ރާއްޖެއާއި ސިންގަޕޫރާ ދެމެދު ތިން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ސޮއިކުރި ދާއިރާ ތަކަކީ، ގާބިލުކަން އިތުރުކުރުމާއި، ތައުލީމީ ދާއިރާއާއި ތިމާވެށީގެ ދާއިރާއެވެ.

އޭގެ ތެރެއިން ތައުލީމީ ދާއިރާގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު ސޮއިކުރެއްވިއިރު ސިންގަޕޫރުގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ އެ ގައުމުގެ އައިޓީއީ އެޑިއުކޭޝަން ސާވިސްގެ ޗީފް އެގްޒެކެޓިވް ގޮ މޮންގް ސޮންގެވެ.

ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫގައި ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ރާއްޖޭގެ ފަރާތުން ސޮއިކުރެއްވިއިރު ސިންގަޕޫރުގެ ސަރުކާރުގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަރު އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަޔްރަމަންޓް ގްރޭސް ފޫ އެވެ.

ރާއްޖެެއާއި ސިންގަޕޫރާާ ދެމެދު ގާބިލުކަން އިތުރުކުރުމާ ގުޅޭ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ސޮއިކުރައްވާފައިވާއިރު ސިންގަޕޫރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ވިވިއަން ބަލަކްރިޝަނަން އެވެ.

ރާއްޖެއިން އެ އެމްއޯޔޫތަކުގައި ސޮއިކޮށްފައި މިވަނީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ތިން ދުވަހުގެ ދަތުރުފުޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ސިންގަޕޫރުން މިއަދު ރައީސަށް ރަސްމީކޮށް މަރުހަބާ ދަންނަވާފައިވާއިރު ރައީސް މިއަދު ވަނީ އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެ ގައުމުގެ ބޮޑުވަޒީރު ލޮރެންސް ވޮންގްއާ ވެސް ބައްދަލު ކުރައްވައި، ރަސްމީ މަޝްވަރާތަކެއް ކުރައްވައިފައެވެ.