ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް ވަކި ރަށްތަކެއް ކަނޑައަޅައި، އަންނަ ހަފުތާގެ ތެރޭގައި އެކަމުގެ ތަފްސީލުތައް ޓޫރިޒަމް މިނިސްޓްރީން އިއުލާންކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި، ރާއްޖޭގެ ފަތުރުވެރިކަމަކީ މުޅި ދުނިޔެއިން ވެސް ފާހަގަކޮށްލެވޭ ސިނާއަތެއްކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންގޮސް، ރާއްޖެއިން ދެމުން އަންނަ މެހެމާންދާރީ އާއި ތަޖުރިބާއަކީ ނާމޫނާއެއް ކަމަށެވެ. އަދި މިހާރު ރާއްޖޭގެ އަމާޒަކީ، ހަލާލު ޓޫރިޒަމްގެ ލީޑަރެއްގެ ގޮތުގައި ފާހަގަވެގެންދިއުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ހަލާލް ޓޫރިޒަމް ތަރައްގީކޮށް ފުޅާކުރުމަށް ވަކި ރަށްތަކެއް ސަރުކާރުން އެކަމަށް ކަނޑައަޅާނެ ކަމަށާއި އިންވެސްޓަރުންނަށް އެ ވިޔަފާރި ފުޅާކޮށް ތަރައްގީކުރުމަށް ބޮޑެތި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަލާލް ޓޫރިޒަމްގެ ތަފްސީލުތައް އަންނަ ހަފުތާގެ ތެރޭގައި މިނިސްޓްރީން އިއުލާންކުރާނެ ކަމަށާއި އެކަމަށްޓަކައި އިންވެސްޓަރުންނަށް ރާއްޖެ ހުޅުވިގެންދާނެ ކަމަށެވެ.
މިދިޔަ އޭޕްރީލް މަހު ރައީސް، މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމާ ގުޅިގެން ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރަން ވަނީ މަޝްވަރާތަކެއް ކުރައްވައިފައެވެ. އަދި މެލޭޝިއާ އިން ވެސް އެ ގައުމުގެ ހަލާލް އިންޑަސްޓްރީގެ ތަޖުރިބާ ރާއްޖެއާ ހިއްސާކުރަން ބޭނުންވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އޭރު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު