މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ކުރީގެ ގޯތީގެ ރަޖިސްޓަރީ އާއި އެއްބަސްވުން ބާތިލުކޮށް، އާ ރަޖިސްޓަރީ އާއި އެއްބަސްވުން ހާވަލުކުރަން ފަށަން ތައްޔާރުވެއްޖެއެވެ.
ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭންގެ ދަށުން ގެނެވުނު ބަދަލާ ގުޅިގެން ކުރިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ވަނީ ބަދަލުވެފައެވެ. އަދި މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ވަނީ ގުރުނެގުން ވެސް ބާއްވައިފައެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ބަދަލާ ގުޅިގެން ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީ ބާތިލުކުރެވި، އަދި ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތީގެ އެއްބަސްވުން އުވިގެންގޮސްފައިވާތީ، މިދިޔަ މަހުގެ ދެވަނަ ދުވަހު ކޮށްފައިވާ އިއުލާނުގެ ލިސްޓުގައިވާ ފަރާތްތަކަށް އާ ގޯތީގެ ރަޖިސްޓަރީ އާއި ގޯތީގެ އެއްބަސްވުން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އެހެންކަމުން، 2025 ޖުލައި 01 ވާ އަންގާރަ ދުވަހު (މިއަދު) އިން ފެށިގެން 'ހިޔާވެހި ޕޯޓަލް' މެދުވެރިކޮށް 'ބަންޑާރަ ގޯތީގެ ރަޖިސްޓަރީ' އަދި 'ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން' އާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ..،" މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ ކޮންމެ ގަޑިއަކަށް ވެސް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފަރާތްތަކަށް ކަމަށާއި މިމަހުގެ ހަތްވަނަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން އާ ގޯތީގެ ރަޖިސްޓަރީ އާއި އެއްބަސްވުން ދޫކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެޕޮއިންޓްމަންޓަށް އެދޭ އިރު، ހިޔާވެހި ޕޯޓަލަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- އާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ބޭނުންވާ އެއް ފަރާތުން އައިޑީ ކާޑު ކޮޕީ.
- ގޯތި ލިބޭ ފަރާތް/ފަރާތްތަކެއްގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވަން ބޭނުންވާ ނަމަ، "ހިޔާވެހި ޕޯޓަލް" ގައި ހިމަނާފައިވާ ޕަވާ އޮފް އެޓާނީ އަދި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ (ޕަވާ އޮފް އެޓާނީ ބަލައިގަނެވޭނީ، ނޮޓަރައިޒްކުރެވިފައިވާ ޕަވާ އޮފް އެޓާނީ އަދި ނޮޓަރީ ސެޓިފިކެޓް ހުށަހެޅުމުންނެވެ).
- މިނިސްޓްރީ އާއި ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ކޮޕީ.
- މިނިސްޓްރީން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީގެ ކޮޕީ.
މިނިސްޓްރީން ބުނީ ގޯތި ލިބޭ ފަރާތުން 'ހިޔާވެހި ޕޯޓަލް' އިން އެޕޮއިންޓްމަންޓަށް އެދި އިހުތިޔާރުކޮށްފައިވާ ތާރީހާއި ގަޑިއަށް ރިއާޔަތްކޮށް، މިނިސްޓްރީން އަންގާ ތަނަށް ހާޒިރުވުމުން އާ ގޯތީގެ އެއްބަސްވުން އަދި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވޭނެ ކަމަށާއި އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ ފަސް މިނެޓު ފަހުން ހާޒިރުވާ ފަރާތްތަކާއި ލިޔެކިޔުންތައް ފުރިހަމަނުކޮށް ހާޒިރުވާ ފަރާތްތަކަށް އެ ދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލް ކުރެވިދާނެ ކަމަށެވެ. އަދި ކެންސަލްކުރެވޭ ހާލަތުގައި އަލުން އެހެން ތާރީހަކާއި ގަޑިއަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
އެޕޮއިންޓްމަންޓު ހަމަޖެހުމުން ގެންދަންޖެހޭ ލިޔެކިޔުންތައް:
- ގޯތި ލިބިފައިވާ ފަރާތް/ފަރާތްތަކުގެ އައިޑީ ކާޑުގެ އަސްލު.
- ޕަވާ އޮފް އެޓާނީގެ ދަށުން ހާޒިރުވާ ފަރާތެއް ނަމަ، ޕަވާ އޮފް އެޓާނީގެ އަސްލު އަދި ޕަވާ އޮފް އެޓާނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު (ޕަވާ އޮފް އެޓާނީ ބަލައިގަނެވޭނީ، ނޮޓަރައިޒްކުރެވިފައިވާ ޕަވާ އޮފް އެޓާނީގެ އަސްލު އަދި ނޮޓަރީ ސެޓަފިކެޓްގެ އަސްލު ހިފައިގެން ދިއުމުންނެވެ).
- މިނިސްޓްރީ އާއި ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ އަސްލު.
- މިނިސްޓްރީން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ އަސްލު.
- މިނިސްޓްރީން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީގެ އަސްލު.
މިނިސްޓްރީން އިތުރަށް ބުނީ އެޕޮއިންޓްމަންޓަށް އެދި ހުށަހަޅާ ފަރާތްތަކަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އަދި އެ ފަރާތްތަކުގެ ފޯނު ނަމްބަރަށް އެސްއެމްއެސްގެ ޒަރިއްޔާއިން ގޯތީގެ ރަޖިސްޓަރީ އާއި ގޯތީގެ އެއްބަސްވުމާ ހަވާލުވުމަށް ހާޒިރުވާންޖެހޭ ގަޑި އާއި ތަން އަންގާނެ ކަމަށެވެ.
ބިންވެރިޔާ ސްކީމް
ބިންވެރިޔާ ސްކީމް
ބިންވެރިޔާ ސްކީމް
ބިންވެރިޔާ ސްކީމް