ދިވެހި ފިއުޝަން ބޭންޑް "ޓޫ އޮފް އަސް" އަށް ދުނިޔޭގެ އެންމެ މަޝްހޫރު ޓެލެންޓް ޝޯތަކުގެ ތެރެއިން އެއް ޝޯ ކަމުގައިވާ "ބްރިޓެންސް ގޮޓް ޓެލެންޓް" ގެ 19 ވަނަ ސީޒަނުގައި ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެއެވެ.
ބައިނަލްއަގްވާމީ މައިދާނުގައި މަގުބޫލުކަން ހޯދަމުން އަންނަ މި ބޭންޑުން ވަނީ މިދިޔަ އަހަރު، މި ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ޝަރަފުވެރި އެއް މިޔުޒިކް މުބާރާތް ކަމުގައިވާ އިންޑިޔާގެ "ބެޓަލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" ގައި ދެވަނަ ރަނަރަޕްގެ މަގާމު ހާސިލުކޮށްފައެވެ.
"ޓޫ އޮފް އަސް" ބޭންޑުގައި ހިމެނެނީ އަހުމަދު އަދުހަމް، އަބްދުﷲ ޝަމްރޫހް، މުހައްމަދު ނަސޫހު ބިން ނަސްރުއްދީން، އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) އަދި އަހުމަދު ޖަޝީމެވެ.
އިއްޔެ މި ބޭންޑުން ވަނީ "ބްރިޓެންސް ގޮޓް ޓެލެންޓް" ގެ އޮންލައިން އޯޑިޝަން ކާމިޔާބުކަމާއެކު ނިންމާލައި، އެކަން އާންމުކޮށް އިއުލާނުކޮށްފައެވެ. މި ޝޯގެ 19 ވަނަ ސީޒަންގެ އިތުރު ރައުންޑެއްގައި ބައިވެރިވާން މިހާރު ރަސްމީކޮށް ދައުވަތު ލިބިފައިވާކަންވެސް ވަނީ އާންމުކޮށްފައެވެ.
ބޭންޑުގެ ފްރަންޓްމޭން އަދުހަމް ބުނީ މިއީ ހުރިހާ ދިވެހީންގެ ކާމިޔާބީއެއް ކަމަށާއި، މިއީ އަހަރުތަކެއް ވާންދެން ވީ ގުރުބާނީތަކާއި ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އޭނާ ވަނީ އާއިލާއާއި ރައްޓެހީންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މި ބޭންޑުގެ މަގުސަދަކީ ދިވެހިރާއްޖޭގެ މިޔުޒިކްގެ ތަރިކަ ދުނިޔެއަށް ތައާރަފުކުރުމާއި، ދިވެހި ޒުވާނުންނަށް ހިތްވަރު ދިނުމެވެ. އަދި ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ޝޯތަކުގައި ދިވެހިން ތަމްސީލުކުރުމެވެ.
މިންހާ ފާއިޒް ރަޝާދު

ނުކުޅެދުންތެރިކަން ހުންނަ މީހުން
ބޭރު ކުޅިވަރު
ހުޅުމާލެ
މޯލްޑިވްސް އިސްލާމިކް ބޭންކް