ކެންޔާގެ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާގައި 16 މީހުން މަރުވެއްޖެއެވެ.

ކެންޔާގެ ރައީސް ވިލިއަން ރުޓޯގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ އާންމުން ކުރަމުންދާ މުޒާހަރާތައް ކޮންޓްރޯލް ކުރުމުގައި ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވާ އިރު، މިހާތަނަށް 16 މީހުން މަރުވެ 400 މީހުންނަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ރޫޓޫގެ އިސްތިއުފާއަށް ގޮވައި އިދިކޮޅުން އިންތިޒާމުކޮށްގެން ކުރަން ފެށި އެ މުޒާހަރާތަކުގައި އެގައުމުގެ އެތައް ހާސް މީހުން ބައިވެރިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކެންޔާގެ އިދިކޮޅުން ވަނީ ސުލްހަވެރިކަމާ އެކު ކުރިޔަށްދިޔަ އެ އެއްވުން ހަމަނުޖެހުންތަކަކަށް ބަދަލުވެފައިވަނީ ކެންޔާގެ ފުލުހުން އަމަލުކުރި ގޮތުން ކަމަށް ބުނެފައެވެ.

ކެންޔާގެ ރައީސް ވިލިއަން ރުޓޯ ގެ ރަސްމީ ގެކޮޅަށް އަރައިގަތުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރުމުން، ފުލުހުން އެ މީހުން ފަހަތަށް ޖައްސާފައިވާ ކަމަށާއި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އެ މުޒާހަރާތަކާ ގުޅިގެން ރައީސް ރުޓޯ ވިދާޅުވީ މުޒާހަރާ ކުރާ ފަރާތްތަކުން އެގައުމުގެ އަމަން އަމާންކަން ނަގާނުލުމަށް ގޮވާލައްވައިފައެވެ. އަދި އަމިއްލަ ގައުމު ހިމާޔަތް ކުރެވޭނީ އެ ގައުމެއްގެ ރައްޔިތުން ކަމަށް ވިދާޅުވެ މުޒާހަރާތައް ހުއްޓާލުމަށް ވަނީ ނަސޭހަތްތެރިވެދެއްވައިފައެވެ.

ކެންޔާގެ ސަރުކާރު ހިންގުމުގައި ބޮޑެތި ގޯސްތަކެއް ހުރި ކަމަށް ބުނެ ގައުމު ސަލާމަތް ކުރުމުގެ މަގުސަދުގައި އެގައުމުގައި އިދިކޮޅުން މުޒާހަރާތައް ކުރާތާ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.