ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަވުމަށް އިސްލާމީ ގައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސް ފޮނުއްވި ތަނުހިޔާގެ މެސެޖުތަކުގައި ވިދާޅުވީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ކުރިއަށް މިއޮތް އަހަރަކީ ސުލްހަވެރި އަދި ފާގަތި އަހަރަކަށް ވުމަށް އެދިވަޑައިގެން މާތްﷲގެ ރަހުމަތާއި ތެދުމަގު، އެންމެހައި މުސްލިމް ގައުމުތަކަށް ދެއްކެވުން އެދިވަޑައިގެން ދުއާ ކުރައްވާ ކަމަށެވެ.

އެ މެސެޖުތަކުގައި ރައީސް ވަނީ، ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަވުމަށް ގޮވާލައްވައި، ފަލަސްތީނުގެ ހުޅަނގުގެ އައްސޭރި އާއި ގާޒާއަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އޯގާތެރިކަމާއި އަޒުމާއެކު މުސްލިމް ދުނިޔެ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެދިވަޑައިގެންފައެވެ،

ރައީސްގެ މެސެޖުތަކުގައި ވަނީ ފަލަސްތީނުގެ މިނިވަން އަދި އިސްތިގުލާލީ ދައުލަތެއް ގާއިމުކުރެވި، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ހެދުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ނިކަމެތި މުސްލިމް މުޖުތަމައުތަކަށް ސުލްހަމަސަލަސްކަމާއި އިންސާފާއި އެހީތެރިކަން ލިބުމަށް އެދިވަޑައިގެން، މި އަހަރަކީ އެއްބައިވަންތަކަމާއި ސާބިތުކަމުގައި ކުރިއަށް ދެވޭނެ އަހަރެއްގެ ގޮތުގައި ލެއްވުމަށް އެދިވަޑައިގެންފައެވެ.