ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގެ ހަވާސާގައި، ރާއްޖޭގެ ފަރާތުން އިންތިޒާމުކޮށްގެން ރޭ ކުރިއަށްގެންދިޔަ، "އެމްޕަވަރިން އެމް.އެސް.އެމް.އީޒް އިން ސިޑްސް ތުރޫ ގްރާންޓްސް: ލެސަންސް ފްރޮމް ދަ މޯލްޑިވްސް އެކްސްޕީރިއަންސް" އިވެންޓުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ 90 އިންސައްތަ ހިއްސާކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، "ކްރިއޭޓިވް އިކޮނޮމީ ސްޓްރެޓެޖިކް އެކްޝަން ޕްލޭން" ގެ މައްޗަށް އަލިއަޅުއްވާލައްވައި، ނައިބު ރައީސް ވިދާޅުވީ މާލީ ތަނަވަސްކަން އިތުރުކުރާނެ މަގުތައް ތަނަވަސްކޮށްދިނުމުގެ އިތުރުން، އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން މަސައްކަތްކުރާނެ މާހައުލުތައް ތަރައްގީކޮށްދިނުމާއި، މާކެޓުތަކަށް ވާސިލުވެވޭނެ ގޮތްތައް ފަހިކޮށްގެން ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެމްއެސްއެމްއީތަކަށް ބޭނުންވާ ހުނަރާއި ތަމްރީނާއި އިލްމާއި މާލީ އެހީ ލިބޭނެ ގޮތްތަކާއި،ގާނޫނީ އޮނިގަނޑުތައް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި ޕްލޭންގައި އަލިއަޅުވާލާފައިވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި އަތޮޅުތެރޭގެ ރަށްތަކުގައި އަންހެނުންނާއި ޒުވާނުން އިސްނަގައިގެން ހިންގާ ވިޔަފާރިތަކަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައެވެ. އަދި ވަކިން ހާއްސަކޮށް އަންހެން ވިޔަފާރިވެރިންނަށް މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި ދާދިފަހުން ލޯންޗުކުރެވުނު ފަށާ މަދަދު ލޯނު ސްކީމްގެ ދެވަނަ ފިޔަވަހީގެ މަޝްރޫއު ފާހަގަކުރެއްވިއެވެ.
މި ސްކީމްގެ ދަށުން 25 އިންސައްތަ ލޯނު ދޫކުރުމަށް ހާއްސަކޮށްފައިވަނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
އޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިން ހިދުމަތް ފުޅާކޮށް، ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށްގެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެފް.އެފް.ޑީ.4 ގައި ބައިވެރިވަޑައިގަތުމަށް ނައިބު ރައީސް މިވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ.
އާއިޝަތު މާހާ
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު