިލާގެ ވިހައިގެ އަސަރު އަސަލްގެ ވިސްނުމަށްކޮށްފައިވާ މިންވަރު ވެސް އަންދާޒާކޮށްލެވުނެވެ. ވެދިޔަ ހުރިހާ ކަމެއްގައި އަމިއްލަ ނަފުސު ކުށްވެރިކުރާ ކަހަލައެވެ.
ދާމިން ގޮވާލުމުން މޫނުގައި ފިރުމާލަމުން އަސަލް އަތްތިލަ ތިރިކޮށްލިއެވެ. އޭނަގެ ނަޒަރު ދެން ހުއްޓުނީ ދާމިން އަށެވެ. ބޮޑު ފިކުރެއްގައި ދާމިން އިންކަން އަސަލްއަށް ފާހަގަ ވިއެވެ. އެކުވެރިޔާގެ ނަސޭހަތެއްގެ އިންތިޒާރުގައި އަސަލް މަޑުކޮށްލިއެވެ. އެދެމެދަށް ވެރިވި ހިމޭންކަމުގައި ނުތަނަވަސްކަމެއް ނުވެއެވެ.
''އަޒްއަށް ގޯހެއް ނުހެދޭ، ޤައިލާ ކޮންމެހެން ބުންޏަސް އަޒްއަށް އޭރު ފެނުނު އެންމެ ރަނގަޅު ގޮތަކަށް ކަންތައް ކުރީ، މައިހާ ދެކެ ވާ ލޯބި ބަޔާން ނުކުރެވުމަކީ އަޒްގެ ފިނޑިކަމެއް ނޫން، މައިހާ ދެކެ އަޒް ވިސްނާވަރާއި އެކުވެރިކަމަށް ބުރޫއަރަން ބޭނުންނުވާކަން ހާމަކޮށްދޭ... ފުރަތަމަ ލޯބި ހަނދާން ނައްތާލުމަކީ ވެސް ފަސޭހަކަމެއް ނޫން... މުޅިން އައު ދިރިއުޅުމެއް ފަށަން ގަސްދުކުރީ ޤައިލާއަށް ކުރެވުނު އިތުބާރުން، އެއިތުބާރު ނަގާލި މީހަކީ ޤައިލާ، އޭނަގެ މަޤުސަދަކީ ނަފުސާނީ ގޮތުން އަޒް ބަލިކަށިކޮށްލުން، ކިޔައިދިން ވާހަކަތަކުން ވަރަށް ސާފު...'' ދާމިން ބުންޏެވެ.
''މޭއި ގާތު ބުނެވުނު ނަމައޭ ހިތަށް އަރާ...'' އަސަލްގެ އަޑުގައި މާޔޫސްކަން ވެއެވެ. ނުފިލާ ހުންނަ ރިހުން ދެލޮލުން ފާޅުވެލިއެވެ. މޭކަށިގަނޑުގެ މެދުގައި ބޮޑުވާއިނގިލިން ފިރުމާލެވުނެވެ.
އަސަލް އިސްޖަހާލުމާއެކު ދާމިން ކަންބޮޑުވިއެވެ. ކުރިއަށް ޖެހިލައި އަސަލްގެ ކަކުލުގައި މަޑުމަޑުން ޖަހާލީ އަސަލްގެ ސަމާލުކަން ހޯދުމަށެވެ. ޤައިލާގެ ސަބަބުން އޭނަ ހީކުރިވަރަށް ވުރެން ބޮޑަށް ނައްސި ޚިޔާލުތަކުގެ ތެރެއަށް އަސަލް ވަނީ ގެއްލިފައެވެ. އެކި ދިމަދިމާއަށް ފިކުރު ހިންގާލަމުން އޭނަގެ ވާހަކައާއިގެން ކުރިއަށް ދާން ދާމިން ގަސްދުކުރިއެވެ. އަހަރުތަކެއް ވީ ގުޅުމަށް އައި ނިމުމާއެކުގައި އަސަލް ހުންނާނީ ނާޒުކު ފަތްތަރެއްގައިކަން އެނގި، ދާމިން އޭނަގެ ވާހަކަ ފެށީ އަސަލްގެ މޫނަށް އަރާފައިބާ ކުލަތަކަށް ސަމާލުވަމުންނެވެ. އޭނަ އަސަލްއަށް ބުނެދޭން ބޭނުންވީ އަސަލްގެ ހިތާމަތަކަށް ނިމުމެއް އަންނާނީ އެހިތުގެ ހާލު މައިހާއަށް ބުނެދެވިގެންކަމުގައެވެ.
''މާޒީ ބަދަލުކުރުމުގެ ޤާބީލުކަން އަހަރުމެންނަށް ލިބިގެން ނުވޭ، އެކަމަކު މުސްތަޤުބަލު ބަދަލުކުރެވިދާނެ، ފަހަރެއްގައި މިއީ ދެވަނަ ފުރުސަތަކަށް ވެސް ވެދާނެ...'' ދާމިން ބުންޏެވެ.
''ތިބުނީ؟...'' ހައިރާންކަމާއެކު އަސަލް ސުވާލުކޮށްލިއެވެ.
''މިބުނީ މޭއި ދެކެ ލޯބިވާކަން ހާމަކުރާށޭ...'' އަސްލައާއި ހަތަރުކަޅި ހަމަކޮށްލަމުން ދާމިން ބުންޏެވެ. އަސަލްއަށް އޭނަގެ ދެލޯ ބޮޑުކޮށްލެވުނީ އިހުތިޔާރުން ބޭރުގައެވެ. އެފަދަ ޚިޔާލެއް ދާމިން ފަހަރެއްގައި ވެސް ދީފާނެ ކަމަކަށް އޭނަ އުއްމީދެއް ނުކުރެއެވެ.
''އެކަމަކު...'' ނުތަނަވަސްކަން ލިބި އަސަލް ފިނިވިއެވެ. އެއީ ހަމައެކަނި ހިތުގައިވާ އިހުސާސްތައް މައިހާއަށް ބުނެދޭން ވިސްނާލުމުން އައި ބަދަލެވެ. އެހާލުގައި މައިހާގެ ކުރިމައްޗަށް ހުއްޓި ހުރެ ސިއްރުވެފައިވި ލޯތްބަށް އިޤުރާރުވެވޭނީ ކިހިނެއް ހެއްޔެވެ؟
''ގޯސްއެއްޗެކޭތަ މިބުނެވުނީ؟...'' ދާމިން ވާހަކަ މެދުކަނޑާލީ އަސަލް ހިތްހަމަނުޖެހުނުހެން ހީވުމުންނެވެ. އޭނަ ހީކުރީ އޭނައަށް ދެވުނީ އަސަލް ބޭނުންވި ޖަވާބު ކަމަކަށެވެ. ނަމަވެސް އަސަލްގެ މޫނަށް އައި ބަދަލުތަކުން ދާމިންގެ ދުލަށް ހިމޭންކަން ގެނުވައިފިއެވެ.
''ނޫން!...'' އަސަލްއަށް ބޯހޫރާލެވުނެވެ.
''ދެން؟...'' ހައިރާންވެފައި ދާމިން އެހިއެވެ. އަސަލްއަށް ވާހަކަދެއްކުމުގެ ފުރުސަތު ދާމިން ދިނެވެ.
އަސަލް ތެދުވުނީ ކޮޅަށެވެ. ދާމިންއަށް ފުރަގަސްދެމުން، އޭނަ ގޮސް ހުއްޓުނީ ބެލްކަނި ކައިރިއަށެވެ. ދެއަތުން ރެއިލިންގްގައި ހިފަހައްޓާލިއެވެ. ކަންބޮޑުވުމާއެކު އަސަލްއަށް ދާމިން ބަލަމުން ދިޔަ އެވެ. ޤައިލާގެ ނުފޫޒު އަސަލްގެ ވިސްނުމުގެ މައްޗަށް އަތްގަދަކޮށްފައިވާ މަންޒަރު ދާމިންއަށް ފެނުނެވެ.
''އަހަރެން ކުރިން ވެސް ބުނީމެއްނު ޤައިލާގެ މަޤުސަދަކީ މެންޓަލީ ބަލިކަށިކޮށްލުމޭ، ތީ އޭނަ ބޭނުންވާ ގޮތް، ނާސިންޓިކް މީހުންގެ ވައްތަރު އެއީ... އަޒްގެ ދިރިއުޅުމުގެ މައްޗަށް ޤައިލާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދީ، ތި ހިތުގެ ހާލު މައިހާއަށް ބުނެދިނުމަކުން ގޯހެއް ނެތޭ، ނުބުނަންޏާ ވާނެ ގޮތެއް ކިހިނެއް އެނގޭނީ؟، ފަހަރެއްގައި ހަމަ އަޒް ފަދައިން މައިހާއަށް ވެސް ބުނަން ނުކެރިފައި ހުރެވިދާނެދޯ؟، އެކަކު އިސްނަގަންޖެހޭނެދޯ، ގާތް އެކުވެރިޔާ ދެކެ ލޯބިވެވުމުން ބުނުން އެއީ ފަސޭހަކަމެއް ނޫން، އެކުވެރިކަމަށް ނިމުން އަތުވެދާނެކަމުގެ ހާސްކަންވާނެ، އަދި މައިހާއާއި އަޒްގެ ޢާއިލާ ވެސް އެހާ ގާތް ވީމަ ތި ދެމެދަށް އަންނަ ދުރުކަމުން އެގުޅުމަށް ބުރޫއަރާފާނެތީ ވެސް ވިސްނޭނެ، އެކަމަކު ބުނަން، ސިއްރުކުރަން ހަދަންޏާ ހަމަޖެހުމެއް ނުލިބޭނެ، މިއީ ބިރާއި ކުރިމަތިލާންވީ ވަގުތު...'' ދާމިން ކޮޅަށް ތެދުވިއެވެ. އަސަލްގެ ގާތަށް ހުއްޓެމުން، އަސަލްގެ ކޮނޑުގައި ދާމިން ޖަހާލިއެވެ.
