ދެކުނު ކޮރެއާގެ ޖެއޮންޖޫގައި ކުރިއަށްދާ އޭޝިއަން ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް، ރާއްޖޭގެ ޒުވާން ޓީމުން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

އޭޝިއާގެ ޔޫތު ނެޓްބޯޅަ މުބާރާތް ދެކުނު ކޮރެއާގައި ކުރިއަށް ދަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ. މުބާރާތް ނިމޭނީ މާދަމާ އެވެ.

ޔޫތު ނެޓްބޯޅަ މުބާރާތް ކުރިއަށް ދަނީ ރޭންކިންނަށް ބަލައި ދެ ޕޫލަކަށް ގައުމުތައް ބަހާލައިގެންނެވެ. އެގޮތުން ރޭންކިން މަތި ގައުމުތަކުގެ ގޮތުގައި ޕޫލް އޭގައި ވާދަކުރަމުން އަންނަނީ އިންޑިއާ، ސްރީ ލަންކާ، ސިންގަޕޫރު، މެލޭޝިއާ، އަދި ހޮންކޮންގެވެ.

ރާއްޖެ ހިމެނޭ ޕޫލް ބީގެ ޓީމުތައް ކަޕް ޗެމްޕިއަންކަމަށް ވާދަކުރާ އިރު، އެ ޕޫލްގައި ހިމެނެނީ ސައޫދީ އަރަބިއްޔާ، ޕާކިސްތާން، ދެކުނު ކޮރެއާ، ޗައިނީސް ޓައިޕޭ، އަދި ޖަޕާނެވެ.

ލީގު ބުރުގައި ރާއްޖެ ބަލިވީ ޕާކިސްތާން ކައިރިން އެކަންޏެވެ. އެއީ 49-39 ގެ ނަތީޖާއަކުންނެވެ. ރާއްޖެއިން ޗައިނީސް ޓައިޕޭ ކައިރިން 51-26 އިން މޮޅުވި އިރު، 59-32 އިން ޖަޕާންވެސް ބަލިކުރިއެވެ. އަދި ސައުދީ ކައިރިން ރާއްޖެ މޮޅުީ 73-20 ގެ ސްކޯއަކުންނެވެ.

ރާއްޖެއިން އެންމެ ބޮޑު މޮޅެއް ހޯދީ ދެކުނު ކޮރެއާ އަތުންނެވެ. އެއީ 129-03 ގެ ސްކޯއަކުންނެވެ.

ރާއްޖެއިން ބުރާސްފަތި ދުވަހު ސެމީގައި ނުކުންނާނީ ޗައިނީސް ޓައިޕޭއާ ދެކޮޅަށެވެ.