ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ތިމާވެށި ރައްކާތެރިކުރުމުގެ އާ ޕްރޮގްރާމު، އީއެންވީ ޕީއޯއެސްގެ ދަށުން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ޕާލޭ މޯލްޑިވްސްއާއެކު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އީއެންވީ ޕީއޯއެސްގެ ދަށުން، ބީއެމްއެލްގެ ކާޑު މެޝިންތަކުން ކުރެވޭ ކޮންމެ މުއާމަލާތަކަށް، ކަސްޓަމަރު އަދި ވިޔަފާރިވެރިތަކުން އަތުން އެއްވެސް އަދަދެއް ނެގުމެއްނެތި، ބޭންކުގެ އާމްދަނީން ވަކި މިންވަރެއް ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ހޭދަކުރަން ވަނީ ނިންމައިފައެވެ.
އެހެންކަމުން އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށްޓާއި ކަނޑުފަރުގެ ދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން ބުނީ އީއެންވީ ޕީއޯއެސްގެ ދަށުން، ޕާލޭގެ "އެވޮއިޑް. އިންޓަސެޕްޓް. ރީޑިޒައިން" ސްޓްރެޓެޖީގެ ތެރެއިން، ޕްލާސްޓިކް ކުނި ޖަރުމަނާއި ޓައިވާން އަދި މެލޭޝިއާއަށް ރީސައިކަލް ކުރުމަށް ފޮނުވުމުގެ މަސައްކަތުގައި ބޭންކުން ޕާލޭއަށް އެހީތެރިވެދޭނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ކަނޑަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ ތަނެއް ނަމަވެސް ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކާއި ވަސީލަތްތަކަށް ނުރައްކާވަމުންދާ މިންވަރު ދަނީ އިތުރުވަމުން ކަމަށެވެ.
"އެހެންކަމުން، ކަނޑުތައް ރައްކާތެރިކުރުމަށާއި، ޕްލާސްޓިކްގެ ބޭނުން މަދުކުރުމަށާއި، ތަކެތި އުފެއްދުމުގެ ކުރިމަގު ބަދަލުކުރުމަށް ޕާލޭއިން ކުރާ މަސައްކަތަށް އެހީތެރިވެ، ބަދަލެއް ގެނައުމަށް ޕާލޭއާއެކު މަސައްކަތްކުރުމަށް ލިބުނު ފުރުސަތާ މެދު އަޅުގަނޑުމެން ވަރަށް ފަހުރުވެރިވަން. މި ބައިވެރިވުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، އަޅުގަނޑުމެންގެ އާ ބޭންކް ކާޑުތައް ރާއްޖެއިން ބޭރުކުރާ ޕްލާސްޓިކުން ތައްޔާރުކުރާ ޕާލޭ އޯޝަން ޕްލާސްޓިކް އިން އުފެއްދުމަށް ވެސް އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން،" ޝަރީފް ވިދާޅުވިއެވެ.
އެ ބައިވެރިވުމާ ގުޅޭގޮތުން ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހީނާ އަލީ ވިދާޅުވީ، ކަނޑުގެ ވެށްޓަށް މުހިންމު ބަދަލެއް ގެނައުމަށާއި، ކަނޑަށް އަޅާ ޕްލާސްޓިކް ނައްތާލުމަށް ޕާލޭއިން ކުރާ މަސައްކަތް ފުޅާކުރުމަށް ބީއެމްއެލްއާއެކު މަސައްކަތްކުރުމަށް ލިބުނު ފުރުސަތާ މެދު ވަރަށް އުފާކުރާ ކަމަށެވެ.
"މި ބައިވެރިވުމަކީ ރާއްޖެ ދެމެހެއްޓެނިވި ނެޓް-ޒީރޯ މުސްތަގުބަލަކާ ދިމާއަށް ގެންދިއުމުގެ ހަރަކާތަށް ބާރު ލިބިގެންދާނެ ކަމެއްކަން އަޅުގަނޑަށް ޔަގީން،" އޭނާ ވިދާޅުވިއެވެ.
އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލުން ގެންގުޅޭ ދިގު މުއްދަތުގެ އަމާޒުގެ ދަށުން، ކަސްޓަމަރުން ދުވަހުން ދުވަހަށް ކުރާ މުއާމަލާތްތަކުގައި އީއެންވީ ޕީއޯއެސް ޓާމިނަލްތައް ބޭނުންކޮށްގެން ފެހި މުސްތަގުބަލަކަށް މަގު ތަނަވަސްކޮށްދޭނެ ޕްރޮގްރާމެކެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއި އޭޓީއެމް އަދި ޑިޖިޓަލް ބޭންކިން ހިދުމަތްތަކާއެކު، ބީއެމްއެލް އަކީ ރާއްޖޭގެ މާލީ ނިޒާމުގެ މުހިންމު އިދާރާއެކެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް