މޯލްޑިވްސް ޕޯސްޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް މާލޭގެ މާފަންނުން އިމާރާތެއް ކުއްޔަށް ހޯދަން ފަށައިފިއެވެ.

ޕޯސްޓުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމަށް އަގު ހުށަހަޅާ ފޯމާއެކު އަންދާސީ ހިސާބު ހުށަހަޅަން ހުުޅުވާލާފައިވާ ކަމަށެވެ. އެކަމަށް ދީފައިވާ ސުންގަޑިއަކީ އަންނަ ޖުލައި 3ގެ މެންދުރު 2:00 އެވެ.

ޕޯސްޓުގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ބީލަން ހުށަހަޅަން ޖެހޭނީ ޕޯސްޓު ބިލްޑިންގެ 5 ވަނަ ފަންގިފިލާއަށެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެ ކަމަށެވެ.

މި ބީލަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އަންނަ ޖުލައި މަހުގެ ދެ ވަނަ ދުވަހުގެ 12:00 ގެ ކުރިން ޕްރޮކިއުމަންޓް ޔުނިޓަށް ގުޅުމުން ލިބޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ޕޯސްޓުގެ ހިދުމަތްދޭން މާފަންނުން އިމާރާތެއް ހޯދުމަށް އިއުލާނުކޮށްފައި މިވަނީ ޗައިނާގެ ޓެމޫއިން ރާއްޖެއަށް މުދާ ފޮނުވައިދޭން ފެށުމުން ޕޯސްޓަށް ބާރުބޮޑުވެ ބެކްލޮގް ބޮޑުވެފައި ވަނިކޮށެވެ. މިފަހުން ޕޯސްޓުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕޯސްޓްގެ ހިދުމަތް ދޭނެ އިމާރާތެއް ހޯދަންވެސް ބިޑަށް ހުޅުވާލައިފައެވެ.