ލޫކަސް ފެންނައިރަށް ފޮށީގެ އަތްގަނޑުން ދޫކޮށްލަމުން ލޫކަސްގެ ގާތަށް ޤައިލާ ޖެހިލިއެވެ. ލޫކަސްގެ މޭގައި ނިތްކުރި ޖައްސާލި ހިނދު، ޤައިލާގެ ދުލުން މަޑު ގިސްލުމެއްގެ އަޑު ބޭރުވެއްޖެއެވެ. އެއީ އަސަލްއަށް ދައްކަންވެގެން ޤައިލާ ކުޅުނު ތަމްސީލެކެވެ. ލޫކަސްއާއި ގައިގޯޅިވެލީ އެހެންވެގެންނެވެ.
ލޫކަސްއަށް ލިބުނު ސިހުމުގައި އޭނަގެ ނަޒަރު ހުއްޓުނީ އަސަލް އަށެވެ. އެއާއެކު ލޫކަސްގެ މޫނުން ފާޅުވީ ހާސްކަމެވެ. ކުއްލިޔަކަށް ޤައިލާގެ ކޮނޑުގައި ހިފާ ދުރަށް ޖައްސާލެވުނެވެ. އޭނަ ދެން ބަލައިލީ ޤައިލާ އަށެވެ. ރޮވިފައި ހުރި ޤައިލާ ފެނުމުން ސުވާލު އުފެދުނެވެ. ސިކުނޑިއަށް ބާރުބޮޑުވާ ގޮތް ވިއެވެ. ވާނުވާ އޮޅުން ފިލާ ގޮތެއް ނުވިއެވެ. ޤައިލާގެ ގާތަށް އޭނައައީ އެޕާޓްމެންޓަށް އައިސްދިނުމަށް ޤައިލާ އެދުމުންނެވެ. ލޫކަސް އެކަމުގެ މާނަ ނަގައިގަތީ ޤައިލާ ދިން ދައުވަތެއް ކަމުގައެވެ. އަސަލް އެޕާޓްމެންޓްގައި އުޅޭކަމެއް ލޫކަސްއަށް ނޭނގެ އެވެ. ހިތް ނުތަނަވަސްވީ ޤައިލާގެ އަމަލުތައް އަސަލްއަށް ފެނުމުންނެވެ. އެދެމެދުގައި އޮތް ސިއްރު ގުޅުން ބޭޒާރުވެދާނެތީ އެކަމަށް ޤައިލާ ސަމާލުކަން ނުދިނުމުން ލޫކަސް ހައިރާންވިއެވެ. ޤައިލާގެ ވިސްނުން ހުރި ގޮތެއް ލަފާކޮށްލަން އެވަގުތު ލޫކަސްއަށް ދަތިކަމަކަށް ވިއެވެ. ހަރަކާތެއް ގެންނަން ނޭނގިފައި ހުރެވުނީ އެހެންވެގެންނެވެ.
''ލޫކް...'' ލޫކަސްގެ ފަރާތުން ޤައިލާއަށް ފެނުނީ އޭނަ އުއްމީދުކުރި ފަދަ އަސަރެއް ނޫނެވެ. ކަރުނަ ފޮހެލަމުން ލޫކަސްއާއި ގާތަށް ޖެހިލަން އުޅުނެވެ. ލޫކަސްއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެއާއެކު ޤައިލާ މަޑުޖެހިލިއެވެ. ލޫކަސްގެ ދުރުކަމުން ޤައިލާ ނުތަނަވަސްވެއްޖެއެވެ.
''ޤައިލާއާއި އަހަރެން ދެން ބައްދަލުކުރާނީ ކޯޓުން!...'' އަސަލްގެ އަޑު ލޫކަސްއަށް އިވުނެވެ. ވަކިވަކީން އަސަލްއާއި ޤައިލާގެ މޫނަށް ލޫކަސް ބަލައިލިއެވެ. އަސަލްގެ އަޑުގައި ފޮރުވިފައިވި ރުޅިވެރިކަން ލޫކަސް ދެނެގަތެވެ. އޭނައަށް އަމާޒުކޮށްލި ރުޅިވެރިކަމުގެ ނަޒަރު ވެސް މެއެވެ. ޤައިލާގެ ކައިރީގައި ހުރި ފޮށި ލޫކަސްގެ ލޮލުގައި އަޅައިގަތީ ދެނެވެ. މާހައުލަށް ވެރިވެފައި އޮތް ނުތަނަވަސްކަމުގެ ތެރޭން މަންޒަރުތައް ގުޅުވާލެވުމާއެކު ލޫކަސްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޤަބުއަރާފައި ހުރެވުނެވެ.
ޤައިލާ އިންތިޒާރުކުރީ ލޫކަސް އޭނަގެ އަތުގައި ހިފާލާނެ އިރަކަށެވެ. އަސަލްގެ ކުރިމަތިން ދުރަށް ގެންދާނެ ވަގުތަކަށެވެ. ލޯތްބާއި އޯގާތެރިކަމާއެކު ފިރުމާލަދޭނެ ހިނދަކަށެވެ. ނަމަވެސް އިންތިޒާރު ދިގުލައިގެން ދިއުން ނޫންކަމެއް ނުވިއެވެ. މާހައުލުގެ ހިމޭންކަމުން ޤައިލާގެ ހިތް ތެޅިލިއެވެ.
ފަސްއެނބުރި އަސަލްގެ މޫނަށް ޤައިލާ ބަލައިލިއެވެ. އަސަލްގެ ފަރާތުން ޤައިލާ އުއްމީދުކުރިފަދަ ބަދަލެއް ނުފެނުނެވެ. އޭނަ ލޫކަސްއާއި އެކު ދާތީ ދެރަވެ ހިތާމަކުރާނެ ކަމަށް ޤައިލާ ހުރީ ހީކޮށްގެންނެވެ. އެހާވަރުން ލޫކަސް ގެނައީ ވެސް އަސަލް ދެރަކޮށްލުމަށެވެ. ނަމަވެސް އަގު ވެއްޓި ބޭޒާރުވަމުންދާކަމުގެ އިހުސާސް ޤައިލާއަށް ކުރެވުނެވެ. ލޫކަސް ގަބުއަރާފައި ހުންނަން ފެށުމުން ޤައިލާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ.
''ލޫކް...'' ޤައިލާ ގޮވާލިއެވެ. ލޫކަސްއަށް ހޭވެރިކަންވީ ދެނެވެ. އޭނަގެ ނަޒަރު ޤައިލާގެ މޫނަށް ހުއްޓުނެވެ.
''ހިނގާ ދާން...'' ޤައިލާ ބުނެލިއެވެ. ހިސާބަކަށް ޤައިލާ ހުރީ ބިރުގެންފައެވެ. ނޭވާގެ ހިނގުން ލަސްވާން ފެށިއެވެ. ސާބިތުކަން ލޫކަސްގެ ދެލޮލުން ޤައިލާއަކަށް ނުފެނުނެވެ. ކުރިން އޭނައާއި ގައިގޯޅިވާން ފޯރި ހުންނަ ލޫކަސްގެ ފަރާތުން ޤައިލާއަށް ފެނުނީ ފަސްޖެހުމުގެ ކުލަވަރެވެ. އޭނައާއި ލޫކަސްގެ ގުޅުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އަސަލް އެވެ. މިއަދު އެހުރަހަށް ވެސް ނިމުމެއް އައީ ނޫން ހެއްޔެވެ؟ ލޫކަސް ޖެހޭނީ އުފާވާކަށް ނޫން ހެއްޔެވެ؟ ލޫކަސްގެ މިލްކަކަށް އޭނަ ވާނެތީއެވެ. އުފާ ހޯދުމުގައި ދެން ސިއްރުވެރިކަން ގެންގުޅޭކަށް ވެސް ނުޖެހޭނެއެވެ.
''ލޫކް؟...'' ލޫކަސްގެ ހިމޭންކަން ދޭހަކުރަން ޤައިލާގެ ސިކުނޑި ނުކުޅެދުނެވެ. މެޔަށް ވެސް ފިނިވެލައިފިއެވެ. އިންޒާރުގެ ރަނގަބީލުތަކެއް ކަންފަތުގައި ގުގުމާހެން އޭނައަށް ހީވިއެވެ. ފިނިވެފައިވި އަތަކުން ލޫކަސްގެ އަތުގައި ޤައިލާ ހިފާލިއެވެ.
''ހޫނ؟...'' ލޫކަސްގެ އަޑުގައި ވަނީ ނުރުހުމެވެ. އިންޒާރު ދިނުމެއް ވެސް ނެތި ޤައިލާގެ ޒާތީ ދިރިއުޅުމުގެ ހައިޖާންގަނޑުގެ ތެރެއަށް އޭނަ ވައްދާލުމުން ރުޅިއައީއެވެ. ހަޤީޤަތް އަސަލްއަށް އެނގިއްޖެކަން ޤައިލާއަށް ފޯނުން ހާމަކުރެވުނީސް ނޫން ހެއްޔެވެ؟ އޭނަ ގާތު ބުނަން ޤައިލާ އުޒުރުވެރިވި ސަބަބު ލޫކަސްއަށް ނަގައިގަނެވުނެވެ. ފޯނުން އެވާހަކަތައް ހިއްސާކުރި ނަމަ އޭނަ ދެކޮޅުހެދީހެވެ. ވަގުތުން އެހިސާބުން ގުޅުން މެދުކަނޑާލީހެވެ. ކަރަށް ބާރުވި ދަންމަޅީގެ ސަބަބުން އަމިއްލަ ނަފުސު ދެކެ ލޫކަސްއަށް ރުޅި އާދެވުނެވެ. އޭނަގެ މޮޔަކަމާމެދު ވިސްނާލެވުނެވެ. ހުޝިޔާރުވެވުނު ނަމަ ޤައިލާގެ މަޅީގައި ހައްޔަރުނުވީހެވެ.
