އަންނަ މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަން އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރުވަމުން އަންނަނީ އެއްފަހަރާ ހުރިހާ އޮޕަރޭޝަންތަކެއް އާ ޓާމިނަލަށް ބަދަލުކުރުމުގެ ބަދަލުގައި އެކަމަށް ހާއްސަ އުސޫލުތަކެއްގެ ތެރެއިން، ވަކި މަރުހަލާއަކަށެވެ.

އެހެން ގައުމުތަކެކޭ އެއްގޮތަށް އެފަދަ ބޮޑު ބަދަލެއް ގެންނަ އިރު، ރާއްޖެއިން ވެސް އަމަލުކުރަން ޖެހެނީ އެކަމަށް ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކެއްގެ ދަށުންނެވެ. ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނާއި އިންޓަނޭޝަނަލް އެއާޓްރާންސްޕޯޓް އެސޯސިއޭޝަންގެ މިންގަނޑުތަކަށް ފުރިހަމައަށް އެމްއޭސީއެލުން އަމަލުކުރަން ޖެހެއެވެ. އެ މިންގަނޑުތަކަށް އެއާޕޯޓްގެ ފެސިލިޓީތައް އޮޕަރޭޓްކުރުމުގެ ކުރިން ތަންފީޒުކުރަން ޖެހޭ ވެލިޑޭޝަން ބްރިޖަކީ "އޮރާޓް" އެވެ.

18 މާޗް 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، ވީއައިއޭގެ އާ ފަސިންޖާ ޓާމިނަލްގެ މަސައްކަތްތައް ބައްލަވައިލެއްވުން -- ފޮޓޯ/ އެމްއޭސީއެލް

އޮރާޓަކީ އެއާޕޯޓެއް ނުވަތަ އާ ޓާމިނަލެއް ހުޅުވުމުގެ ކުރިން އެތަނުގެ ހިދުމަތްތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި، އިކުއިޕްމެންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި، އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި، ހުޅުވުމުގެ ކުރިއާއި ފަހަތަށް މުޅި އެއާޕޯޓު ނުވަތަ ޓާމިނަލް ގައުމީ އަދި ބައިނަލްއަގުވާމީީ މިންގަނޑުތަކަށް ތައްޔާރުކޮށްފައިވޭތޯ ކަށަވަރުކުރުމެވެ.

އޭގެ ތެރޭގައި ރާއްޖޭގެ ރެގިއުލޭޓަރީ އޮތޯރިޓީތައް ކަމުގައިވާ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ދާސާ)، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އަދި ދިވެހި ސިފައިންގެ މިންގަނޑުތައް ކަށަވަރުކުރަން ޖެހެއެވެ.

އޮރާޓުގެ ސަބަބުން ފައިދާތަކެއް ވެސް ކުރާނެއެވެ. އޭގެ ތެރެއިން މައިގަނޑު ބައެއް ފައިދާތަކަކީ އާ ޓާމިނަލް ހުޅުވުމުގެ ކުރިން އޮޅުންބޮޅުންތަކާއި ހާލަތު ގޯސްވުންތަކުން ފަސިންޖަރުންނާއި މުވައްޒަފުން ސަލާމަތްކުރުމާއި، އާ ޓާމިނަލް ހުޅުވުމުގެ ކުރިން އެތަނުގެ ރައްކާތެރިކަމާއި ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމެވެ. އޭގެ އިތުރުން އާ ޓާމިނަލް ހުޅުވުމުގެ ކުރިން އެތަނުގެ ހިދުމަތް ހޯދާ ފަރާތްތައް ކަމަށްވާ އެއާލައިންތަކާއި ފަސިންޖަރުން އަދި ސްޓޭކްހޯލްޑަރުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ކަށަވަރުކޮށްދިނުމަކީ އޮރާޓުގެ ސަބަބުން ލިބޭ ފައިދާއެކެވެ.

19 ޖޫން 2025، ވީއައިއޭގެ އާ ޓާމިނަލް އެއާލައިން ޕާޓްނަރުންނަށް ދައްކާލުން -- ފޮޓޯ/ އެމްއޭސީއެލް

އޮރާޓުގައި ހިމެނޭ ބައިތަތަކީ ކޮބާ؟

އޮރާޓުގެ ހަތަރު ބައެއް ހިމެނެއެވެ. އެއީ ފެސިލިޓީ، އިންފޮމޭޝަން، ސިސްޓަމްސް އަދި ހިއުމަން (އެފްއައިއެސްއެޗް) އެވެ. އޮރާޓުގެ ހުރިހާ މަރުހަލާއެއްގައިވެސް މި ހަތަރު ބައިގެ އެންމެހައި ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އާއި މިންގަނޑަށް ފެތޭތޯ ކަށަވަރުކުރެއެވެ.

އޮރާޓުގެ މަސައްކަތްތައް މައިގަނޑު ހަ ބައެއްގެ މައްޗަށް ތަރުތީބު ކުރެވިފައިވާ އިރު، އޭގެ ތެރެއިން އެންމެ ފުރަތަމަ މަރުހަލާއަކީ އޮޕަރެޝަނަށް ކަންކަން ރޭވުމާއި ތައްޔާރުވުމެވެ. އެ މަރުހަލާގައި އެއާޕޯޓުގައި މަސައްކަތްކުރާ ފަރާތްތައް، މިސާލަކަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، އެއާލައިންސް، އެހެނިހެން މަސައްކަތްތެރީން ދެނެގަނެ، ޓީމުތައް އެކުލަވާލައި އެމީހުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެކަށަައަޅައި ކުރިއަށް ގެންދާނެއެވެ.

އޭގެ އިތުރުން އެއާޕޯޓުގައި ބޭނުންކުރަން ގަސްތުކުރާ އަދި ބޭނުންކުރަމުން އަންނަ ސިސްޓަމްތަކާއި މެޝިނަރީޒް، މިސާލަކަށް ބެގޭޖް ހޭންޑްލިން ސިސްޓަމާއި، ސެކިއުރިޓި ސިސްޓަމާއި، ޗެކިން ސިސްޓަމްތައް ދެނެގަތުން ވެސް އެ މަރުހަލާގެ ތެރޭގައި ހިމެނެއެވެ.

16 ޖޫން 2025، ވީއައިއޭގެ އާ ޓާމިނަލް އެއާލައިން ސްޓޭކްހޯލްޑަރުންނަށް ދައްކާލުން -- ފޮޓޯ/ އެމްއޭސީއެލް

އޮރާޓުގެ ދެވަނަ މަރުހަލާއަކީ ހުރިހާ ކަމެއް އަޖުމަބެލުން ނުވަތަ ޓެސްޓުކުރުމުގެ މަރުހަލާއެވެ. އެ މަރުހަލާގައި އެއާޕޯޓުގެ އާ ޓާމިނަލްގައި ބޭނުންކުރާ އަދި ބޭނުންކުރަން ގަސްތުކުރާ އިކުއިޕްމެންޓާއި، މެޝިނަރީޒްގެ އިތުރުން ބޭނުންކުރާ ހުރިހާ ޓެކްނޮލޮޖީއެއްގެ އަޖުމަ ބަލާނެއެވެ. އެ އަޖުމަ ބެލުމުގެ ތެރެއިން އިކުއިޕްމެންޓާއި، މެޝިނަރީޒްގެ އިތުރުން ބޭނުންކުރާ ހުރިހާ ޓެކްނޮލޮޖީގައި ހުރި މައްސަލަތައް ދެނެގަނެ ހުޅުވުމުގެ ކުރިން އެކަންކަން ހައްލުކުރުން ހިމެނެއެވެ.

