ބޭރުގެ އޮންލައިން ވިޔަފާރިތަކަށް ހަދާ މުއާމަލާތްތަކަށް ހަތަރު ކާޑަކުން 30 ޕަސަންޓުގެ ފީއެއް ނުނަގާނެ ކަމަށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލުން އިއްޔެ ވަނީ އެ ބޭންކުގެ ޑެބިޓް ކާޑުތަކަށް ކަނޑައަޅާފައިވާ 250 ޑޮލަރުގެ ލިމިޓް މިއަދުން ފެށިގެން 500 ޑޮލަރަށް ބޮޑުވާނެކަން އިއުލާންކޮށްފައެވެ. އަދި ބައެއް އޮންލައިން ވިޔަފާރިތަކަށް ކުރެވޭ މުއާމަލާތްތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނެގުމަށް ބީއެމްއެލުން ވަނީ ނިންމައިފައެވެ.
ބީއެމްއެލުން ބުނެފައިވާ ގޮތުގައި ޑެބިޓް ކާޑުތަކުން ރާއްޖެއިން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުމެވެ. އެހެންކަމުން ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން 30 ޕަސަންޓުގެ ފީއެއް ނެގުމަށް ނިންމާފައިވެއެވެ.
ބީއެމްއެލުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭހެން ބޭރުގެ އެކި ވެބްސައިޓުތަކުން އިތުރު އެއްވެސް ފީއަކާ ނުލައި ބީއެމްއެލްގެ ހަތަރު ކާޑަކުން ވިޔަފާތި ކުރެވޭނެ ކަމަށެވެ. އެއީ؛
- ކްރެޑިޓް ކާޑު
- ޓްރެވަލް ކާޑު
- ޔޫއެސްޑީ ޑެބިޓް ކާޑު
- ބިޒްނަސް ޑެބިޓް ކާޑު
ބީއެމްއެލުން މިއަދު ބުނީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ކުރިއެކޭވެސް އެއްގޮތަށް 750 ޑޮލަރާ ހަމައަށް ފައިސާ ނަގައި ޕޭމަންޓް ހެދޭނެ ކަމަށާއި އެކަމަށް އެ ބޭންކުގެ ވެބްސައިޓުގެ ފޮރިން ލިމިޓް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާ ކުރެވޭނެ ކަމަށެވެ.
އެ 750 ޑޮލަރުގެ ލިމިޓު ހަމަޖައްސަން ބޭނުންވާ ރުފިޔާ ޑެބިޓު ކާޑު އިހުތިޔާރުކުރެވޭނެ ކަމަށާއި އެ ލިމިޓާ ހަމައަށް ޕީއޯއެސް މެޝިންތަކުން ޓްރޭންސެކްޝަންތައް ހަދައި، އެ ގައުމެއްގައި ހުންނަ އޭޓީއެމްތަކުން ފައިސާ ނެގޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ޕީއާރް މެނޭޖަރު މުހައްމަދު ނާސިހު މިއަދު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން އޭޓީއެމްއިން ފައިސާ ނަގާ އިރުވެސް، ކުރިއެކޭ އެއްގޮތަށް އެއްވެސް ނުނަގާނެ ކަމަށެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ބަދަލަކާ ނުލައި ޑޮލަރު ނެގެން ހުންނަ ނަމަވެސް، ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ނެގޭނީ މަހަކު 125 ޑޮލަރު ކަމަށް ބީއެމްއެލުން އިއްޔެ ވަނީ ނިންމައިފައެވެ. އަދި އެ ފަރާތްތަކުން އޭޓީއެމްއިން ފައިސާ ނަގާ ނަމަ، 10 ޑޮލަރުގެ ފީއެއް ނެގުމަށް ވެސް ނިންމާފައިވެއެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުގެ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓަށް ގެނައި ބަދަލުތަކުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ދަރިވަރުންނަށް ކަނޑައަޅާފައިވާ 1200 ޑޮލަަރުގެ ލިމިޓަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި ދަރިވަރުން އޭޓީއެމްއިން ފައިސާ ނެގުމުގެ ލިމިޓާއި ފީއަށް ވެސް ބަދަލެއް ނާންނަ ކަމަށް އެ ބޭންކުން ބުންޏެވެ.
ޑޮލަރު ލިމިޓު 1200 ޑޮލަރަށް އިތުރުކުރުމަށް، ކިޔަވާ ދަރިވަރުންނަށް އަދި އިންޓާންޝިޕް ފުރިހަމަކުރަމުންދާ ދަރިވަރުންނަށް ސްޓޫޑަންޓް ޕޯޓަލް މެދުވެރިކޮށް އެދެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ތީހަމަ އެންމެ ފަގީރު ނިކަމެތިންނައް ދިވެހިސަރުކާރުން ރާވައިގެން ދިން އަނިޔާއެއްގެ ގޮތުގަ ގަބޫލުކުރެވެނީ ކުރީގައި ރމގެވެރިކަމުގަ ޑޮލަރު 12.82ރ އައް ވިއްކޭނީ އަގުބޮޑުކޮއްބިއްކާ މީހުންނައް އަދަބުދެނީ މިހާރު އާއްމުރައްޔިތުންނައް ޓާގެޓްކޮއް ރައްޔިތުން ހަނާއެކުރަނީ
ރައްޔިތެއް - 12 މަސް ކުރިން