''ހިނގާބަލަ...'' ޤައިލާގެ ދެލޮލުން ފާޅުވަނީ އާދޭހެވެ. ލޫކަސް ރައްދެއް ނުދިނެވެ. އޭނަ ޤައިލާއަށް ފުރަގަސްދިނެވެ. އެއާއެކު ޤައިލާއަށް ތެޅިގަނެވުނެވެ. ފޮށި ހިފައިގެން ލޫކަސްގެ ފަހަތުން ކުރިއަށް ހިނގައިގަތެވެ.
''ލޫކް!، މަޑުކޮށްބަލަ...'' ޤައިލާ ގޮވާލިއެވެ. ފިޔަވަޅުތައް ބާރުކޮށްލަމުން ލޫކަސްއާއި އެއްވަރުކޮށްލިއެވެ.
''ކޮންއިރަކު އަސަލްއަށް އެނގުނީ؟...'' ޤައިލާއާއި ދިމާއަށް ބަލައިލުމެއްނެތި ލޫކަސް އެހިއެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ ފާރުގައި ހުރި ލިފްޓްގެ ބޯޑަށެވެ. ލިފްޓް އައުން ލަސްވެގެން ދެތިން ފަހަތު ބަޓަނަށް ފިތާލައިފިއެވެ.
''ލޫކް!...'' ޤައިލާ ހުރީ ރޮވެން ކައިރިވެފައެވެ. ލޫކަސް އޭނަ ދެކެ ހިތްހަމަނުޖެހިފައި ހުރިކަން ޤައިލާއަށް ނަގައިގަނެވުނެވެ. ލޫކަސްގެ މޫނުން ފާޅުވި ނުރުހުމުގެ އަސަރުތަކުން ޤައިލާގެ ހިތަށް ތަދުކުރުވިއެވެ. އެއީ ފެންނަން އެދެވޭ ކަހަލަ މަންޒަރެއް ނޫނެވެ. އޭނަގެ ހުރިހާ ވެސް މީހަކީ ލޫކަސް އެވެ. ހިތާއި ޖިސްމު ލޫކަސްއަށް އޭނަ ވަނީ ހިބަކޮށްދީފައެވެ. އޭނައަށް ލިބުނު މިނިވަންކަމާ މެދު ލޫކަސް އުފާނުވީ ކީއްވެގެން ހެއްޔެވެ؟
''އަހަރެން ސުވާލަށް ޖަވާބުދީބަލަ، ކޮން އިރަކުތަ އަހަރުމެން ދެމެދުގަ އޮތް ގުޅުން އަސަލްއަށް އެނގުނީ؟......'' ލޫކަސް ބުމަގޮށްޖަހާލިއެވެ. ގާތްކަމެއް އަޑުގައި ނެތެވެ. ބޮލަށް ތުރާވެފައި ހުރި ކަހަލައެވެ.
''މިއަދު، ހީ ސޯ އަސް ލީވިންގް ދަ ހޮޓެލް...'' ޤައިލާ ހުރީ ޖެހިލުންވެފައެވެ. ލޫކަސްގެ ޠަބީއަތަށް އައި ކުއްލި ބަދަލު ނޭނގުނީތީއެވެ. ޤައިލާގެ ސިކުނޑި ވަނީ އުދާސްކަމެއްގެ ތެރޭގައެވެ. މޭގެތެރޭގައި ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ހަމަ ރަނގަޅަށް ވެސް ޤައިލާގެ ދެލޮލުން ކަރުނަ އަތުވެއްޖެއެވެ.
ލިފްޓް ހުޅުވުމާއެކުގައި ލޫކަސް ލިފްޓަށް އެރިއެވެ. ޤައިލާ ވެސް ލޫކަސްގެ ފަހަތުން ލިފްޓްގެ ތެރެއަށް ދެމިގަންނަމުން ކަރުނަ ފޮހެލިއެވެ. އިތުރު ބަޔަކު ތިބުމުން ލޫކަސްއާއި ވާހަކަދެއްކުމުގެ ފުރުސަތެއް ޤައިލާއަކަށް ނުލިބުނެވެ. ތިރީ ފަންގިފިލާއަށް ގޮސް ލިފްޓް ހުޅުވެންދެކަށް ޤައިލާ ހުރީ ކަރުނަ ހިފަހައްޓައިގެންނެވެ. އިރުއިރުކޮޅާ ލޫކަސްގެ މޫނަށް ބަލައިލާނެއެވެ. ކުރިން ލޫކަސްގެ މޫނުން ފެންނަ ލޯބީގެ ޖޯޝާއި ލާނެއްކަމުގެ ވިދުވަރު ޤައިލާއަކަށް ނުފެނުނެވެ. ލޮލުން ފެންނަނީ ބީރައްޓެހިކަމާއި ނުރުހުންތެރިކަމެވެ. ލޫކަސްގެ ސިކުނޑީގައި ދައުރުވާ ޚިޔާލުތައް އެނގޭނެނަމައޭ ޤައިލާގެ ހިތަށް އެރިއެވެ. އެދެމެދުގައި އޮތް ހިމޭންކަމުން ތުނޑުތޫނު ކަށިތަކެއް މެޔަށް ހެރުނެވެ. ވޭނީ ރިހުމެއް ވެސް އުފަންވެލައިފިއެވެ.
