އިކުއެޑޯގެ އެންމެ ނުރައްކާތެރި ކުށްވެރިޔާ ހައްޔަރުކޮށްފިއެވެ.

އިކުއެޑޯގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ހައްޔަރުކޮށްފައިވަނީ އެގައުމުގެ މަސްތުވާތަކެތީގެ ބޮޑެއް ކަމަށްވާ އަޑޮލްފޯ މާސިއަސް ވިލާމާ އެވެ.

އިކުއެޑޯގެ އެންމެ ނުރައްކާތެރި ކުށްވެރިޔާގެ ގޮތުގައި ފާހަގަވެފައިވާ މާސިއަސް އަކީ އޭނާގެ ގުރޫޕު ލޮސް ޗޮނެރޮސްގެ ލީޑަރެވެ.

އިކުއެޑޯގެ ފުލުހުން ބުނީ އެގައުމުގެ އާންމު މަސްލަހަތު ގޯސްވެ މުޅި ގައުމު ބިރުވެރިކަމަކަށް ބަދަލުކޮށްފައިވަނީ މާސިއަސް އާއި އޭނާގެ ގުރޫޕުން ކަމަށެވެ.

2023 ވަނަ އަހަރު އިކުއެޑޯގެ ރިޔާސީ ކެނޑިޑޭޓު ފާނަންޑޯ ވިލަވިސެންސިއޯ މަރާލުމުގެ ފަހަތުގައި ވެސް ވަނީ މާސިއަސް ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.

މާސިއަސް ހައްޔަރުކުރުމަށް އެގައުމުގެ ފުލުހުން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ލަގްޒަރީ ބޮޑު ގެއެއްގެ އަޑީގައި ހަދާފައިހުރި ބިމުއަޑީގެ ބަންކަރެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ދިހަ ގަޑިއިރުގެ ބޮޑު އޮޕަރޭޝަނަކަށްފަހު މާސިއަސް ހައްޔަރުކޮށްފައިވާ އިރު، އިކުއެޑޯގެ އެންމެ ސަލާމަތީ ކަންކަން ވަރުގަދަ ޖަލުގައި އޭނާ ބަންދުކޮށްފައިވާ ކަމަށެވެ.