ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތަކުން ބޭރުގެ ވިޔަފާރިތަކަށް ކޮންމެ މަހަކު 45 މިލިއަން ޑޮލަރު ދޫކުރަން ޖެހޭ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލުން މިއަދު ވަނީ އެ ބޭންކުގެ ޑެބިޓް ކާޑުތަކަށް ކަނޑައަޅާފައިވާ 250 ޑޮލަރުގެ ލިމިޓް މާދަމާއިން ފެށިގެން 500 ޑޮލަރަށް ބޮޑުވާނެކަން އިއުލާންކޮށްފައެވެ. އަދި ބައެއް އޮންލައިން ވިޔަފާރިތަކަށް ކުރެވޭ މުއާމަލާތްތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނެގުމަށް ބީއެމްއެލުން ވަނީ ނިންމައިފައެވެ.
ބީއެމްއެލުން ބުނީ ޑެބިޓް ކާޑުތަކުން ރާއްޖެއިން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށެވެ. އެ ބަދަލާއެކު ފީ ނަގަން ނިންމާފައިވާ ސައިޓުތަކަކީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ.
ބީއެމްއެލުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ބޭރުގެ ވިޔަފާރިތަކަށް މިހާރު ކޮންމެ މަހަކު 45 މިލިއަން ޑޮލަރު ދޫކުރަން ޖެހޭ ކަމަށާއި އޭގެ ތެރެއިން 75 ޕަސަންޓަކީ އޮންލައިން ވިޔަފާރީގެ މުއާމަލާތްތައް ކަމަށެވެ.
އެ 75 ޕަސަންޓުގެ ތެރެއިން މިއަދު އިއުލާންކުރި ބޭރުގެ ހަ މާޗެންޓަށް ތިންބައިކުޅަ އެއްބައި ދޫކުރާ ކަމަށާއި އޭގެ ތެރެއިން ވެސް ދިވެހިންގެ ތެރޭގައި މިހާރު މަޝްހޫރުވެފައިވާ "ޓީމޫ"އަށް އެކަނިވެސް މަހެއްގެ މައްޗަށް ހަތް މިލިއަން ޑޮލަރު ދޫކުރަން ޖެހޭ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބައެއް ސައިޓުތަކަށް ފީއެއް ނެގުމަށް ބީއެމްއެލުން ނިންމާފައިވީ ނަމަވެސް، އޭގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުން އަދި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތައް ނުހިމެނެއެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުން އިސްކަންދެނީ ރާއްޖެއިން ބޭރުން ޑެބިޓް ކާޑުތަކުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.
ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައަޅާ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށްކަމަށް ބީއެމްއެލުން ބުންޏެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް