ރާއްޖެއަކީ 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށްވުމުގެ އަމާޒަށް ވާސިލުވުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރާނެ މާހައުލެއް އުފެއްދުމަށް މި ސަރުކާރުން ސާބިތުވެ އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"މައިކްރޯ، ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓަޕްރައިޒަސް ޑޭ"ގެ މުނާސަބަތުގައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިޔަފާރިވެރިންގެ މަސައްކަތް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދީ، މާކެޓުތަކަށް ވަދެވޭނެ ގޮތްތައް ހޯދައިދީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވަން ބޭނުންފުޅުވާ ކަމަށެވެ.

ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކުވައިދިނުމަށް މިދިޔަ މަހު ބޭއްވި މޯލްޑިވްސް އެކްސްޕޯ 2025ގެ ކާމިޔާބީއާއެކު ކުދި ވިޔަފާރިތަކަށް ވެސް ކުރިއަރައިގެން ދެވޭނެ މަގެއް ހޯދައިދޭން ސަރުކާރުން ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށް ވުމުގެ އަމާޒު ހިފާފައިވާތީއާއެކު، މި ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރާނެ މާހައުލެއް އުފެއްދުމުގައި ސާބިތުވެ ދެމި އޮންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިގުތިސާދު ފުޅާކޮށް، ތަރައްގީކުރުމަށް ވިޔަފާރިތަކުން ބޭނުންވާ ހުރިހާ އެއްބާރުލުމެއް މި ސަރުކާރުން ދޭނެ ކަމަށެވެ.