އޮރާޓުގެ ތިންވަނަ މަރުހަލާއަކީ ހާލަތު ތަމްސީލުކުރުން ނުވަތަ އޮޕަރޭޝަނަލް މޮކަޕެއް ކުރިއަށްގެންދިއުމެވެ. އެ މަރުހަލާގައި ތަމްސީލީ ގޮތެއްގައި އާ ޓާމިނަލްގެ އޮޕަރޭޝަން ކުރިއަށްގެންދާނެ ގޮތް ތަޖުރިބާކުރެވޭނެއެވެ. ފުލައިޓުތަކާއި ފަސިންޖަރުންނާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާނެ ގޮތްތައް ދެނެގަނެ ތަމްސީލުކުރެވޭނެ އެވެ. އެގޮތުން 2000 އެއްހާ މީހުން ފަސިންޖަރުންގެ ގޮތުގައި ބޭނުންކޮށްގެން މުޅި ޓާމިނަލްގެ ފުރިހަމަ ޓްރައެލްއެއް ބޭއްވޭނެއެވެ.

އާ ޓާމިނަލްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުވައްޒަފުން ތަމްރީނު ކުރުމުގެ ތެރެއިން، މުވައްޒަފުން ހިދުމަތްދިނުމުގައި ފާހަގަކުރެވޭ އުނދަގޫތައް ދެނެގަނެ އެކަންކަން ރަނގަޅުކުރުން ވެސް ތިންވަނަ މަރުހަލާގައި ހިމެނެއެވެ.

އޮރާޓުގެ ހަތަރުވަނަ މަރުހަލާއަކީ މުވައްޒަފުން ތަމްރީނުކުރުމުގެ މަރުހަލާއެވެ. އެ މަރުހަލާގައި އާ ޓާމިނަލްގައި ބޭނުންކުރާ ސިސްޓަމްތަކާއި އިކުއިޕްމަންޓު ބޭނުންކުރާނެ ގޮތްތަކާއި އުސޫލުތައް ބުނެދެވޭނެ އެވެ. ކުއްލި ނުރައްކަލުގެ މަރުހަލާގެ ކަންކަމަށް މުވައްޒަފުން އަހުލުވެރިކުރުވުމަށްޓަކައި ޑްރިލްތައް ކުރިއަށްގެންދެވޭނެއެވެ. މިސާލަކަށް އަލިފާނުގެ ހާދިސާތަކާ ގުޅިގެން ޓާމިނަލުން މީހުން ހުސްކުރުން ފަދަ ހާއްސަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ބުނެދެވޭނެއެވެ.

16 ޖޫން 2025، ވީއައިއޭގެ އާ ޓާމިނަލް، މޯލްޑިވިއަންގެ މުވައްޒަފުންނަށް ދައްކާލުން -- ފޮޓޯ/ އެމްއޭސީއެލް

އޮރާޓުގެ ފަސްވަނަ މަރުހަލާއެއްގެ ގޮތުގައި ހިމެނެނީ ޓާމިނަލް ބޭނުންކުރާން ފެށުމެވެ. އެއީ އާންމު ހާލަތުގައި އާ ޓާމިނަލް ފްލައިޓުތަކާއި ފަސިންޖަރުންނަށް ހުޅުވާލުމެވެ. ރޭވުންތެރިކަމާއެކު ފަހަރަކު އެއާލައިނެއްގެ އިންޓަނޭޝަނަލް އޮޕަރޭޝަން އާ ޓާމިނަލަށް ބަދަލުކުރަމުން ގެންދާނެއެވެ. އެއާލައިންތައް އިތުރުކުރަމުން އައިސް ބައިނަލްއަގުވާމީ ހުރިހާ އެއާލައިންތަކުގެ އޮޕަރޭޝަން އާ ޓާމިނަލަށް ބަދަލުކުރެވޭނެއެވެ.