''ތިބުނީ މޭއިއަށް އަހަރެން ކަމުގޮސްފާނެޔޭތަ؟...'' އަސަލްގެ މޭޔަށް ފިނިވެލިއެވެ. އެއީ އޭނަ ދެކެމުން އަންނަ ހުދާއި ކަޅުގެ ހުވަފެނެކެވެ. މިވީހާ ތަނަށް އެހުވަފެނުގައި ކުލަޖެހިދާނެކަމަށް ދެކެވިފައެއް ނެތެވެ.
''ހައިޕޮތެޓިކަލީ ސްޕީކިންގް، ތިކުރި ސުވާލުގެ ޖަވާބު ހޯދޭނީ އަޒްއަށް...'' ރެއިލިންގްއަށް ލެނގިލަމުން ދާމިން ބުންޏެވެ. ''އެހެންނޫނަސް އަންހެންކުދިން ބޭނުންވާ ހުރިހާ ސިފައެއް އަޒްގެ އެބަހުރި، ނޫންތަ؟، އޮފީހާއި ގުޅުނުތާ ކުރީކޮޅު ހުރިހާ އަންހެންކުދިން އުޅުނީ އަޒްގެ ފަހަތުން، މެރީޑްކަން އެނގުނީމަ އެންމެން ތިބީ ދެރަވެފަ...''
ދާމިންގެ ވާހަކަތަކުން އެދުވަސްތައް ހަނދާންވެ އަސަލްގެ ގާތަށް ހިނިއައެވެ. ސިކުނޑިއަށް ވެރިވި ހާސްކަމާއި ދުރުވެލަން ފުރުސަތު ލިބުނެވެ.
''އެހެން މީހުން ދެކެނީ ކިހިނެއްކަން ބަލާކަށް ބޭނުމެއް ނޫން... އަހަންނަށް މޭއިގެ ޚިޔާލު ހުރީ ކިހިނެއްކަން އެނގޭނެނަމަ...'' އަސަލްއަށް ބުނެވުނެވެ.
''ހޯދަން އުޅުނީމަދޯ އެނގޭނީ، ތިހެން ހުއްޓަކަސް ނުވާނެއެއްނު، ތެޔޮ ނާށި ކާޅު ނުގެންދެނީސް އުޅެގެން ވާނީ...'' ދާމިންގެ ޖުމްލަ ނިންމާލީ ސަމާސާއަކުންނެވެ.
އަސަލްގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެލީ ހަމަ ކުއްލިޔަކަށެވެ. އެފަދަ ދުވަހެއް ދެކޭނެހާ ހިތްވަރެއް އޭނަގެ ހުރި ހެނެއް ހިޔެއް ނުވެއެވެ. އެވަގުތު އޭނަގެ ޒަމީރު ހަނދާންކޮށްދިނީ ދާދި ފަހުން މައިހާއަށް ރޭގަނޑުގެ ކެއުމަށް އެރުވުނު ދައުވަތުގައި ކާމޭޒު ދޮށުގައި ދެކެވުނު ވާހަކަތެކެވެ. ލިބުނު ހަމައެކަނި ތަސައްލީއަކީއެއީއެވެ.
''އަނެއްކާ؟...'' އަސަލްގެ ހިމޭންކަމާއެކު ދާމިންއަށް ސުވާލުކޮށްލެވުނެވެ. އަސަލްގެ ޖަވާބު އައިސްދާނެ ގޮތެއް ނޭނގި ދާމިންއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. މައިހާގެ ބައިވެރިޔަކު ހުރެދާނެ ކަމަކަށް އޭނައަށް ވިސްނާލެވިފައި ވެސް ނެތެވެ. އޭނަގެ ސަމާލުކަން މުޅިންހެން ދެވުނީ އަސަލް އަށެވެ.
''ނޫން!...'' އަސަލް ބުންޏެވެ. ''މޭއި ސިންގަލް...''
''ނަސީބެއްނު...'' ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލަމުން ދާމިން ބުންޏެވެ. ''މޫސާ އުޅުނު އެނުއަލްއަށް ދާ ދުވަސްތައް ފައިނަލް ކުރުމުގައި... އަޒް ގާތު ނާހާތަ؟...''
'އުހޫނ، މިއަދު އެހި، އަންނަ މަހަށް ދާންކަމަށް މިއުޅެނީ...'' އަސަލް ބުންޏެވެ.
''ތިވީ މާ ރަނގަޅަކަށްނު، ރަށަށް ދެވުނީމަ މައިހާއާއެކު ވަގުތު ހޭދަކޮށްލަން ލިބޭނެއެއްނު، ދެމީހުން އެކުގައި ވަގުތު ހޭދަކޮށްލުން އެންމެ ރަނގަޅުވާނީ...'' ދާމިން ބުންޏެވެ. އެކަމާއި އެއްބަސްވަމުން އަސަލް ބޯޖަހާލިއެވެ. ދާމިން ދިނީ ހެޔޮ ނަސޭހަތެކެވެ. ޤައިލާގެ ވިހަ ބަސްތަކުން އިތުރަށް އޭނަގެ ދިރިއުޅުމަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ދޭން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. އެއާއެކު އަސަލްގެ ހިތުގައި ވަރުގަދަ އަޒުމެއް އާލާވެގެން ދިޔައެވެ.
''އަހަންނަށް މައިހާ ތަޢާރަފްކޮށްދޭނެ އިރަކަށް އިންތިޒާރުކުރާނަން...'' ދާމިން ބުންޏެވެ.
''އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބައްދަލުކޮށްދޭނަން...'' ލުއި ހިނިތުންވުމަކާއެކުގައި އަސަލް ބުނެލިއެވެ.
ޕިއްޒާ އައުމުން ދެއެކުވެރިން ވެސް ދިޔައީ ކާކޮޓަރިއަށެވެ. ކާމޭޒުދޮށުގައި އިށީންނަމުން ޕިއްޒާ ކާން ފެށިއެވެ.
''މަންމަމެން ގާތު ބުނާނީ ކީކޭތަ؟...'' ކެއުމުގެ ތެރެއިން ދާމިން ސުވާލުކޮށްލިއެވެ.
އަސަލްގެ އަތުގައި އޮތް ޕިއްޒާ ފޮތި އަނބުރާ ފޮށީގެ ތެރެއަށް ލަމުން ދާމިންއާއި ދިމާއަށް އަސަލް އެނބުރުލިއެވެ.
''އަހަރެން ބޭނުމެއް ނޫން މަންމަމެންނަށް އެއްވެސް ކަމެއް ސިއްރުކުރާކަށް، ޤައިލާގެ ހަޤީޤަތް މަންމެންނަށް އެނގެން ބޭނުން، ލޯބިވާ މީހުން ދެވަނަ ފަހަރަށް ޤައިލާގެ ފަރާތުން ސަލާމަތްކުރެވޭނީ އޭރުން، ވަންސް އިޒް އިނަފް...'' އަސަލް ބުންޏެވެ.
''ރަނގަޅު، ޤައިލާއަކީ އޭނަގެ މިސްޓޭކްތައް ދެނެގަތުމުގެ ޤާބީލުކަން ހުރި މީހެއް ނޫން...'' ދާމިން ބުނެލިއެވެ. ''ވަރީގެ ކަންތައް ނިމުނީމަތަ ބުނާނީ؟...''
''އާނ، ހުރިހާ ކަމެއް ނިމުނީމަ ބުނާނީ، ރަށަށް ދާ ޚަބަރާއި ގުޅުވައިގެން...'' އަސަލް ބުންޏެވެ. ލަސްލަހުން ހުރިހާ ކަމެއް ހަމައަކަށް އެޅިދާނެކަމުގެ ޔަޤީންކަން އަސަލްއަށް ލިބުނެވެ. ހުރިހާ ވެސް ޝުކުރެއް ދާމިން އަށެވެ. ދާމިން އޭނަގެ ގާތުގައި ނެތްނަމަ އޭނަ ހުންނާނީ އަދިވެސް ޤައިލާގެ ވަކިތަކުގެ ދަށުގައެވެ. މިއަދު އޭނަގެ ލޯ ހުޅުވިއްޖެއެވެ. ދުޢާއަކީ ހޯދަން އެދޭ މަންޒިލް ހާސިލްވުމެވެ.
