ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހު ހަސީނާ ހަ މަހަށް ޖަލަށް ލާން އޭނާގެ ޣައިރު ހާޒިރުގައި އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ)ން ހުކުމްކޮށްފިއެވެ.

އައިސީޓީއަކީ ބަންގުލަދޭޝްގައި ގާއިމުކޮށްފައި ހުންނަ އެ ގައުމުގެ ކޯޓެކެވެ. އައިސީޓީ އުފެއްދީ ހަސީނާގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރު 2010 ވަނަ އަހަރުގައެވެ. އެ ކޯޓަކީ 1971 ވަނަ އަހަރުގެ ހަނގުރާމަވެރި ކުށްތަކުގައި ތުހުމަތުވި މީހުންގެ މައްޗަށް ދައުވާކުރުމުގެ ގޮތުން ހަސީނާ އުފެއްދެވި ކޯޓެކެވެ.

ހަސީނާގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވާއިރު އޭނާ މިވަގުތު ހުންނެވީ އިންޑިއާގައެެވެ. އޭނާ އިންޑިއާއަށް ވަޑައިގެންފައިވަނީ އޭނާގެ ސަރުކާރާ ދެކޮޅަށް ބަންގުލަދޭޝްގައި ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެންނެވެ.

ހަސީނާގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ހަ މަހުގެ ހުކުމެއް އިއްވާފައިވަނީ އައިސީޓީގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެ ހުކުމަކީ ހަސީނާ އެހެން މީހަކާއެކު ކުރި ފޯނު ކޯލެއްގައި އޭނާއާ ދެކޮޅަށް ބަންގުލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން 277 ދައުވާއެއް ހުށަހަޅާފައި ވުމުން، 277 މީހަކު މަރާލުމުގެ ލައިސަންސް ލިބިފައިވާކަމަށް ހަސީނާ ވިދާޅުވެފައިވާ މައްސަލައެއް ސާބިތުވެގެން ކުރި ހުކުމެކެވެ.

ބަންގުލަދޭޝްގެ ފޮރެންސިކް ތަހުލީލުތަކުން ވަނީ އެއީ ހަސީނާ އަޑުކަން ކަށަވަރުކޮށްދީފައެވެ.

ސީއެންއެންއިން ބަންގުލަދޭޝްގެ ޗީފް ޕްރޮސެކިއުޓަރު މުހައްމަދު ތާޖުލް އިސްލާމްއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އައިސީޓީން ހަސީނާގެ ޣައިރު ހާޒިރުގައި ކުރި ހުކުމް ތަންފީޒުކުރަން ފަށާނީ ހަސީނާ ހައްޔަރު ކުރެވުނު ދުވަހަކުންނެވެ. ނުވަތަ ހަސީނާ އަމިއްލައަށް ގައުމަށް ވަޑައިގެން، ކަމާބެހޭ ފަރާތްތަކަށް އަމިއްލައަށް ހާޒިރުވެވަޑައިގެންނެވި ދުވަހަކުން ފެށިގެންނެވެ.

މިއީ ހަސީނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ ގުޅިގެން ހުކުމެއް ކުރި ފުރަތަމަ ފަހަރެވެ.