މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކުރި 420 އުޅަނދު ޓޯ ކޮށްފި އެވެ.

ފުލުހުންގެ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުން މަޖީދީ މަގުގައި ޕާކުކުރާ ވެހިކަލްތައް ޓޯކުރަން ނިންމާފައިވަނީ މިދިޔަ ޖޫން މަހުގެ 12 ގައެވެ. އަދި މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕާކުކުރާ އުނޅަދުތައް ޓޯކުރަން ނިންމަފައިވަނީ މިދިޔަ ޖޫން މަހުގެ 19 ގައެވެ.

ފުލުހުން މިއަދު ނެރުނު ތަފާސް ހިސާބުތައް ދާއްކާގޮތުން، މަޖީދީ މަގުން ޓޯކުރީ ދެ ފުރޮޅުލީ 216 ވެހިކަލާއި ހަތަރު ފުރޮޅުލީ 2 ވެހިކަލެވެ. އަދި ތަކުރާރުކޮށް މަޖީދީ މަގުގައި ޕާކުކޮށްގެން އެއް ސައިކަލު ޓޯކޮށްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުން ޓޯކޮށްފައި ވަނީ ދެ ފުރޮޅުލީ 164 ވެހިކަލާއި ހަތަރު ފުރޮޅުލީ 38 ވެހިކަލެވެ. އޭގެ އިތުރުން ތަކުރާރުކޮށް މާލެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ޕާކުކޮށްގެން އެއް ކާރު ޓޯކޮށްފައިވެއެވެ. ފުލުހުން ބުނީ އެގޮތަށް ޓޯ ކުރާ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން ކަމަށެވެ.

ފުލުހުން ވަނީ އެ ދެ މަގުގައި ޕާކުކުރުން މަނާކަން އެންގުމަށް ކޯނު ޖަހައި ޓޭޕު ދަމައިފަ އެވެ. އަދި ބައެއް ހިސާބުތަކުގައި ބެރިކޭޑު ވެސް ބަހައްޓާފައެވެ.