*****
ފަތިހަށް އަލިވިލިގެން ދިއުމާއެކުގައި ކޮވެލީގެ އަޑުން ރަށުތެރެ ގުގުމާލިއެވެ. ދާނުގެ އަރާމާއި ލައްޒަތު ދޫކޮށްލުމަށްފަހުގައި ފަތިސް ނަމާދުގެ ބަރަކާތާއި ދަރުމަ ހޯދަން މައިހާ އޭނަގެ ހަށިގަނޑު އެނދުން ނެގިއެވެ. އެނދުގައި ފޭޑީގައި އިށީންނަމުން މޯޅިއަކަށް ދެމިލިއެވެ. ފަތިހަށް ތެދުވަން އާދައަކަށް ވެފައިވާތީ ފޯނު އެލާމްކުރާކަށް ވެސް ނުޖެހެއެވެ.
ލޮލުން ނިދީގެ އަސަރު ފިލުމާއެކު މައިހާ ކޮޅަށް ތެދުވުނެވެ. ފާޚާނާއަށް ވަނުމުގެ ކުރިން ރޭގައި އިސްތިރިކުރި މަޑު ފިޔާތޮށިކުލައިގެ އަބަޔާ ނެގިއެވެ. އަބަޔާއާއި ގުޅުވާލެވޭނެހެން ބެއިޖް ކުލައިގެ ޝޯލް އެކެވެ. ފެންވަރާލަން ފާޚާނާއަށް ވަނީ ހުރިހާ އެއްޗެއް ހަމަކޮށްލާފައެވެ.
ތާފަނާފެނުން ފެންވަރާލުމުން ހަށިގަނޑަށް ތާޒާކަން ލިބުނެވެ. ފެންވަރާލައިގެން މައިހާ ފާޚާނާއިން ނިކުތީ ގޭތެރޭގައި ލައިއުޅޭ ހަރުވަޅިއަކާއި އަތްދިގު ޓީޝާޓެއް ލައިގެންނެވެ. އަތްމަތި އަވަސްކޮށްލަމުން މުސައްލަ ނަގައިގެން ފުރަތަމަ ސުންނަތް ދެރަކުއަތް ކޮށްލިއެވެ. އެއަށްފަހު ފަތިސް ނަމާދެވެ. ނަމާދުން ނިންމާލަމުން ނަމާދުކުރާ ތަކެތި އެހުންނަ ތަނުގައި ބެހެއްޓިއެވެ.
ރީތިވާމޭޒު ދޮށުގައި މައިހާ އިށީނީ ތެތްކަން އެކުލެވިގެންވި އިސްތަށިގަނޑު ހިއްކާށެވެ. ހެޔާޑްރަޔާ އޮންކޮށްލަމުން ކޮނޑުން ތިރިއަށް ވާހެން ކޮށާލެވިފައިވާ ފަން އިސްތަށިގަނޑު ހިއްކާލިއެވެ. މޫނުގައި މޮއިސްޗަރައިޒާ ހާކާލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތީ ހެނދުނު ސަޔަށް މަންމައަށް އަތްގާތްކޮށްލަ ދިނުމަށްފަހު ސްކޫލަށްދާން ތައްޔާރުވާން ގަސްދުކޮށްގެންނެވެ.
