ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާ ހުށަހަޅަން މައިގްރަންޓް ވޯކާ ރިސޯސް ސެންޓަރު (އެމްޑަބްލިޔުއާރުސީ) އާއި އޮންލައިން ޕްލެޓްފޯމް، މައިގްރަންޓް ކަނެކްޓް ތައާރަފުކޮށްފިއެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ދަށުން ހިންގާ އެ ސެންޓަރު ހުޅުއްވައިދެއްވީ މިއަދު އެކަމަށްޓަކައި ވޯޓާ ފްރަންޓް ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަމް (އައިއޯއެމް) އޭޝިއާ އެންޑް ދަ ޕެސިފިކްގެ ރީޖަނަލް ޑިރެކްޓަރު ކަޓޯ އިއޯރީ އެވެ.

އޮންލައިން ޕޯޓަލް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ޖެން ހޮޓެލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް އަދި އައިއޯއެމް އޭޝިއާ އެންޑް ދަ ޕެސިފިކްގެ ރީޖަނަލް ޑިރެކްޓަރު ކަޓޯ އިއޯރީ އެވެ.

29 ޖޫން 2025، މާލެ، މައިގްރަންޓް ރިސޯސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ މައިގްރަންޓް ރިސޯސް ސެންޓަރު ހުޅުވުމަކީ ހަމައެކަނި ސިޔާސަތަށް ލިބޭ ކުރިއެރުމެއް ނޫން ކަމަށާއި ގައުމެއްގެ ހައިސިއްޔަތުން ދަމަހައްޓަމުން އަންނަ އަސާސްތައް ވެސް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ގޮނޑުދޮށުގައި ދިރިއުޅޭ، މަސައްކަތްކުރާ ކޮންމެ މީހަކީ، ކޮންމެ ތަނަކުން އައި މީހަކަށް ވިޔަސް، ކަރާމާތާއި އަދުލުވެރިކަމާއި، ގާނޫނުގެ ހިމާޔަތް ލިބެންޖެހޭ މީހެއްކަން. އަޅުގަނޑުމެންގެ ގައުމީ ތަރައްގީގައި ބިދޭސީ މަސައްކަތްތެރިންގެ ވަރަށް ބޮޑު ހިއްސާއެއް އެބައޮތް. 2024 ވަނަ އަހަރުގެ ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓްތަކަށް ބަލާ އިރު، އަޅުގަނޑުމެންގެ މަސައްކަތުގެ 43 އިންސައްތައަކީ ބިދޭސީން،" ޑރ. ފައިރޫޝް ވިދާޅުވިއެވެ.

29 ޖޫން 2025، މާލެ، މައިގްރަންޓް ރިސޯސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ހެޑް އޮފް ރިސްކް އިންޓެލިޖަންސް އެންޑް ލީގަލް އެފެއާޒް ޑިވިޝަންގެ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހެޑް އޮފް ރިސްކް އިންޓެލިޖަންސް އެންޑް ލީގަލް އެފެއާޒް ޑިވިޝަންގެ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ، އިމިގްރޭޝަން ރިސޯސް ސެންޓަރާއި އެތަނުގައި ހުޅުވި ޕޯޓަލްގައި އިމިގްރޭޝަނާ ގުޅުންހުރި ކަންކަމުގައި ބިދޭސީ މަސައްކަތްތެރިން ހޯދަންޖެހޭ މައުލޫމާތާއި އެހީތެރިކަމަށް އެދިއްޖެ ހާލަތުގައި އެކަންކަން ފޯރުކޮށްދޭނެ ކަމަށެވެ.

"ރިސޯސް ސެންޓަރަށް ބިދޭސީ މަސައްކަތްތެރިއަކު ގޮސްފައި މައްސަލައެއް ހުށަހަޅާ ހިސާބުން އިމިގްރޭޝަންގެ ދާއިރާގައި ހިމެނޭ ކަންކަމުގައި އިމިގްރޭޝަނުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެމުންގެންދާނެ،" ޝިފާން ވިދާޅުވިއެވެ.

29 ޖޫން 2025، މާލެ، މައިގްރަންޓް ރިސޯސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މިއަދު ހުޅުވި ލޭބާ ސެންޓަރުގެ ސަބަބުން ރާއްޖޭގައި މަސައްކަތްކުރަމުންގެންދާ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ދިވެހި ރައްޔިތުންނާ އެއްފަދައިން ކަށަވަރުވާނެ ކަމަށެވެ.