އޮރާޓުގެ ހަވަނަ މަރުހަލާއަކީ މޮނިޓާކުރުމާއި ކަންކަން ރަނގަޅުކުރުމުގެ މަރުހަލާއެވެ. އެ މަރުހަލާގައި ޓާމިނަލް ހުޅުވުމަށްފަހު ފާހަގަކުރެވޭ މައްސަލަތައް އަވަސްކަމާއެކު ދެނެގަނެ އެކަންކަން ހައްލުކުރެވޭނެއެވެ. ޓާމިނަލްގެ އޮޕަރޭޝަނަށް ބުރުނާރާ ގޮތުގައި ހުރިހާ ކަމެއް ކުރިއަށްގެންދެވޭނެކަން ކަށަވަރުކުރާނެއެވެ. އޭގެ އިތުރުން ހިދުމަތް ދިނުމަށް އެކުލަވައިލެވިފައިވާ މެކޭނިޒަމްތައް އޭގެ އެންމެ އުހަށް ހިއްލައިލެވޭނެއެވެ. އޮޕްޓިމައިޒް ކުރެވޭނެއެވެ.

އޮރާޓުގެ މަރުހަލާތައް ކުރިއަށްގެންދިއުމަށް ހާއްސަ ކޮންސަލްޓަންޓެއް!

އޮރާޓުގައި ހިމެނޭ މުހިންމު މަރުހަލާތައް އެމްއޭސީއެލުން ކުރިއަށްގެންދަނީ ބޭރުގެ ތަޖުރިބާކާރު ކޮންސަލްޓަންސީ ކުންފުންޏެއްގެ ލަފަޔާއެކުއެވެ. މޮޑަލިސްގެ ފަރާތުން އެމްއޭސީއެލަށް އެކަމުގެ ލަފާދެނީ އެ ކުންފުނީގެ އޮރާޓް ޕްރޮޖެކްޓް މެނޭޖަރު ރޮބް ވިލިއަމްސް އެވެ. އޭނާގެ އެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ މާޗް މަހުއެވެ.

ރޮބް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވާ ގޮތުގައި، އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން ކޮންމެ ދުވަހެއްގައި ވެސް މުވައްޒަފުން ކުރަން ޖެހޭ މަސައްކަތްތަކާއި އެކްސްރޭ މެޝިން ފަދަ އިކުއިޕްމަންޓްތައް ބޭނުންކުރާނެ ގޮތް ކިޔައިދެވޭނެ އެވެ.

17 ޖޫން 2025، ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން އޮރާޓް ކޮންސަލްޓަންޓާއެކު ބޭއްވި އިވެންޓެއް -- ފޮޓޯ/ އެމްއޭސީއެލް

"ވީއައިއޭ ހުޅުވުމުގެ ކުރިން މިމަހާއި އަންނަ މަހުގެ ކުރީކޮޅު މުވައްޒަފުން ބައިވެރިކޮށްގެން ފުލް ސްކޭލް ޓްރައެލްއެއް ކުރިއަށްގެންދެވޭނެ. އެ ޓްރައެލް ކުރިއަށްގެންދާނީ ލައިވް އެއާކްރާފްޓަކާއި ފަސަންޖަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ މީހުންނާއި ލަގެޖުތަކާއެކު،" އޭނާ ވިދާޅުވިއެވެ.

އަންނަ މަހުގެ 26 ވަނަ ދުވަހު އާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންއާއެކުއެވެ. ދުވަސްކޮޅަކަށް މޯލްޑިވިއަންގެ ފުލައިޓުތަކާއެކު، ފުރިހަމަކުރަން ޖެހޭ އިތުރު ކަންކަން ބެލުމަށްފަހު އެހެން ހުރިހާ އެއާލައިންތަކެއް ވެސް އާ ޓާމިނަލަށް ބަދަލުކުރަން ވަނީ ހަމަޖައްސައިފައެވެ.

އާ ޓާމިނަލުގައި ގިނަ ތަފާތުތަކެއް، ޓެކްނޮލޮޖީގެ ގޮތުން ވެސް ބޮޑެތި ބަދަލުތަކެއް!