ކޮޓަރިން ނިކުންނަމުން ކުރިއަށް ދެވެން އޮތް ސަރައްކާލިން މައިހާ ހިނގައިގަތެވެ. ސަރައްކާލި ހުންނަނީ ގޭގެ ބޮޑުކޮޓަރިއަށާއި ބަދިގެ ބަޔަށް ދެވޭނެހެން ދެ ރާސްތާއަކަށެވެ. ގޭގެ ފެންޑާއިން ވަދަދެވެން ހުންނަނީ ބޮޑުކޮޓަރިއަށެވެ. ބޮޑުކޮޓަރިން ލާފައި ދެވެން އޮތްނަ ދިގު ސަރައްކާލީގެ ދެފަރާތުގައި ހަތަރު ކޮޓަރިއެވެ. ބަދިގެއާއި ކާކޮޓަރި ހުންނަނީ ގޭގެ ބިއްދޮށަށް ވާ ގޮތަށެވެ. ބަދިގެއިން ލާފައި، ގޭގެ ފަހަތުގައި އޮތްނަ ހުސް ގޯތީގައި ރަމީޒާގެ މަންމަ ސާރިޔާ ހައްދާ ކުޑަ ދަނޑަށް ވަދެވޭނެހެން ދޮރެއް ހުރެއެވެ. އެތާ އިންދާފައި ހުންނަނީ ތޮރަލާއި، ބައްޓާއި، ޖުމްހޫރީމޭވާގެ އިތުރުން ބަރަބޮލެވެ. ދަނޑުވެރިކަމާއި ގަސްއިންދުމަކީ ސާރިޔާ ނިކަން ފޯރި ހުންނަ ކަމެކެވެ. ގޭގެ މެދު ގޯތީގައި ވެސް ބޮޑު އަނބުގަހަކާއި، ބަބުކެޔޮ ގަހެއް ހުރެއެވެ. ބަގީޗާ ގަސްތައް ވެސް މަދެއް ނޫނެވެ. ނޫކުލައިގެ މައި ދޮރާއްޓަށް ވާހެން އޮރެންޖާއި މަޑު ރަތްކުލައިގެ ބޯގަން ވިލައެއް އަރުވާފައި އޮވެއެވެ.
ޒަމާނީ ފެންވަރަށް ހަދާފައި ހުރި ބަދިގެ ބަޔަށް މައިހާ ވަނެވެ. އުނދުން ކައިރީގައި އުޅުނު ރަމީޒާއަށް މައިހާގެ ހިލަން ވެގެން ބަލައިލިއެވެ. ބޮޑު ފަތިހާ ތެދުވެގެން ހެނދުނުގެ ސައި ތައްޔާރުކުރުމަކީ ރަމީޒާގެ އާދެއެކެވެ. މައިހާ ޑިއުޓީއަށް ދާން ވާއިރަށް ސުފުރާމަތި ހެދުމަށެވެ. އެއީ ކުޑަ ޢާއިލާ އެކެވެ. ގޭގައި އުޅެނީ އުމުރުން ދުވަސްވީ ރަމީޒާގެ މަންމަ، ސާރިޔާގެ އިތުރުން މައިހާ އެވެ. ދޮށީ ދަރިފުޅު ނަވްރާ ކައިވެންޏަށް ފަހު ދިރިއުޅެނީ ފިރިމީހާގެ ގޭގައެވެ. މީގެ ބާރަ އަހަރު ކުރިން ނުރައްކާތެރި އެކްސިޑެންޓެއްގައި ރަމީޒާގެ ފިރިމީހާ، ނޫހު ވަނީ ނިޔާވެފައެވެ. އެހިތްދަތިކަމާއި ރަމީޒާ ކުރިމަތިލީ ދަރިންނަށްޓަކައެވެ. އެއީ ފުދިގެން އުޅޭ އުފާވެރި ޢާއިލާއެކެވެ. ލޯތްބާއި އެއްބައިވަންތަކަމުގެ ގުޅުމުން ފުރިހަމަކަން ގެނެސްދީފައިވެއެވެ.
''މަންމާ، އަޅުގަނޑު ކީއްކޮށްލަދޭންވީ؟...'' އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން މައިހާ ސުވާލުކޮށްލިއެވެ. މަންމަ ފަތިހާ ބަދިގެއަށް ވަންނާތީ މައިހާ އަންނަންވާއިރަށް ހުންނާނީ ގިނަ ތައްޔާރީތައްވެ ނިމިފައެވެ. މިއަދު ވެސް މަސްހުނި މޮޑެލައި ބިސްގަނޑު ހުރީ ތައްޔާރުކޮށްލާފައެވެ. ރޭ ފިހުނު ރޮށި ބާކީވެފައި ހުރުމުން ރޮށި ފިހާކަށް ނުޖެހުނެވެ.
''ސައި ތައްޔާރުކޮށްލަބަ...'' ތަވާގައި އޮތް ބިސްގަނޑު ދޭފަތުން ފުރޮޅަމުން ރަމީޒާ ބުންޏެވެ. މައިހާ ބޯޖަހާލިއެވެ. ފެންހޫނުކުރާ ޖަގަށް ފެން އަޅަން ހުއްޓާ، މައިހާއަށް ބަދިގެއަށް ވަދެގެން އައި މާމަ ފެނުނެވެ. ހައުސްކޯޓާއި ވަށްބުރުގާގައި މާމަ ހުރީ ދުވަންދާ ބޫޓަށް ވެސް އަރައިގެންނެވެ. މާމަ ފެނުމުން މައިހާއަށް ހައިރާންކަން ލިބުނެވެ. ހެނދުނުހެނދުނާ ބޭރަށް ދާން ތައްޔާރުވެލައިގެން ހުރުމުންނެވެ.
