އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މަރުވި އަށް މަހުގެ ކުއްޖާގެ ހާލަތު ޑޮކްޓަރުންގެ ޓީމުން ދިޔައީ ގާތުން މޮނީޓާކޮށް، ދޭންޖެހޭ ފަރުވާތައް ދެމުން ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެ ކުއްޖާއަށް ފަރުވާދިނުމުގައި އިހުމާލުތަކެއް ވެފައިވާ ކަމަށް ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސިއްހީ ފަރުވާދިނުމާ ބެހޭގޮތުން ހުށަހެޅޭ ކޮންމެ ޝަކުވާއަކީ އަދި ބަލިމީހުންގެ ފަރާތުން ކަންބޮޑުވުން އޮތްކަން އެނގޭ ކޮންމެ ހާދިސާއަކީ ވެސް އެ ހޮސްޕިޓަލުން ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ މައްސަލަތައް ކަމަށެވެ.
"މި މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން އެނގޭ ގޮތުގައި ނިޔާވި ކުއްޖާގެ ބަލީގެ ހާލަތު ހުރިގޮތުން ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން އައީ ގާތުން މޮނީޓާކޮށް، އެ ވަގުތު ދެވޭނެ ފަރުވާދީ، ގުޅުންހުރި ލޭގެއާއި އެހެނިހެން ތަހުލީލުތައް ކުރެވި އަދި ފަރުވާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންނެވެ. އަދި ރެކޯޑުތަކުން ދައްކާގޮތުން، އެ ޑިޕާޓްމަންޓުގެ މެޑިކަލް އޮފިސަރުންގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ވޯޑުތަކަށް ޒިޔާރަތްކޮށް، ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކު ވެސް ކުއްޖާ ބަލާފައިވެއެވެ..،" އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗްގެ ބަޔާނުގައި ބުނީ ފަރުވާދިނުމުގައި ހޮސްޕިޓަލުން އަމަލުކުރާ ގޮތަށް ބަލާ އިރު، އައިސީޔޫގެ ފަރުވާ ދޭންޖެހޭ ކަމަށް ޑޮކްޓަރުން ލަފާދީފި ނަމަ، އެކަން ހަމަޖެއްސުމަށް ޑޮކްޓަރުންގެ ޓީމުން މަސައްކަތްކުރާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ އައިސީޔޫ ފުރިއްޖެ ހާލަތުގައި މާލޭގެ އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ޓްރާންސްފާކުރުމުގެ އިންތިޒާމު ހޮސްޕިޓަލުން ހަމަޖައްސައިދޭ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
"ތުއްތު ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް ވެސް ޖެހޭ ހުމެއް ނުވަތަ އިންފެކްޝަނަކާ ގުޅިގެން ދިމާވާ އިތުރު އެހެން ނުރައްކާތެރި ބައެއް ކަންކަމަކީ ފުރާނައަށް ވެސް ގެއްލުންވެދާނެ ފަދަ، އަދި ސިއްހީ ފަރުވާގައި ދުރާލާ ދެނެގަންނަން އުނދަގޫ ކަންކަމެވެ. އަދި މިފަދަ ބައެއް ބަލިތަކުގައި ކުއްލިއަކަށް ހާލަތު ނުރައްކާވެދާނެ ފަހަރުވެސް ދިމާވެދާނެއެވެ..،" އައިޖީއެމްއެޗްގެ ބަޔާނުގައި ބުންޏެވެ.
އައިޖީއެމްއެޗުން އިތުރަށް ބުނީ އެފަދަ ކޮންމެ ހާދިސާއެއް ދިމާވުމާއެކު ހޮސްޕިޓަލުގެ އެތެރޭގެ ތަހުގީގެއް ކުރެވި، ހިދުމަތާއި ފަރުވާ އިތުރަށް ރަނގަޅުކުރެވިދާނެ ގޮތްތައް ދެނެގަނެވޭ ކަމަށާއި މި މައްސަލަ ވެސް އެ ހޮސްޕިޓަލުން ގެންދަނީ އިތުރަށް ބަލަމުން ކަމަށެވެ. އަދި މައްސަލައެއް ބަލާ ބެލުމުގައި ހޮސްޕިޓަލުގައި ބަލިމީހުންނާއި އާއިލާގެ ފަރާތުން ކުރާ ތަޖުރިބާ ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެވި، އެކަންކަން އިސްލާހުކުރާ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ކުއްޖާ މަރުވި މައްސަލައިގައި ސޯޝަލް މީޑިއާގައި އާންމުވެފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އައިޖީއެމްއެޗަށް އެ ކުއްޖާ ގެންދިޔައީ ރޯގާގެ އަލާމާތްތަކެއް ފެނި، އެކަމަށް ފަރުވާ ހޯދާށެވެ. ގެންދިޔަ ފުރަތަމަ ދެ ތިން ދުވަހު، އެ ކުއްޖާއަށް އެ ހޮސްޕިޓަލުން ދިން ފަރުވާއެއްގެ ސަބަބުން ކުއްޖާ އެއްކޮށް ހުން އައިސް، ފުފުނު ކަމަށް ތުހުމަތު ކޮށްފައިވެއެވެ.
