އީރާނުގެ ވެރިކަން ބަދަލެއް ނުކުރެވުނެވެ. ނިއުކުލިއަރ ޕްރޮގްރާމް ނައްތައެއްވެސް ނުލެވުނެވެ. އެހެންވިއްޔާ އީރާނާ ދެކޮޅަށް އިޒްރޭލުން ހިންގި ބާރަދުވަހުގެ ހަނގުރާމައިން ހާސިލްވީ ކޮންކަމެއް ހެއްޔެވެ. އެއްކަމެއްވެސް ހާސިލެއް ނުވިއެވެ. ކުރެވުނިއްޔާ ކުރެވުނު ކަމަކީ އަގުވެއްޓި ބޭޒާރުވުމެވެ. ހަނގުރާމަ ފަށަމުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާނު ކުރިއެވެ. އޮތީ ދެ ބޭނުމެކެވެ. ނިއުކުލިއަރ ޕްރޮގްރާމް ސުންނާފަތިކޮށް ހުއްޓުވުމާއި ވެރިކަން ބަދަލުކުރުމެވެ. ހަނގުރާމައަށް ބާރަދުވަސްފަހުން ހަމަލާތައް ހުއްޓައިލަނީކަން އިއުލާނު ކުރަމުން އޭނާ ބުންޏެވެ. ހުރިހާ މަގުސަދެއްވެސް ހާސިލްކުރެވިއްޖެއެވެ. އެހެންވީމާ ހަނގުރާމަ މިހިސާބުން ހުއްޓައިލަނީއެވެ. ކޮންމެއަކަސް ދުލެއް އޮތިއްޔާ ބޭނުން ގޮތަކަށް އެދޫ ހަލުވައި ވާހަކަތަކެއް ދެއްކިދާނޭތާއެވެ. ނަތަންޔާހޫގެ މިސާލަކީ އެއީކަމަށް ފެނެއެވެ. އިޒްރޭލުގެ މަގުސަދު ފުރިހަމަނުވިތާގައި ފެންނަމުންދަނީ އިޒްރޭލުގެ ހައިފާޔާއި ޓެލަވީވް ފަދަ ސަހަރުތައް ވީރާނާވެފައިވާ މަންޒަރެވެ.
ނަތަންޔާހޫ އިއުލާނުކޮށްފައިވާ ދެ މަގުސަދުގެ ތެރެއިން ފުރަތަމަ މަގުސަދަކީ އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމް ހުއްޓުވުމެވެ. އެކަމެއް ނުވިއެވެ. ވާންކައިރިއެއްވެސް ނުވެއެވެ. ބޮން ނޭޅުނީއެއް ނޫނެވެ. އިޒްރޭލުން އެހެންކަމެއް ނުކޮށް ފޯޑޯއާއި ނަތާންޒާއި އިސްފަހާނަށް އެތައްހާސް ޓަނެއްގެ ބޮން އަޅައިފިއެވެ. ނުވިތާކަށް އާދޭސްކޮށް ރޮއިހޭރިގެން އެމެރިކާ ގެނެސް އެމީހުންގެ އަތުގައިހުރި ކަމަށް ބުނާ ބިންގަރާސް ތޮރުފާ ބޮޑު ބޮންވެސް އަޅައިފިއެވެ. ބުނެވޭގޮތުގައި ނިއުކުލިއަރ ބޮން ފިޔަވައި ދެންހުރި އެންމެ ބާރުގަދަ ބޮމަކީ މިބޮމެވެ. އާޚިރުގައި ބޮންއެޅުނީ ހުސްތޮށްޓަކަށެވެ. ފައްކާކުރެވިފައިހުރި ޔުރޭނިއަމް ބަހައްޓާފައިވާ ތަނަކަށެއް ނޫނެވެ. މިތަންތަނަށް ހަމަލަދޭނޭކަމާއި ދޭނެގޮތްތައްވެސް އީރާނަށް މާކުރިން އޮތީ މޭރުންވެފައެވެ. އެނގިފައެވެ. އެހެންވީމާ އެމެރިކާއާ ގުޅިގެން އިޒްރޭލުން މި އުދުވާން ފެށުމުގެ މާކުރިން އީރާނު ވަނީ ނިއުކުލިއަރ ޕްރޮގްރާމާ ގުޅުންހުރި އެންމެހައި ނުރައްކާތެރި މާއްދާތައް އެހެން ތަންތަނަށް ގެންގޮސް ރައްކާތެރިކޮށްފައެވެ.