އާ ޓާމިނަލްގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާ އެވެ. އެ ކުންފުނިން އެ މަސައްކަތް ހަވާލުކުރީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާއެވެ. އާ ޓާމިލަކަށް 600 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މިހާރުގެ ޓާމިނަލުގެ އޮޕަރޭޝަނާއި ބޭނުންކުރާ އިކުއިޕްމަންޓުތައް، އާ ޓާމިނަލާ މުޅިން ތަފާތެވެ. އަހަރަކު 7.6 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ 72،000 އަކަމީޓަރުގެ އާ ޓާމިނަލްގެ އޮޕަރޭޝަންތައް ބޮޑުތަނުން ފުޅާވާނެ އެވެ. އިކުއިޕްމަންޓުތަކުގައި ބޭނުންކުރާނީ އެންމެ ފަހުގެ ޓެކްނޮލޮޖީތަކެވެ.

އާ ޓާމިނަލަށް ވަނުމާއެކު، އިތުރު ސެކިއުރިޓީ ޗެކިންއެއް ނެތި، ޗެކިން ކައުންޓަރާ ހިސާބަށް ދެވޭނެ އެވެ. ޗެކިންކޮށް ލަގެޖު ދޫކޮށްލުމަށްފަހު، އެއީ ކޮން ފުލައިޓަކަށް ދާން ޖެހޭ ލަގެޖެއްކަން ދެނެގަންނަނީ އޮޓޯމޭޓް ސިސްޓަމަކުންނެވެ. ލަގޭޖު ދޫކޮށްލުމާއެކު، ލަގެޖުގައި ޖަހާފައި އޮންނަ ޓެގުން ސިސްޓަމުން އެ ދެނެގަންނާނެ އެވެ. މިހާރު އެކަން ކުރަން ޖެހެނީ މެނުއަލްކޮށެވެ.

18 މާޗު 2025، ހުޅުލެ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖާ ޓާމިނަލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުން --- ފޮޓޯ: ރައީސް އޮފީސް

އާ ޓާމިނަލުގައި 47 ޗެކިން ކައުންޓަރު ހުންނާނެއެވެ. އޭގެ ތެރޭގައި ބޮޑެތި، ބަރު ލަގެޖުތަކަށް ހާއްސަ ކައުންޓަރެއް ވެސް ހިމެނޭނެއެވެ. އަދި ހަ ސެލްފް ސާވިސް ކިއޮސްކާއި ސީޕްލޭން ފަސިންޖަރުންނަށް ހާއްސަ 25 ޗެކިން ކައުންޓަރު ވެސް ހިމެނޭނެއެވެ.

އިމިގްރޭޝަނަށް ބަލައިލާ އިރު، ހަ އީ-ގޭޓް އާއެކު ފުރާމީހުންނަށް 20 އިމިގްރޭޝަން ކައުންޓަރު ހުންނާނެއެވެ. އަންނަ މީހުންނަށް ހަތް އީ-ގޭޓް އާއެކު 28 އިމިގްރޭޝަން ކައުންޓަރު ހުންނާނެއެވެ.

އެއިރޯ ބްރިޖާއި ސެލްފް ޗެކިން ސިސްޓަމްތަކާއި އޮޓޯމެޓިކް ބެގޭޖް ހެންޑަލިންގް ސިސްޓަމްތަކާއި އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑެންސް ސިސްޓަމްތަކާއި އިމިގްރޭޝަން ކައުންޓަރުތަކުގެ އިތުރުން ޑިއުޓީ ފްރީ އާއި އެފްއެންބީ ފަދަ ކޮމާޝަލް ސަރަހައްދެއް ވެސް ޓާމިނަލްގެ ތެރޭގައި ހިމެނޭނެއެވެ.

އަންނަ މަހުގެ 26 ގައި އާ ޓާމިނަލް ހުޅުވުމުން، ތަޖުރިބާކޮށްލުމަށް އެމްއޭސީއެލުން ދައުވަތު ދެއެވެ. އާ ޓާމިނަލުން ތަފާތު އެތައް ތަޖުރިބާއެއް ކުރެވޭނެކަމުގެ ޔަގީންކަން އެމްއޭސީއެލުން ދެއެވެ.