ލިފްޓް ހުޅުވުމާއެކު މީހުންގެ ތެރެއިން ރެކިގަންނަމުން ފުރަތަމަ ނިކުތީ ލޫކަސް އެވެ. ޤައިލާއަށް ފިލަން ބޭނުންވެފައިވާ ހާލުގައެވެ. އޭނަ ޤައިލާއާއި ގަޔާވީ ވަގުތީ އުފަލާއި ލައްޒަތަށްޓަކައެވެ. ޤައިލާގެ ރީތިކަމުން އުފެދުނު ޝައުޤުވެރިކަމުގައި، ފަސޭހަކަމާއެކުގައި އެރީތިކަމުގެ ރާހަތު ހޯދިދާނެކަމުގެ ޔަޤީންކަން ލިބުމުންނެވެ. އޭނަ ޤައިލާއާއެކު އުޅުނީ ވަގުތު ދުއްވާލުމެވެ. އެއް އިރެއްގައި ވެސް ސީރިޔަސްކަމެއް ނެތެވެ. ޤައިލާ ކައިވެންޏެއްކޮށްގެން ހުރުމުން ލޫކަސް ވެސް ހީކުރީ ޤައިލާގެ ނިޔަތަކީ އުފާ ހޯދާލުން ކަމަށެވެ. އެހެނަސް ފެނުނު މަންޒަރުތަކުން ލޫކަސްއަށް ހެދުނު ގޯސް ފަހުމުވެއްޖެއެވެ. ޤައިލާއާއި ރައްޓެހިވާކަށް ލޫކަސް ބޭނުމެއް ނޫނެވެ. ގަޔާވާ ސިފައެއް ވެސް ނެތީއެވެ. ބޭރުފުށުގެ ރީތިކަން ހާސިލް ވެއްޖެއެވެ. އެވަރުން އޭނައަށް ފުދެއެވެ.
''ލޫކް!، ވެއިޓް!...'' ޤައިލާއަށް ލޫކަސްއާއި އަރާހަމަކުރެވުނީ ދުވާރު ކައިރީ ޕާކްކޮށްފައި އޮތް ލޫކަސްގެ ރޭންޖްރޯވާ ކާރާއި އަރާހަމަވީ ފަހުންނެވެ. ޤައިލާ ހުރީ މައިނޭވަ ލެވިފައެވެ. ލޫކަސްގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައިވަނިކޮށް އެކަނިކޮށްލާފާނެތީ ޤައިލާއަށް ރޮވިއްޖެއެވެ. ވޭނާއި ކެކުޅުމުގެ ކަރުނަތަކުން ކޯތާފަތުގައި ރޮނގު ދަމާލިއެވެ.
''ކީއްވެ ކުރިން ނުބުނީ؟، އަސަލްއަށް އެނގުނުކަމާއި އަސަލް ގޭގައި އުޅޭކަން ނުބުނީ ކީއްވެ؟، އައި ޑޯންޓް ވޯންޓް ދިސް ޑްރާމާ!، ޤައިލާގެ މެރިއޭޖް މައްސަލަތަކުގެ ތެރެއަށް އަހަރެން ވައްދާކަށް ނުޖެހޭނެ...'' ރުންކުރުކަމާއެކުގައި ލޫކަސްއަށް ބުނެވުނެވެ. ތިބެވުނު މާހައުލު އޭނައަށް ރޭކާލީ މީހުންގެ ނަޒަރު ހުއްޓެން ފެށުމުންނެވެ. އެއާއެކު ކާރުގެ ދޮރު ހުޅުވާފައި ލޫކަސް އެރީ ކާރަށެވެ. ޤައިލާއަށް ތެޅިގަނެވުނެވެ. އަވަސްއަވަހަށް ފޮށި ދޫކޮށްލަމުން، ކުރީ ސީޓުގެ ދޮރު ހުޅުވާލައި ކާރަށް އަރައިފިއެވެ.
''ލޫކް ރުޅިއައީތަ؟، އައިމް ސޮރީ، އަހަރެން ވެސް ހުރީ ބިރުންނޭ، އަސަލްއަށް އެނގިގެން އޭނަ އަހަންނާ ދިމާއަށް ހާދަ އެއްޗިއްސެއް ގޮވާލިޔޭ، އަހަރެންގެ ގަޔަށް އަތް އިސްކުރާ ހިސާބުގަ ހުރީ، އެހެންވެ އަހަރެން ލޫކްއަށް ގުޅީ، ލޫކްގެ ފަރާތުން ރައްކާތެރިކަން ލިބޭނެތީ، ލޫކް، އަހަރެން ވަރަށް ބިރުއެބަގަނޭ...'' ރޮމުންރޮމުން ޤައިލާ ބުންޏެވެ. އަސަލްގެ ބޮލުގައި ދޮގު އިލްޒާމުތައް އަޅުވާލީ ލޫކަސްގެ ހަމްދަރުދީލިބޭނެކަމަށެވެ. އެހެނަސް ކަންތައްވީ ދިމާ އޭގެ އިދިކޮޅަށެވެ. ފާއިތުވި މަސްތަކުގައި ލޫކަސްއަށް ޤައިލާގެ މަކަރުވެރިކަން ރަނގަޅަށް ދަސްވެފައިވުމުން މަޅީގައި ލޫކަސް ހައްޔަރެއް ނުކުރެވުނެވެ.