''މާމާ، ގްރީން ޓީ ތައްޔާރުކޮށްލަންތޯ؟...'' މައިހާ އެހިއެވެ.
''ނޫނޭ... މާމަ މިދަނީ ހުސްނާއްތައާއެކު ހިނގާލަން ދާން...'' ސާރިޔާ ބުންޏެވެ. ސާރިޔާއަކީ ތަންކޮޅެއް ހިކިކޮށް ކުރުކޮށް ހުންނަ މީހެކެވެ. ޒުވާން އުމުރުގެ ރީތިކަން ފަނޑުކޮށްފައިވަނީ މުސްކުޅި އުމުރާއެކު މޫނުގައި ގިނަވެފައިވި ރޫތަކުންނެވެ. މުސްކުޅި ވިޔަސް އޭނައަކީ މުރާލި މީހެކެވެ. ބަނބުކެޔޮ މޫސުމުގައި ބަނބުކެޔޮ ތެއްލައި ވިއްކާނެއެވެ. ކުޅި ކާޖާ ވިއްކައެވެ. ހުކުރަކީ އެކަމަށް ހާއްސަ ދުވަހެވެ. އެކަމުގައި ގޭގެ އެންމެން ސާރިޔާއަށް އެހީވާނެއެވެ. ޢާއިލީ ގުޅުން ބަދަހިކުރަން ލިބޭ ފުރުސަތެކެވެ. ނަވްރާ ވެސް ހުކުރު ދުވަހު އަންނާނެއެވެ.
''މާމަ އަނެއްކާ ހިނގަންދާންފެށީތޯ؟...'' މައިހާ ސުވާލުކޮށްލިއެވެ.
''އެހެންޏަ، ހުސްނާއްތަ ބަރުދަން އިތުރުވެގެން އުޅެނީ، އެހެންވެ ރޭގަ ބުނެފި މާމަ ގާތު ހިނގަންދާށޭ...'' ސާރިޔާ އޮޅުން ފިލުވައިދިނެވެ. ހުސްނާއަކީ ސާރިޔާގެ ދުވަސްވީ އެކުވެރިޔާއެވެ. އަސަލްގެ މާމައެވެ.
މައިހާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މާމައާއި ހުސްނާއްތަގެ ދެމެދުގައި އޮތްނަ ވަރުގަދަ އެކުވެރިކަމުގެ ގުޅުން ފެނުމުންނެވެ. އެކަކުއަނެކަކަށް ދިރިއުޅުމުގެ ކަންތަކުގައި އެހީވެދިނުމުގެ ނަމޫނާ މިސާލެކެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. މައިހާ ކުއްލިޔަކަށް ހަނދާންވީ އަސަލް މަތިންނެވެ. އެއާއެކު ހިނިތުންވުން ފަނޑުވެއްޖެއެވެ.
''ސާރިޔާ، ކޮބާ ތައްޔާރުތަ؟...'' ހާމަފެންޑާއިން ހުސްނާ ސަލާމް ގޮވާލި އަޑު އިވުނެވެ. އެއަށްފަހު މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފެނުނީ ބަދިގެއަށް ވަދެގެން އައި މަންޒަރެވެ. ހުސްނާއަކީ އިސްކޮޅުން ދިގު، ފަލަ މީހެކެވެ. ބަރުދަން އިތުރުވެ ކޮލެސްޓްރޯލްގެ މައްސަލަ ޖެހިދާނެތީ މިހާރު އޭނަ ހުރީ ބަރުދަން ލުއިކުރުމުގެ އަޒުމުގައެވެ. އަނގަގަދެވެފައި ވާހަކަ ކޮނުމުގައި ހުސްނާއަކީ މާހިރެކެވެ. ރަށު ތެރޭގައި ހުސްނާއަށް ނޭނގި ގާ ކޮޅެއް ވެސް ފުރޮޅޭކަމަކަށް ނުވެ އެވެ. އަޑެއް އިވޭ އިރަށް ހަމަ އެހަލުވިމިނުގައި ސާރިޔާގެ ކަންފަތާ ހަމައަށް ގެނެސްދޭނެއެވެ. ސާރިޔާ އެކަމަށް މާބޮޑު ފޯރިއެއް ނެތަސް އެކުވެރިޔާގެ ވާހަކަތަކުގައި ބައިވެރިވެލާނެއެވެ.