އެގޮތުގައި ދެ ދުވަސް ވީއިރު ވެސް ކުއްޖާ ބެލި ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ލިބުނު ޖަވާބަކީ އެއީ އިންފެކްޝަނެއްގެ ސަބަބުން ހިނގި ކަމެއް ކަމަށާއި އާއިލާއިން ސުވާލު ކުރުމުންވެސް އިތުރު ތަފްސީލެއް ދީފައިނުވާ ކަމަށް އެ ޕޯސްޓުގައި ތުހުމަތުކޮށްފައިވެއެވެ.
ތިން ވަނަ ދުވަހު، ކުއްޖާގެ ހާލު މަޑުމަޑުން ރަނގަޅުވާން ފެށި ކަމަށާއި ކުއްޖާގެ ހަށިގަނޑު ފުފުނީ "ލިވާ އެންޒައިމް މަތިވެގެން ކަމަށް" ކުއްޖާ ބެލި އެމްއޯ ބުނި ކަމަށާއި ނަމަވެސް ބަލި ހާލަތުގައި އޮތް އެ ކުއްޖާ ބެލުމަށް އެ ދުވަހާ ހަމައަށް ވެސް އައިޖީއެމްއެޗްގެ ކުޑަކުދީންނަށް ހާއްސަ ޑޮކްޓަރަކު ގޮސްފައި ނުވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.
އެކަމާ ގުޅޭގޮތުން އާއިލާއިން ކުރާ ސުވާލުތަކަށާއި ކަންބޮޑުވުންތަކަށް ޖަވާބެއް ވެސް ނުލިބޭ ކަމަށާއި ކޮންމެ ދުވަހެއްގެ ހެނދުނު އެ ކުއްޖާގެ ވިންދު ބެލުމަށް "އެމްއޯ"އަކު "ސްޓެތެސްކޯޕެއް" ހިފައިގެން ގޮސް ބެލުން ނޫން އިތުރު ކަމެއް ނުކުރާކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.
"އެންމެ ފަހުން ކުއްޖާ އެނދުމަތިކުރިތާ 5 ވަނަ ދުވަހު އާއިލާގެ ކަންބޮޑުވުންތަކާއެކު، ކުޑަކުދީންގެ ޚާއްސަ ޑޮކްޓަރަކު އެ ކުއްޖާ ބަލަން އައިސްފައިވެއެވެ. އަދި އެ ކުއްޖާގެ "ލިވާ ފެއިލް" ވަނީ ކަމަށާއި، ވަގުތުން ބޭރަށް ފުރަން ޖެހޭ ކަމަށް އާއިލާއަށް އެ ޑޮކްޓަރު މައުލޫމާތު ދިނެވެ. ހިޖުރީ އައު އަހަރު ފާހަގަކުރާ ދުވަހަށް ވުމުން އެ ދުވަސް ވީ ސަރުކާރު ބަންދު ދުވަހަކަށެވެ. އެހެންކަމުން އާސަންދަ އަދި އެންސްޕާގެ ފަރާތުން ލިބެން ޖެހޭ ޚިދުމަތްތައް ހޯދުމުގައި ދިމާވީ ލަސްކަމެވެ. ނަތީއްޖާއަކަށްވީ، އެ ކުއްޖާ އެނދުމަތިކުރިތާ 6 ވަނަ ދުވަހު، އެ ތުއްތު ތުއްތު ފުރާނަ މި ފަނާވެނިވި ދުނިޔެއާ އަލްވަދާއު ކިޔުމެވެ..،" އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ، ކުއްޖާ މަރުވުމުން ވެސް ކުއްޖާގެ މައިންބަފައިންގެ ނުރުހުމުގައި، ފުރާނަ ނެތް އެ ކުއްޖާއަށް ސީޕީއާރް ދިން ކަމަށާއި ކަންފަތާއި އަނގައާއި ނޭފަތުން ލޭއައުމުން ވެސް ސީޕީއާރް ދެމުންދިޔަ ކަމަށެވެ. އަދި ބައެއްގެ އިހުމާލުން ދުނިޔެ ދޫކޮށް ދިޔައީ އެތައް އިންތިޒާރަކާއި އެތައް ވޭނެއް ތަހައްމަލުކޮށްގެން ލިބުނު އަލަތު ދަރިފުޅުކަން ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.
އައިޖީއެމްއެޗް