''ވަޓް؟، އަސަލް؟...'' ކާރުގެ ހުންގާނުގައި ބާރަށް ހިފަހައްޓައިގެން އިނދެފައި، ލޫކަސްއަށް ޤައިލާއާއި ދިމާއަށް އެނބުރިލެވުނެވެ. ޤައިލާގެ ވާހަކަތައް ލޫކަސް ޤަބޫލެއް ނުކުރިއެވެ. އަސަލްއާއި އޭނަ ބައްދަލުވެފައިވަނީ އެންމެ ފަހަރަކުއެވެ. އެބައްދަލުވުމުން ވެސް އަސަލްގެ މިޒާޖު ދެނެގަނެވުނެވެ. އަސަލްގެ ބޮލުގައި ޤައިލާ އެޅުވި ދޮގު ތުހުމަތުތަކުން ޤައިލާ ދެކެ ވީ ފޫހި ބުނެދޭކަށް ނޭނގެއެވެ.
''އާނ...'' ލޮލުގެ ހިމަކޮޅުންލާފައި ފޭބި ކަރުނަ ފޮހެލަމުން ޤައިލާ ބުންޏެވެ.
''ނުވާނެ އެހެނެއް، ހީ އިސް އަ ގުޑް ޕާސަން، އެހެންނޫނަސް އަނބިމީހާ ޗީޓްކުރާކަން އެނގުނީމަ އެއްޗެއް ނުބުނެ ވެސް ނުހުރެވެނެދޯ، އެކަމަކު ތިބުނާހާ އަސަލް ގޯހެއް ނުވާނެ، ޤައިލާ، އަހަރެން ގާތު ދޮގު ހަދަން ނޫޅުނިއްޔާ ރަނގަޅުވާނީ...'' ހަރުކަށިކަމާއެކު ލޫކަސް ބުންޏެވެ.
''އާރ ޔޫ ޓޭކިންގް ހިޒް ސައިޑް؟...'' ޤައިލާގެ ހިތުގައި ޖެހުނެވެ.
''އަހަރެން ސައިޑެއް ނުނަގަން، ތެދު ހާމަކުރީ...'' ލޫކަސް ދިގު ނޭވާއެއް ދޫކޮށްލިއެވެ. އޭނަ ނަޒަރު ހުއްޓާލީ މަގަށެވެ. މަގުގައި ހޭލަމޭލަވަމުން ދިޔަ މީހުންނަށް ބަލަން އިރުކޮޅެއް ވަންދެން ލޫކަސް އިނެވެ. ޤައިލާ އިނީ ރޯންށެވެ. ތިރީ ތުންފަތުގައި ދަތްއަޅައިގެން ގިސްލުންތައް ހިންދާލައިގެންނެވެ.
''ދާނެ ތަނެއް އެބަހުރި؟...'' ލޫކަސް އެހިއެވެ. އޭނައަށް ފޯނުކޮށްގެން ގެނައި ސަބަބު ގަސްދުގައި ނޭނގޭ ކަމަށް ހެދުނެވެ. އޮޅިގެން ވެސް ޤައިލާއަށް އިޝާރާތެއް ދޭން ލޫކަސް ބޭނުމެއްނުވިއެވެ. އިތުރަށް ޤައިލާއާއެކު އޮތް ގުޅުން ކުރިއަށް ގެންދިއުމުގެ ވިސްނުމެއް އޭނަގެ ނެތެއެވެ. ބުއްދީގެ ބޭނުން ހިފައި ޤައިލާއާއި ދުރުވުމުގެ މަސައްކަތް އޭނަ ފެށިއެވެ.
''ރިދާ ގާތަށް ގެންދަންވީދޯ...'' ޤައިލާއަށް ޖަވާބު ނުދެވެނީސް ލޫކަސް އިތުރުކޮށްލިއެވެ. ވާހަކަދައްކަން ޤައިލާ އަނގުހުޅުވާލުމާއެކު ލޫކަސް ކާރުން ފައިބައިފިއެވެ. ޤައިލާގެ ލަގެޖު ކާރުގެ ޑިކީއަށް ލަމުން އަނެއްކާ ވެސް ޑްރައިވަރު ސީޓުގައި އިށީނެވެ.
ޤައިލާ މަޑުކޮށްލީ ލޫކަސްގެ އިޝާރާތަކަށެވެ. ލޫކަސްއާއެކުގައި އޭނަ ގެންދަން ބުނާށެވެ. ހިތަށް ވާ ތަދާއެކު ޤައިލާއަށް ގިސްލުންތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ވޭނުން ފުރިފައިވި ގިސްލުމުގެ އަޑު ކާރުގައި ގުގުމާލިއެވެ.
