ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލާއެކު އަމާޒަކީ ހިދުމަތްތައް އިތުރުކޮށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފައިދާ އިތުރުކުރުން ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ބޭއްވި އެމްއޭސީއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެމްއޭސީއެލުން ފާއިތުވި އަހަރު ހޯދި ކާމިޔާބީއަކީ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެގޮތުގައި ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަގީންކަން ކުންފުނީގެ ބޯޑަށާއި މެނޭޖުމަންޓަށް ވަނީ އަރުވައިފައެވެ.
އެމްއޭސީއެލްގެ އަމާޒަކީ އާ ޓާމިނަލާއެކު ކުންފުނިން ދެމުން އަންނަ ހިދުމަތްތައް އިތުރުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ފައިދާ އިތުރުކުރުން ކަމަށާއި އެގޮތުން އާ ޓާމިނަލް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ އިންގިލާބީ ބަދަލެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެމްއޭސީއެލްގެ އަހަރީ އާންމު ޖަލްސާގެ އިތުރުން ބޭއްވި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް)ގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އެމްނެޓްސްގެ ވެސް ޗެއާމަންކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ޝަރީފް ވިދާޅުވީ އެއާ ޓްރެފިކްގެ ހިދުމަތް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްގެންދިއުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ.
އެމްނެޓްސްގެ އާމްދަނީ އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ޗެއާމަން ޝަރީފު ވިދާޅުވީ އަމާޒަކީ މުސްތަގުބަލުގައި އެމްނެޓްސްއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ފައިދާވާ ކުންފުންޏަކަށް ހެދުން ކަމަށެވެ. އެކަމަށްޓަކައި އެ ކުންފުނީގެ މައި ހިއްސާދާރުގެ ހައިސިއްޔަތުން، އެމްއޭސީއެލްގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮންމެ ކުންފުންޏަކަށްވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓެކްނިކަލް މީހުން މަދުވުން ކަމަށާއި އެކަން ހައްލުކުރުމަށް އެއާ ޓްރެފިކް ކޮންޓްރޯލާސް ތަމްރީނުކޮށް، ސެޓިފައި ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެމްއޭސީއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް ވިދާޅުވީ އެމްއޭސީއެލުން ފާއިތުވި އަހަރު ހޯދާފައިވާ ކާމިޔާބީތަކަކީ ކުންފުންޏަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެމްއޭސީއެލްގެ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށާއި އުންމީދަކީ އެ ކުންފުންޏަށް އިތުރު ކާމިޔާބީތައް ލިބިގެންދިއުން ކަމަށް ވިދާޅުވިއެވެ.
އެމްއޭސީއެލްއަށް މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާވަނި ލިބިފައެވެ. މިދިޔަ އަހަރު ރިކަރަންޓު ހަރަދުގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ހަރަދުވި ނަމަވެސް، ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 1.1 ބިލިއަން ރުފިޔާ ލިބިފައެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލައި އިރު 32.2 ޕަސެންޓުގެ ކުރިއެރުމެކެވެ. މިއީ ކުންފުނީގެ ތާރީހުގައިވެސް މިވަރުގެ ބޮޑު ސާފު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.
އެމްއޭސީއެލުން އެންމެ އިސްކަމެއް ދީގެން މިވަގުތު ކުރިއަށްގެންދާ މަސައްކަތަކަކީ އާ ޕެސެންޖާ ޓާމިނަލް ހުޅުވުމުގެ މަސައްކަތެވެ. އެމްއޭސީއެލްގެ އާ ޕެސެންޖާ ޓާމިނަލް ހުޅުވިގެންދާ އިރު، އެތަނުގެ ހިދުމަތްތައް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެމްއޭސީއެލްގައި އުމްރާނީ ގިނަ ވަސީލަތްތަކެއް ވަނީ ގާއިމުކުރެވިފައެވެ. އާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ގައެވެ.
އެމްއޭސީއެލުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ފަސިންޖަރުންނާއި އެއާލައިންތަކާއި ސްޓޭކްހޯލްޑަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ކޮބާތަ ތި ފޮމިއުލާ އަކީ ، ބޯޓް ޖައްސާ ފުރާ ހިދަކު އެއްވެސް ބުރަކަމާ ނުލާ ފައިސާ ވަންނާނެ. ތިއައީ އެމްޓީސީ ނުވަތަ އެސްޓީއޯ ފަދަ ކުންފުއްޔެއްނަމަ މި ހާރު އޮންނާނީ ވިދިފައި.....ރޯޒީ އެމްޑީ ލިޔަސް އެމްއޭސީއެލް އަށް ފައިދާ ވާނެ
ޞުލޭ - 12 މަސް ކުރިން