ގެންދިޔަތަނެއްވެސް ވީތަނެއްވެސް އިޒްރޭލަކަށް ނޭނގުނެވެ. މޭރުމެެއް ނުވިއެވެ. މިދެންނެވި މާއްދާތަކަކީ އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމުގެ އެންމެ މުހިންމު މޭވާއެވެ. އެޔަށް އެއްވެސް ގޮތެއް ހަދައިނުލެވުނީމާ އިޒްރޭލާއި އެމެރިކާ އެތިބީ ފޭލްވެފައެވެ. ބޮޑުތަނުންނެވެ. ދެންއޮތީ ފައްކާކުރި ޔުރޭނިއަމާއި ފައްކާނުކުރެވޭ ޔުރޭނިއަމަށް ގޮތެއް ހަދައިނުލެވުނީމާ ނިއުކުލިއަރ ރިއެކްޓަރުތައް ނުވަތަ ލެބޯޓަރީތަކަށް ގެއްލުމެއް ދެވުނުތޯ ބެލުމެވެ. އެތަންތަން ނައްތައިލެވުނު ކަމެއްވެސް، ގެއްލުންތަކެއް ލިބުނުކަންވެސް ކަށަވަރެއް ނޫނެވެ. އެކަން ޔަގީންވާނީ ބޭރުބަޔަކަށް ދެވިގެންނެވެ. ފެނިގެންނެވެ. އެއީ މިވަގުތު އީރާނުން ކުރާނޭ ކަމެއް ނޫނެވެ. ބަލަންތިބި ބަޔަކީ އެޓަމިކް ހަކަތަޔާބެހޭ ބައިނަލްއަގުވާމީ އިދާރާގެ އިނިސްޕެކްޓަރުންނެވެ. އެމީހުން ގެންގޮސް ދެއްކުމެކޭ ނަތަންޔާހޫ ގެންގޮސް ދެއްކުމެކޭ ތަފާތެއް ނެތެވެ. ހައްތާވެސް އިޒްރޭލާއި އެމެރިކާއަށް މައުލޫމާތުދޭ ޖާސޫސުންނެވެ.
ފޯޑޯއާއި ނަތާންޒާއި އިސްފަހާނުގެ ރިއެކްޓަރުތައް ހަލާކުކޮށްދޭށޭ ބުނެ ރޮއި އާދޭސްކޮށްގެން އެމެރިކާ ގެނެސް އެމެރިކާއިން އެތަންތަނަށް ބޮންއެޅިޔަސް އިތުރު ކަމެއް ނުކުރެއެވެ. އިތުރު ތަންތަނަކަށްވެސް ހަމަލައެއް ނުދެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުވެސް އެބަވިދާޅުވެއެވެ. ހަމަލާތައް ސައްތައިން ސައްތައަށް ކާމިޔާބެވެ. ބޮޑު ދޮގެކެވެ. ހުސް ފޮންޏެވެ. މިވަރުގެ ބޮޑުކަމެއް ކުރެވުނީމާ ދެން ނާކާމިޔާބުވީކަމަށް އެއްބަހެއް ނުވާނެތާއެވެ. އެގޮތުން ކަނޑާ ފޮންޏަކީއެވެ. ދެންއޮތީ ދެވަނަ މަގުސަދުގެ ވާހަކައެވެ. ވެރިކަން ބަދަލުކުރުމުގެ ވާހަކައެވެ. އެކަމެއް ނުވިއެވެ. އެންމެނަށްވެސް އެކަން އެބަފެނެއެވެ. އެނގެއެވެ. އިޒްރޭލުން އަބަދުވެސް ގެންގުޅޭ ސިޔާސަތަކީ އެމީހުންނާ ދެކޮޅުހަދާ ގައުމުތަކާއި ޖަމާއަތްތަކުގެ ވެރިންނަށް ހަމަލަދީ ދުނިޔެއިން ވަކިކޮށްލުމެވެ. އެގޮތުން މިހަނގުރާމައިގެ ތެރޭގައި އީރާނުގެ އަސްކަރީ އަދި ސިޔާސީ ޒައާމަތުގައި ހިމެނޭ ބައެއް ބޭފުޅުން އަވަހާރަކޮށްލިއެވެ.