ކާރަށް އަރާފައި ވެސް ޤައިލާއަށް ލޫކަސް ސަމާލުކަމެއް ނުދިނެވެ. އޭނަ ކާރު ދުއްވާލިއެވެ. މަންޒިލަކަށްވީ ރިދާ އުޅޭ އެޕާޓްމެންޓެވެ. ލޫކަސްގެ ފަރުވާކުޑަކަމުން ޤައިލާގެ ދުލުން ވާގި ގޮސްފިއެވެ. އޭނައަށް އިނދެވުނީ އިސްޖެހިފައެވެ. ލޮލުން ފައިބާ ކަރުނަ ފޮހެލުމުގައެވެ.
*****
އަސަލް ކޮޓަރިއަށް ވަނެވެ. މުޅި ތަނުގެ ތަރުތީބު އޮތީ ނަގާލާފައެވެ. އަލަމާރީގައި ހުރި އަސަލްގެ ހެދުންތައް އަތު ޖެހުނު ތަނަކަށް ހޫރާލާފައެވެ. އަސަލް ބޭނުންކުރާ ރީތިވާ ސާމާނާއި ޑޭވިޑޮފް ކޫލް ވޯޓާ ބްރޭންޑްގެ ސެންޓް ފުޅި ވެސް ތަޅާލާފައިވުމުން މުޅި ކޮޓަރި އެއްވަސް ކޮށްލާފައިވަނީ ސެންޓުގެ ވަހުންނެވެ. ޓައިލްސް މަތީ ކުދިކުދި ބިއްލޫރިކޮޅުތަކެވެ. އަސަލް ކޮޓަރިން ނިކުމެފައި އައީ ބުރުހަކާއި ޑަސްޓްޕޭނެއް ހިފައިގެންނެވެ. ފަޔަށް ބިއްލޫރި ނުހެރޭނެހެން ސަމާލުވެލަމުން ކޮޓަރި ސާފުކުރަން ފެށިއެވެ. އޭސީ ނިއްވާލައި ކޮޓަރީގެ ކުޑަދޮރުތައް ހުޅުވާލީ ވަސްގަނޑު ބޭރުކޮށްލުމަށެވެ.
ޑަސްޓްޕޭންގައި ހުރި ބިއްލޫރިކޮޅުތައް ހިފައިގެން އަސަލް ވަނީ ބަދިގެ އަށެވެ. އޭރު ސެންޓްގެ ވަސް އޮތީ މުޅި އެޕާޓްމެންޓްގައި ހިފާލާފައެވެ. ކަބަޑެއްގެ ވަތްގަނޑުން ނެގި ކުނި ކޮތަޅަށް ބިއްލޫރުކޮޅުތައް އަޅާލަމުން ފަރުވާތެރިކަމާއެކު ކޮތަޅު ބަންދުކުރަނިކޮށް ބެލް ޖަހާލި އަޑު އިވުނެވެ. ކޮތަޅު ކުނިވަށިގަނޑަށް ލަމުން އަސަލް ހިނގައިގަތީ ދޮރު ހުޅުވުމަށެވެ.
''ހާދަ ވަރަކަށް ސެންޓް ޖަހާލައިގެން...'' އަސަލް ދޮރުހުޅުވާލުމާއެކުގައި ދާމިން ބުންޏެވެ. ސެންޓްގެ ވަސްގަނޑު ނޯށަށް ވަނުމާއެކު ނޭފަތަށް ގޮތެއް ހަދާލެވުނެވެ.
''ނޫނޭ، ސެންޓްފުޅި ތަޅައިގެން ދިޔައީ...'' ދާމިން ވަންނަން ދޮރު ބޮޑުކޮށް ހުޅުވަމުން އަސަލް ބުންޏެވެ. ދާމިން އެތެރެއަށް ވަނެވެ. އަސަލްގެ ފަރާތުން ލިބުނު ކުއްލި މެސެޖަށް ފަހުގައި ގުޅުމުން ފޯނު ވެސް ނުނެގުމުން ދާމިން ހުރީ ސުވާލު އުފެދިފައެވެ. ނަމަވެސް އަސަލްއަށް ވަގުތު ދެމުން އޭނަ ގޮސް އިށީނީ ބޮޑުކޮޓަރީގެ ސޯފާގައެވެ. ޤައިލާގގެ ހިލަމެއްވޭތޯ ދާމީން ހޯދާލިއެވެ.
''ކޮފީއެއް ބޭނުން؟...'' ސޯފާގައި އިށީން ދާމިންއާއި އަސަލް ވާހަކަދެއްކިއެވެ. އޭނަ އުޅުނީ މައުޟޫޢު ފަށާނެ ފަސޭހަ މަގެއް ފެނޭތޯއެވެ. ދާމިން ބޯޖަހާލުމުން އަސަލް މިސްރާބު ޖެހީ ބަދިގެއަށެވެ. ވަކި ހިސާބަކަށް ގޮސް ހުއްޓިފައި ފަސްއެނބުރި ދާމިންއަށް ބަލައިފިއެވެ.
