ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ވަންނަ މަގުގެ މަރާމާތުގެ މަސައްކަތަށް ވަކި ވަގުތަކަށް އެ މަގު ވަގުތީގޮތުން ބަންދުކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

ވީއައިއޭގެ އާ ޓާމިނަލް މަހުގެ 26 ގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ އިރު، އެމްއޭސީއެލުން އަންނަނީ އެ ސަރަހައްދުގައި ހިމެނޭ މަގުގެ މަރާމާތުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެމްއޭސީއެލުން މިއަދު ބުނީ ވީއައިއޭއަށް ވަންނަ މައި މަގު އެއްވަރުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ކުރިއަށްދާނީ ހަތަރު ފޭސްއަކަށް ބަހާލައިގެން މިމަހުގެ ހަތްވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00 އިން ހެނދުނު 6:00 އަށް ކަމަށެވެ.

3 ޖުލައި 2025، ވީއައިއޭއަށް ވަންނަ މަގުގެ މަރާމާތުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ/ އެމްއޭސީއެލް

"މި ވަގުތުތަކުގައި ޓްރެފިކް ބަލަހައްޓައި، ރައްކާތެރިކަން ކަށަވަރުކުރުމުގައި މި ކުންފުނީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ މުވައްޒަފުން ހަރަކާތްތެރިވާނެއެވެ. އޭގެ އިތުރުން ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް މަގު ބަންދުކޮށްފައިވާ ކަމުގެ ނިޝާންތަކާއި މާކިންތަކާއި ބެރިއާތައްވެސް ބަހައްޓާފައި ހުންނާނެއެވެ..،" އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން ބުނީ އެކަމުގެ ސަބަބުން އެއާޕޯޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި އެއާޕޯޓް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

އެ ވަގުތުތަކުގައި ވީއައިއޭއަށް ވަންނަ މަގު ބަންދުވި ނަމަވެސް، ހުރިހާ ވަގުތަކެއްގައި އެއްކޮޅަށް ދުއްވޭ ގޮތަށް ހަމަޖެހިފައިވާނެ ކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ.