ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ހަގީގަތަކަށް ހެދުމުގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ޝަރީފު މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އެ މަސައްކަތް ކުރިއަށްގެންދަނީ ރައީސް މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން ކަމަށެވެ. އަދި އެކަމަށްޓަކައި އެ މަނިކުފާނަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އާ ޓާމިނަލް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލުން ވަމުން އަންނަ ކަމަށެވެ. އެގޮތުން އާ ޓާމިނަލް ހުޅުވުމުގައި އަމަލުކުރަމުން އަންނަނީ ބައިނަލްއަގުވާމީ ގޮތުން އަމަލުކުރަންޖެހޭ އެންމެ މަތީ މިންގަނޑުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، ވީއައިއޭގެ އާ ޓާމިނަލަކީވެސް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އަދި ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރި، ހިދުމަތްތައް ފުރިހަމަ ތަނެއްކަން ކަށަވަރުކުރައްވާނެ ކަމަށެވެ. އެކަމަށްޓަކައި ދުނިޔޭގެ ބޮޑެތި އެއާޕޯޓުތަކާއެކު މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު މޮޑާލިސް ކުންފުނީގެ ހިޔާލާއި މަޝްވަރާ ހޯދަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އާ ޓާމިނަލުގައި ތަފާތު އާ ޓެކްނޮލޮޖީ ބޭނުންކުރާނެ. އެތެރެއާއި ބޭރުގައި ދިވެހިވަންތަ ސިފަތައް ފެންނާނެ. ފަސިންޖަރުންނަށް ފަސޭހައާއެކު ހިނގާލައި، ވަގުތު ހޭދަކޮށްލެވޭނެ ޖާގަ އޮންނާނެ،" ޝަރީފް ވިދާޅުވިއެވެ.

ޖުމުލަ 72.000 އަކަ މީޓަރު ބޮޑު އާ ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ. އެ ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި ސެލްފް ސާވިސްގެ ހަ ކިއޮސްކާއި ސީޕްލޭން ފަސިންޖަރުންނަށް ހާއްސަ 24 ކައުންޓަރެއް ގާއިމުކޮށްފައި ހުންނާނެއެވެ.