އިޒްރޭލުން ހީކުރީތޯއްޗެކެވެ. އީރާނުގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މިކަމަށް ތާއީދުކުރާނެއެވެ. މަގުމައްޗަށް ނުކުމެ ދެން ބާކީތިބި ބަޔަކު އުފުރާލައި ވެރިކަން ބަދަލުކޮށްފާނެއެވެ. އެކަމަކު ނަތީޖާ ފެނުނީ ދިމާއިދިކޮޅަށެވެ. ސަރުކާރާ ދެކޮޅު ވިސްނުމުގެ މީހުންވެސް ގައުމީ ވިސްނުން އިޚުތިޔާރުކޮށް އީރާނަށްޓަކައި އެއްބައިވެ އެކަތިގަޑަކަށްވީއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުރިއަށްވުރެވެސް ބޮޑަށް އީރާނުގެ ސަރުކާރުގެ މަގުބޫލުކަން ދިޔައީ އުފުލިގެންނެވެ. ނިކަމެތިވުމުގެ ބަދަލުގައި ވަރުގަދަވީއެވެ. އީރާނުގެ ސިޔާސީ ކުށްވެރިން ބައިތިއްބާ އެންމެ މަޝްހޫރު ޖަލަކީ އީވިން ޖަލެވެ. އިޒްރޭލުން ވަނީ އެތަނަށް ބޮން އަޅައިފައެވެ. ބޭނުމަކީ ސިޔާސީ ކުށްވެރިން މިނިވަންކޮށް ސަރުކާރާ ދެކޮޅު ހަރަކާތްތައް ފެށުމަށް މަގުފަހި ކުރުމެވެ. އެކަމެއްވެސް ނުވިއެވެ. އިޒްރޭލުގެ ހަމަލާތަކުގެ ކުރިން އެކަމުގެ މައުލޫމާތު ލިބިގެން ގައިދީންގެ ތެރެއިން ގިނަބަޔަކު ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. ބޮންއެޅުނީ ބާކީ ތިބި ބައެއްގެ ބޮލަށެވެ. މީހުން މިނިވަންވުމުގެ ބަދަލުގައި މަރުވީއެވެ.ގައިދީންގެ ހާލަތު އިތުރަށް ގޯސްވީއެވެ. އެހެންވީމާ އެކަމުގައިވެސް ބޮޑުތަނުން އިޒްރޭލް ފޭލްވީއެވެ.
އީރާނުގެ ގައުމީ ޓީވީއަށް ހަމަލާދިނުމަކީވެސް އިޒްރޭލަށް ހެދުނު ބޮޑު ގޯހެކެވެ. އެތަނަށް ހަމަލަދީފައި ބުންޏެވެ. ދޮގު ޕްރޮޕަގެންޑާ ފަތުރާތީ އެކަމަށް ހުރަސްއެޅީއެވެ. އެކަމަކު އިރުކޮޅެއް ފަހުން ހަމަ އެޓީވީގެ އޮޕަރޭޝަން ފަށައިފިއެވެ. ކުރިއަށްވުރެ ވަރުގަދަކޮށެވެ. އެކަމުން ނުކުތް ނަތީޖާއަކީ އިޒްރޭލުގެ އަމިއްލަ ޓީވީ ސްޓޭޝަންތަކަށްވެސް ހަމަލައެރުމުގެ ބިރު ބޮޑުވުމާއި ދުނިޔޭގެ ކަންކޮޅުތަކުން އިޒްރޭލް ކުށްވެރި ކުރުމެވެ. ދެންއޮތީ ސިޔާސީގޮތުން އިޒްރޭލަށް ލިބުނު ފައިދާއެއް އޮތްތޯ ބެލުމެވެ. ނެތެވެ. އީރާނަށް ޔުރޭނިއަމް ފައްކާކުރުމުގެ ހައްގެއް ނެތޭ ބުނާ ގައުމެއް އިޒްރޭލު ފިޔަވައި ނެތެވެ. އިޒްރޭލުގެ ހައިސިއްޔަތާއި މަގާމު އުފުލުމުގެ ބަދަލުގައި ދިޔައީ ދަށަށެވެ. ގާޒާގައި އިޒްރޭލުން ހިންގި އަދި ހިންގަމުންދާ ޖަރީމާތައް ދުނިޔެއިން ހަނދާން ނައްތައިލާނެ ކަމަށް ހީކުރިއްޔާ އެކަމެއްވެސް ނުވިއެވެ. މިހާރު އެންމެން އެއްއަޑަކުން އެގޮވަނީއެވެ. ގާޒާގައިވެސް ހަނގުރާމަ ހުއްޓައިލާށެވެ. ފަލަސްތީނުގެ ރައްޔިތުން ނުމަރާށެވެ. އެހެންވީމާ މިޖެހުނީ ކޮންތާކުތޯއެވެ. ހުރިހާ މައިދާނެއްގައި އިޒްރޭލަށް ބޮޑުތަނުން ނާކާމިޔާބު ނުވޭތޯއެވެ.
އިމާދު ލަތީފު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިމާދުމެން ވަކިކޮޅަކަށް ތިތިބެނީ އީރާން އަސްލު އަމާންދިނީ
ކުމާރު - 12 މަސް ކުރިން