މައިހާ ފެނުމުން ހުސްނާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ސާރިޔާއާއެކު ނިކުންނަން ހިނގައިއިގަތީ ލޯބިން މައިހާގެ ބޮލުގައި ފިރުމާލަފައެވެ. މައިހާއަކީ ހުސްނާގެ ހިތުން ހާއްސަ މަގާމެއް ހޯދާފައިވާ ކުއްޖެކެވެ.
މަންމައާއެކުގައި ހެނދުނުގެ ސަޔަށް އިންސާފުކޮށްލަމުން މައިހާ އަނބުރާ ކޮޓަރިއަށް ވަނެވެ. ސްކޫލަށް ދާން ތައްޔާރުވުމަށެވެ. އޭރު ގަޑިޖެހެން އޮތީ ބައިގަޑި އިރެވެ.
*****
ރަތްކުލައިގެ އެއާބްލޭޑް ސައިކަލު ގަރާޖުން ނެރެމުން، ސައިކަލު ދުއްވާލުމުގެ ކުރިން ކޮނޑުގައި އަޅުވަފައި އޮތް އަތްދަބަހުގެ ވާގަނޑު ރަނގަޅުކޮށްލިއެވެ. އެވަގުތު ޖެހިލި ވައިރޯޅިއާއެކު ޖެހިގެން ހުރި ގޯތިން މަގާއިވީ ފަޅިއަށް ލެނބިފައި ހުރި ޖަންބުގަހުގެ އޮފިތަކުގައި ފޮޅިފައި ހުރި މަލުގެ ކަރުގަނޑުތައް ވިހުރިލައިފިއެވެ. މައިހާގެ އަތަށް ވެއްޓުނު ނަރުކޮޅަކަށް އޭނައަށް ބަލައިލެވުނެވެ. ފަނޑު ހިނިތުންވުމަކާއެކު ދަނބުކުލައިގެ ނަރުކޮޅަށް މައިހާ ފުމެލިއެވެ. އޭނަގެ ނަޒަރު ދެން ހުއްޓުނީ ޖަންބުމަލުން ބަރާވެފައި ހުރި ގަހަށެވެ. ގަހުގެ ހިޔަލުގައި ހުރި ޖޯއްޔާއިއެކު މަގުގައި އޮތީ ދަނބުކުލައިގެ ދޫލައެއް ފަތުރާލާފައެވެ. މޮޅިވެރިކަން މައިހާގެ ދެލޮލުން ފާޅުވީ ކަޅުކުލައިގެ ބޮޑު ގޭޓަށް އޭނަގެ ނަޒަރު ހުއްޓުމުންނެވެ. ރަށަށް އައީއްސުރެން މައިހާ ހުންނަނީ ހިތް ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އިރުއިރުކޮޅާ އޭނަގެ އިހުތިޔާރުން ބޭރުގައި އަސަލްގެ ހަނދާންތައް އާލާވެގެންދެއެވެ. މުޅި މީހާ މާޔޫސްކޮށްލާފައެވެ. އޭނައާއި އަސަލްގެ ވަދާއީ ބައްދަލުވުމުގައި އެކުލެވިގެންވި ހާސްކަން މައިހާއަށް އުނދަގޫކުރަމުން ދެއެވެ. ޤައިލާގެ ފަރާތުން އަމާޒުވި ރުޅިވެރިކަން ވެސް މެއެވެ. މައިހާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ޤައިލާ އޭނަ ދެކެ ރުޅި އަންނަ އިރުގައި އަސަލްއާއި އޮތް އެކުވެރިކަން ކުރިއަށް ގެންދަން މައިހާ ފަސްޖެހުނެވެ. އަސަލް އެކަމަށް އެދުނަސް މެއެވެ. ދެމަފިރިންގެ ދެމެދުގައި އޭނަގެ ސަބަބުން މައްސަލަ ޖެހިދާނެތީއެވެ.
''ދުރުގަ ހުރުން ރަނގަޅުވާނީ... އެލީ އަހަރެން ދެކެ ރުޅި އަންނަ އިރުގަ އަޒްއާއި ވާހަކަދެއްކުންއެއީ ރަނގަޅު ގޮތެއް ނޫން، އަހަރެންގެ މެސެޖަށް އަދިވެސް އެލީ ޖަވާބެއް ނުދޭ، ކީއްވެ މިހެން މިވަނީ؟، އެލީ އަހަންނާ ވާހަކަ ދައްކާނެނަމަ، ވެދިޔަ ކަންތައް ބަދަލު ކުރެވޭނެނަމަ...'' މައިހާގެ މޫނު މިލައިފިއެވެ.
(ނުނިމޭ)
ދޭނުހޭ ކަލާ