އިރާނާއި އިޒްރޭލާ ދެމެދު ހިނގާ ހަނގުރާމަ ހުއްޓާލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެއްބަސްވުމާ އެއްގޮތަށް އެންމެ ފުރަތަމަ ހަމަލާތައް ހުއްޓާލާނީ އިރާނުންނެވެ. އެއީ ރާއްޖޭގަޑިން މިއަދު ހެނދުނު 9:00 ގައެވެ.
އިރާނުން ހަމަލާތައް ހުއްޓާލާތާ 12 ގަޑިއިރު ފަހުން އިޒްރޭލުން ވެސް ހަމަލާތައް ހުއްޓާލާނެ ކަމަށާއި އެއަށްފަހު 12 ދުވަހަށް ހިނގަމުންދިޔަ އިރާން-އިޒްރޭލު ހަނގުރާމައަށް ނިމުމެއް އަންނާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ އެ ހަނގުރާމަ ކުރިއަށްގޮސްފި ނަމަ، މުޅި މެދުއިރުމަތި ސުންނާފަތިވެގެން ހިނގައިދާނެ ކަމަށާއި އެހެންކަމުން ހަނގުރާމަ ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވުމަކަށް އައުމުން އެކަމަށް އިރާނާއި އިޒްރޭލަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ޓްރަމްޕް އެހެން ވިދާޅުވި ނަމަވެސް، އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ އެއްބަސްވުމެއް ނެތް ކަމަށާއި ނަމަވެސް އެ ވިދާޅުވާ ވަގުތަށްފަހު އިޒްރޭލުން ހަމަލާއެއް ނުދީފި ނަމަ، އިޒްރޭލަށް ހަމަލާދިނުމުގެ ވިސްނުމެއް އިރާނުން ނުގެންގުޅޭނެ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަންތައް ހުއްޓާލުމާ ގުޅޭގޮތުން ރަސްމީކޮށް ފަހުން ނިންމުމެއް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިރާނާއި އިޒްރޭލާ ދެމެދު ހިނގާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެ އިރާނުގައި ހުންނަ ނިއުކްލިއާ ސައިޓުތަކަށް އެމެރިކާއިން ބޮން އެޅުމާ ގުޅިގެން އިރާނުން ވަނީ އެކަމުގެ ބަދަލު ހިފުމަށް އެމެރިކާގެ ބޭސްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުދީފައެވެ.
އެ އިންޒާރަށްފަހު ގަތަރުގައި ހުންނަ އަލް އުދައިދު އެއާ ބޭސްއަށް އަމާޒުކޮށް އިރާނުން ވަނީ މިސައިލު ހަމަލާތަކެއް ރޭ ފޮނުވާލައިފައެވެ. އޭގެ ތެރެއިން އެއް މިސައިލު ފިޔަވައި، އެހެން ހުރިހާ މިސައިލުތަކެއް ގަތަރުގެ ސަލާމަތީ ބާރުތަކުން ވަނީ ގޮއްވާލައިފައެވެ. އަލް އުދައިދު އެއާ ބޭސްއަށް އަމާޒުވި މިސައިލާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ގަތަރުގެ އޮފިޝަލުން ބުނެއެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