ހުޅުމާލޭ ހޮސްޕިޓަލުގައި ކަރަންޓުގެ މައްސަލައެއް ދިމާވުމާ ގުޅިގެން އެ ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީގެ ހިދުމަތްތައް ހިޔާ ފުލެޓުގައި ހިންގާ ޖެނެރަޕް ޕްރެކްޓިސް (ޖީޕީ) ކުލިނިކަށް ބަދަލުކޮށްފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ހޮސްޕިޓަލުގެ މައި ކަރަންޓު ޕެނެލަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އެ ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީ ހިދުމަތް ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފުލެޓު 16 ގައި ގާއިމުކުރެވިފައިވާ ޖީޕީ ކުލިނިކަށް ވަގުތީގޮތުން ބަދަލުކުރެވިފައިވާ ކަމަށެވެ.

"މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމަށްޓަކައި އަޅުގަނޑުމެންގެ ޓީމުން ދަނީ ކަމާބެހޭ އިދާރާތަކާއެކު ހުއްޓުމެއްނެތި މަސައްކަތްތަކެއް ކުރަމުންނެވެ..،" ހުޅުމާލޭ ހޮސްޕިޓަލުން ނެރުނު އިއުލާނުގައި ބުންޏެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އެ މައްސަލަ ހައްލުވިހާ އަވަހަކަށް ހޮސްޕިޓަލުގެ ހިދުމަތްތައް ލިބޭނެ ކަމަށާއި އެކަމުގެ ސަބަބުން ބަލިމީހުންނަށް ދިމާވާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށް ލަފާކުރެވޭ ވަގުތެއް، އަދި ކަރަންޓުގެ މައްސަލަ ދިމާވާން މެދުވެރިވި ސަބަބެއް ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.