''އެއްޗެއް ކައިފިންތަ؟...'' ބޮޑުކޮޓަރީގެ ފާރުގައި ހުރި ގަޑިއަށް ބަލަމުން އަސަލް އެހިއެވެ. އަށްގަޑި ބައިވަނީއެވެ.
''އުހޫނ...'' ދާމިން ބޯހޫރާލިއެވެ.
''ޕިއްޒާއަކަށް އޯޑަރުދޭންވީދޯ...'' ފޯނު ނަގަމުން އަސަލް ބުންޏެވެ. ދާމިން ބޯޖަހާލިއެވެ. އޭނައަށް އަސަލްގެ ކޮންމެ ހަރަކާތެއް ފާހަގަކުރެވުނެވެ. އަސަލް އަންނަންދެން ދާމިން ޓީވީ ހުޅުވާލިއެވެ. ކަމުދާ އެއްޗެއް ނުފެނުމުން ފުޓުބޯޅަ ޗެނެލަކަށް ބަދަލުކޮށްލިއެވެ.
''ޕިއްޒާ އަންނާނެ ތިރީސް މިނެޓް ތެރޭ...'' ދެ ކޮފީ މަގު ހިފައިގެން އައި އަސަލް ބުންޏެވެ. ޓީވީގެ ސްކްރީނުން ވަކިވި ދާމިންގެ ނަޒަރު އަސަލްގެ މޫނަށް ހުއްޓުނެވެ. އަސަލް ދިއްކޮށްލި ކޮފީ މަގުގައި ދާމިން ހިފިއެވެ.
''ބެލްކަންޏަށް ދަމާ...'' އަސަލް ބުނެލިއެވެ. އޭނަ ހުރީ ސާފު ވައިފޮދަކަށް ބޭނުންވެފައެވެ. އަސަލްގެ ފަހަތުން ދާމިން ހިނގައިގަތީ ޓީވީ ނިއްވާލާފައެވެ. ދާމިން ބެލްކަންޏަށް ނިކުތް އިރު އަސަލް ހުރީ ރެއިލިންގްއަށް ލެނގިލައިގެން އުޑަށް ނަޒަރު ހުއްޓައިގެންނެވެ. ލަސްލަހުން ކޮފީ މަގުން ކޯވަރެއް ބޯލައެވެ.
''ޤައިލާ ނޫޅެނީތަ؟...'' ދާމިން އިށީނީ އުނދޯލީގައެވެ. އެއާއެކު ދާމިންއާއި އަސަލް ކުރިމަތިލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އަސަލް އިށީނީ ސަރަންފީ ގޮނޑީގައެވެ. ފުން ނޭވާއަކަށް ފަހު، ރޭގެ ހާދިސާއިން ފެށިގެން ގޮސް ހެނދުނު ފެނުނު މަންޒަރުތަކާއި ވަރިއާ ހަމައަށް ދިޔަ ޒުވާބު ވެސް ހިއްސާކޮށްލިއެވެ. މައިހާއަށް އެހިތުން ދެވިފައިވާ މާޤާމާއި ލޯބީގެ ވާހަކަ ވެސް ހިއްސާކުރިއެވެ. ސިއްރުކުރުމެއްނެތި ކިޔައިދިނީ ޚިޔާލަކަށް ބޭނުންވެފައިވާތީއެވެ. އޭނަގެ ސިއްރުތައް ދާމިން ހިފަހައްޓާނެކަމުގެ އިތުބާރު އޮތުމުންނެވެ.
އަސަލް ނިމެންދެން ދާމިން އިނީ ހިމޭނުންނެވެ. ކޮންމެ ވާހަކައެއް ސިކުނޑިއަށް ދޭހަކުރުމުގައެވެ. ޤައިލާގެ މަކަރުވެރިކަމާއި ބޭވަފާތެރިކަން ހާމަވުމުން ދާމިން ވެސް ޤައިލާ ދެކެ ފޫހި ވިއެވެ. އަސަލްއަށް އޮޅުވާލާފައިވާ މިންވަރު އަންދާޒާ ކުރެވުމުންނެވެ. ޤައިލާގެ ވަކިތަކުން އަސަލް މިންޖުވީތީ އެކަމާ ދާމިން އުފާވިއެވެ.
''ހައު އާރ ޔޫ ފީލިންގް؟...'' ދާމިން އަހާލިއެވެ. އަސަލްގެ ހާލު އޮޅުންފިލުވަން ސުވާލުކޮށްލީ އަހަރުތަކެއްވީ ގުޅުމަށް ނިމުން އައުމުން ދެރަވާނެކަން އެނގޭތީއެވެ. ޤައިލާ އަސަލްއާއި މެދު ކަންތައް ކުރީ ވެސް ރަހުމުކުޑަކަމާއެކުގައި ވިއްޔާ އެވެ.
