ރާއްޖޭގެ އެންމެ މަގުބޫލު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) އަންނަ އޮކްޓޯބަރު މަހު ބާއްވަން ނިންމައި، އެ ރޭހުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

ދިރާގުން މިއަދު ބުނި ގޮތުގައި އެ ހަރަކާތް އޮންނާނީ އޮކްޓޫބަރު 24ގައެވެ. އޭގައި ބައިވެރިވެ ވަނަތައް ހޯދާ ފަރާތްތަކަށް މި އަހަރު ވެސް ބޮޑެތި ފައިސާގެ އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ރޭހުގެ ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 256،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ދިރާގު ރޯޑު ރޭހުގައި ކަނޑައަޅާފައިވާ ކެޓަގަރީތައް:

  • ހާފް މެރެތަން، 10 ކިލޯމީޓަރު
  • 5 ކިލޯމީޓަރު ކެޓެގަރީ
  • 5 ކިލޯމީޓަރ ކޯޕަރޭޓް ޓީމް ކެޓަގަރީ؛ މީގައި އޮފީސް/ރިޒޯޓުތަކުން ހަތަރު މީހުންގެ ޓީމުތައް ހަދައިގެން ބައިވެރިވެވޭނެ

ދިރާގުން އިތުރަށް ބުނިގޮތުގައި މި އަހަރުގެ ރޭހަކީ ވެސް ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ.

މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް މި މަހު 30ގެ ނިޔަލަށް އެންޖީއޯ ރަޖިސްޓްރީކުރެވޭނެ ކަމަށެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހާ ބެހޭ އިތުރު މައުލޫމާތު www.dmrr.mv ލިބޭނެއެވެ.

ދިރާގު ރޯޑްރޭހަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަރނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މި ދުވުން މާލޭގެ އިތުރުން އަތޮޅުތަކަށް ފުޅާކޮށް، ދިރާގު ފުވައްމުލައް ރަން 2025 ވަނީ މި އަހަރު ފުވައްމުލަކު ސިޓީގައި ކާމިޔާބުކަމާއެކު ބާއްވައިފައެވެ.