ތ. ވިލުފުށި ބަނދަރުގައި އޮތް ދެ ތެޔޮ ބޯޓެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެ ބޯޓުގެ ވެރިޔާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

އެ ހާދިސާގައި ފިހިފައިވަނީ ތެޔޮ ބޯޓުގެ ވެރިޔާގެ އިތުރުން ބޯޓުގައި މަސައްކަތްކުރާ ބިދޭސީއެކެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ހައްވާ އަފީފާ "ވަން" އަށް މިއަދު ވިދާޅުވީ އެ ހާދިސާގައި އިތުރު ފަރުވާއަށް ގެނައި 61 އަހަރުގެ ދިވެހި ފިރިހެނަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު މިވަގުތު ހިއްސާ ކުރެވެން ނެތްކަމަށް އޮފިޝަލު ވިދާޅުވިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި 61 އަހަރުގެ އެ މީހާގެ ހަށިގަނޑުގެ ވަރަށް ބޮޑުބައެއް ވަނީ ފިހިފައެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ވިލުފުށީ ސިއްހީ މަރުކަޒުންނެވެ. ހާލު ސީރިއަސްވުމުގެ ސަބަބުން އިއްޔެ ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސްފައެވެ.

އަލިފާނުގެ އެ ހާދިސާގައި ބިދޭސީ މީހާއަށް އެހާ ބޮޑު އަނިޔާތަކެއް ލިބިފައެއްނުވެއެވެ.

ވިލުފުށިން ވާހަކަ ދެއްކި މީހަކު "ވަން" އިއްޔެ ބުނެފައިވަނީ ރޯވެފައި ވަނީ ލަކުޑިން ހަދާފައިވާ ދެ ތެޔޮ ބޯޓެއްގައި ކަމަށެވެ.

ބޯޓުގައި އަލިފާން ރޯވެފައިވަނީ ޕެޓްރޯލް ފުލްކޮށް ހުއްޓައި ޕަމްޕު ޖެއްސުމުން ކަމަށާއި ދެވަނަ ބޯޓުގައި ރޯވެފައިވަނީ ފުރަތަމަ ބޯޓުގައި ރޯވި އަލިފާންގަނޑު އެ ދޯންޏަށް ފެތުރިގެން ކަމަށެވެ.