''އޮނެސްޓްލީ؟، އައިމް އޯކޭ، ދެމެދުގައި ލޯތްބެއް ނެތް، ފުރަތަމަ ގުޅުމުގެ ފެށުން ވެސް ގޯސް، އެހެންވެ މިކަހަލަ ނިމުމެއް އައީ، ޤައިލާގެ ބޭވަފާތެރިކަން އެނގުމުން ދެރަވި، އެކަމަކު އެއީ ޤައިލާ ދެކެ އަހަރެން ވީ ލޯތްބަށް ނިމުން އައުމުން ކުރެވުނު އިހުސާސެއް، ހިތާމައާއި ގުޅިފައިވަނީ ހަޔާތުން ބޭކާރުވެގެން ދިޔަ ދުވަސްތައް، އެއީ އަނބުރާ ލިބޭނެ ދުވަސްތަކެއް ނޫން......'' ކޮފީ ކޯވަރެއް ބޮމުން އަސަލް ބުންޏެވެ. ޤައިލާގެ ބާބުގައި ނިމުމުގެސިއްކަ ޖަހަމުންނެވެ. އިތުރަށް ޤައިލާއާއި މެދު ފިކުރުކުރަން އަސަލްގެ ޒަމީރު ދެކޮޅު ހެދިއެވެ. ދާމިންއާއި ހިއްސާކޮށްލެވުމުން ސިކުނޑިއަށް ލުޔެއް ލިބުނެވެ.
''ޤައިލާ ބުނި އެއްޗިއްސާ މެދު އަޒް ވިސްނަން ނަހަދާތި، އޭނަ އުޅެނީ ކޮންމެ ކަމެއްގައި އަޒް ބްލޭމް ކުރަން، ތިމާ މީހާ ހުދު ކާފޫރަށް ވާން، އެއީ ގޭސްލައިޓްކުރަން ކުރާ ކަމެއް، ޤައިލާއަކީ ހާދަ އެހެން ކަހަލަ މީހެކޭ، ތެދަށް ބުނާނަމަ އަހަރެން އެއްއިރެއްގަ ވެސް ޤައިލާ ކަމަކުނުދޭ، ޔޫ ކޭން ޑޫ މަޗް ބެޓާ...'' ދާމިން ބުންޏެވެ. ޖުމްލަ ނިންމާލަމުން ސަމާސާއެއްކޮށްލީ މާހައުލުގެ ނުތަނަވަސްކަން ކަނޑުވާލާށެވެ. އަސަލްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިކުރުމުގައި ދާމިން ކާމިޔާބު ހޯދިއެވެ.
ދެއެކުވެރިން ހިމޭންކަމުގެ ތެރޭގައި ކޮފީ ބޮއެ ނިންމާލިއެވެ. އަސަލް ހިއްސާކުރި ވާހަކަތަކުން އަސަލްއަށް މައިހާ ހާއްސަ މިންވަރު ދާމިންގެ ތޫނުފިލި ސިކުނޑިއަށް ދޭހަކުރެވުނެވެ. ނަމަވެސް އެކަމާއި ގުޅުވައިގެން އެއްޗެއް ބުނަން އޭނަ ހުރީ ފަސްޖެހިފަ އެވެ. އެކަން ދެނެގަތީ އަސަލް އެވެ.
''އަހާބަލަ...'' އަސަލް ބުންޏެވެ.
''ކޯޗެއް؟...'' ދާމިންއަށް ލިބުނީ ހައިރާންކަމެވެ.
''ތިހުންނަނީ މޭއިއާ ބެހޭ ގޮތުން އޮޅުންފިލުވަން ނުކުރިފައެއްނު...'' އަސަލް ބުންޏެވެ. ''އަހާބަލަ... އަހަރެން ޖަވާބު ދޭނަމޭ...''
''އަޒްއަށް މޭއި ވަރަށް ހާއްސަކަން އެނގޭ، އެހެންވީމަ މާގިނަ ސުވާލެއް ކުރާކަށް ނެތިން، އެކަމަކު އެއްޗެއް ބުނެލަން ބޭނުން، ހިތަށް އަރަނީ މިއީ އެކަމަށް އެންމެ މުނާސަބު ވަގުތު ބާއޭ...'' ދާމިންގެ ޖުމްލައަށް އަސަލްގެ ޝައުޤުވެރިކަން ހުއްޓުނެވެ.
(ނުނިމޭ)
ދޭނުހޭ ކަލާ
ކޮބާވާހަކަ
ފާތު - 12 މަސް ކުރިން
ގައިލާއަށް ރީތި ލަނޑެއް ލިބިއްޖެއެންނު. އެކަމަކު އެހާ ފަސޭހައިން އަދި ހިޔެއް ނުވޭ އެ ގައިލާގެ މުސީބާތް ނައްޓާނެހެނެއް. ބަނޑުބޮޑޭ ގޮވަމުން ނައިސްފިއްޔާ ވެދާނެ. ވާހަކަ ވަރަށް ރީތި.
ހަޔާ - 1 އަހަރު ކުރިން