ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖާ ޓާމިނަލްއާ ގުޅޭ ހާއްސަ ޓުއާތަކެއް ރާއްޖެ ދަތުރުކުރާ 36 އެއާލައިން އަކާއެކު 45 ފަރާތަކަށް ދީފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، އެ ޓުއާތަކަކީ އާ ޓާމިނަލްގެ ފެސިލިޓީތަކާއި އޮޕަރޭޝަންތަކަށް އެއާލައިންތަކުގެ މުވައްޒަފުން އަހުލުވެރިކޮށް، އެއްވެސް ބުރޫ އެރުމެއް ނެތި ހިދުމަތް ދިނުމަށް ކުރިއަށް ގެންދާ ޓުއާތަކެއް ކަމަށެވެ. އަދި އެއީ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސްގެ ތެރެއިން، ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ޓުއާތަކެއް ކަމަށްވެސް ބުންޏެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި ރާއްޖެއަށް އޮޕަރޭޓްކުރާ އެއާލައިންތަކާއި ޖެނެރަލް އޭވިއޭޝަން އެޖެންޓުންނާއި ސަރުކާރުގެ ކަމާބެހޭ އެޖެންސީތަކާއި ރިސޯޓް ރެޕުންނާއި ޓެކްސީ އޮޕަރޭޓަރުންނާއި ފެރީގެ ހިދުމަތް ދޭ ފަރާތްތަކާއި ގެސްޓްހައުސް އެސޯސިއޭޝަން އަދި އެމްއޭސީއެލްގެ މުވައްޒަފުންނަށްވެސް އެ ޓުއާތައް ކުރިއަށްގެންދަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާތަނަށް 36 އެއާލައިނަކަށާއި ހަތް ޖެނެރަލް އޭވިއޭޝަން އެޖެންޓުންނަށާއި މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސްގެ އިތުރުން އެމްއޭސީއެލްގެ ހާހަކަށްވުރެ ގިނަ މުވައްޒަފުންނަށް ޓުއާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

މީގެ އިތުރުން ތިން އެއާލައިނަކާއި ޖެނެރަލް އޭވިއޭޝަންގެ ދެ އެޖެންޓަކާއި، ދިހަ ސްޓޭކްހޯލްޑަރުންނަށް މި ޓުއާތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށްވެސް ބުންޏެވެ.

އަންނަ ޖުލައި 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ އާ ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ވަސީލަތްތައް ޓާމިނަލުގައި ވަނީ ގާއިމްކޮށްފައެވެ. މީގެ ތެރޭގައި ސެލްފް ސާވިސް ހަ ކިއޮސްކް އާ ޓާމިނަލްގައި ގާއިމުކޮށްފައި ހުންނާނެއެވެ. މި ކިއޮސްކް ތަކަކީ އެއާޕޯޓާއި އެއާލައިންގެ މުވައްޒަފެއްގެ އެހީތެރިކަމަކާއި ނުލައި ފްލައިޓަށް ޗެކިންވެ، ބޯޑިން ޕާސް ޕްރިންޓް ކޮށްލެވޭ ކިއޮސްކްތަކެކެވެ. މިކަމުގެ ސަބަބުން ޗެކިން ކައުންޓަރާއި މުޅި ޗެކިން ޕްރޮސެސްގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަ ކުރެވި، ފަސިންޖަރުންނާއި އެއާލައިންތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އާ ޓާމިނަލްގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާ އެވެ. އެ ކުންފުނިން އެ މަސައްކަތް ހަވާލުކުރީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާއެވެ. އާ ޓާމިލަކަށް 600 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ އާ ޓާމިނަލަކީ ވީއައިއޭއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ދަތުރުވެރިންނަށް ދޭ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ ޒަމާނީ ޓާމިނަލެއް ކަމަށާއި އެ ޓާމިނަލް ޑިޒައިން ކޮށްފައިވަނީ ރާއްޖޭގެ ރީތިކަމާއި ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.

ޖުމުލަ 72،000 އަކަފޫޓު ބޮޑުމިނުގެ އެ ޓާމިނަލުގައި 47 ޗެކް-އިން ކައުންޓަރާއި ހަ ސެލްފް ސާވިސް ކިއޮސްކާއި ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް އަދި އެޑްވާންސްޑް ސެކިއުރިޓީ ސްކްރީނިން ނިޒާމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.