މޭގައި އުފެދުނު ހައިޖާނާއެކު އަސަލްއަށް އޭނަގެ މޭގައި ފިރުމާލެވުނެވެ. ޤައިލާ ދެކެ ވެވުނު ލޯބީގެ އެންމެ ފަހު ލިސާންތައް ހިތުން އޭރު ފޮހެވިގެން ހިނގައްޖެއެވެ. ފެނުނު މަންޒަރާއެކުގައި އަސަލްގެ އަޒުމު ވަރުގަދަވެގެން ދިޔައެވެ. ވީހާވެސް އަވަހަކަށް ކައިވެނި ރޫޅާލަން އަސަލް ގަސްދުކުރިއެވެ. އޭނައާއި ކައިވެނިކޮށްގެން ހުރެ އިތުރު ފިރިހެނަކާއި ޤައިލާ ގުޅުން ބާއްވާކަން ހާމަވެގެން ދިއުމުން އަސަލް ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

ޤައިލާއާއެކު ހުރި ޒުވާނާއާއި ކުރިން ބައްދަލުވެފައިވާހެން ހީވުމުން ސިކުނޑިއަށް ބާރުލެވުނެވެ. ހާނދާނަސް އައީ ދާދި ފަހުން ޤައިލާގެ އެކުވެރިން އިންތިޒާމުކުރި ބާބެކިއުއެއް މަތިންނެވެ. އެތަނުން އޭނައަށް އެޒުވާނާ ވަނީ ތަޢާރަފްވެފައެވެ. ފަރުދާގެ ފުރަގަހުގައި އެކުޅިގަނޑެއް ހިނގާތާ ވީ ކިތައް ދުވަސް ހެއްޔެވެ؟ އެފަދަ ބޮޑު ފާފައަކަށް އަރަން ޤައިލާ ބިރެއް ވެސް ނުގަނޭ ހެއްޔެވެ؟ ރޭރޭ ލަހުން ގެއަށް އައުމާއި، ޤައިލާއަށް ކުރެވުނު އިތުބާރުގެ ނާޖާއިޒު ފައިދާ ނަގާފައިވާ މިންވަރު ތަސައްވަރުކުރެވުނެވެ.

ޤައިލާގެ ފިތުރަތުގައި އެއްވެސް ރީތި ސިފައެއް ނެތެވެ. ކުރިން އޭނައަށް ފެނުނީ ޤައިލާގެ ފަރާތުން ފެންނަން ބޭނުންވި ސިފަތެކެވެ. ލޮލުގައި ބަނދެވިފައިވި ފަރުދާ މޮހެލެވުމާއެކު ހަޤީޤަތް ފާޅުވީ އެހެންވެގެންނެވެ.

ޚިޔާލުތަކުގެ ތެރެއިން އަސަލް ހޭލައްވާލީ ކާރެއްގެ ބަރުގޮނުގެ އަޑުންނެވެ. އޭނައަށް ހުރެވުނު މާހައުލާއި މެދުގައި ވިސްނާލެވުނީ ދެނެވެ. އަސަލް އެއްފަރާތަށް ޖެހިލީ ފަހަތުގައި މަޑުކޮށްގެން އޮތް ކާރަށް ކުރިއަށް ދާން ފުރުސަތު ދެމުންނެވެ.

އަސަލް ފަސްއެނބުރި ބެލިއެވެ. އޭރު ޤައިލާ އެރި ކާރު މަގުގެ ހުޅަނގަށް ގޮސް ޖެހިގެން އޮތް ގޯޅިން ލަނބާލަނީއެވެ. އަސަލް އެކަމާ އިތުރަށް ވިސްނާކަށް ނުހެދިއެވެ. ދެން ނަގަންވީ ފިޔަވަޅުތަކުގެ އިރުޝާދު ޒަމީރު ދިނެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. ޤައިލާއާއި މެދު ވިސްނާލެވުނަސް ބުނެދޭން ނޭނގޭ ފޫހިކަމެއް އުފެދެން ފެށިއެވެ. ހަދާފައިވާ ދޮގުތައް ހަނދާނަށް އައުމުންނެވެ.

މީޓިންގް މަތިން ހަނދާން ވުމާއެކުގައި އަސަލްއަށް ބަލައިލެވުނީ އަތުކުރީ އޮތް ގަޑި އަށެވެ. އެއާއެކު ފިޔަވަޅުތައް ބާރުކޮށްލެވުނެވެ. ހޮޓެލްގެ މައި ދޮރުން ލޮބީއަށް ވަން އިރު އަސަލްގެ އިންތިޒާރުގައި އެސިސްޓެންޓަކު ހުއްޓެވެ. ސިކުނޑިއަށް ވެރިވެފައިވި ހަލަބޮލިކަން ހިނިތުންވުމެއްގެ ފަހަތުގައި އަސަލް ސިއްރުކޮށްލިއެވެ. އެއަށްފަހު އެސިސްޓެންޓާއެކުގައި އޭނަ ހިނގައިގަތީ ލިފްޓާއި ދިމާއަށެވެ.

*****

އިރުއޮއްސި ދުނިޔެ މައްޗަށް އަނދިރިކަން ވެރިވިއިރުގައި އަސަލް އިނީ އޭނަގެ ކެބިންގައެވެ. އޭރު އޮފީސް އެންމެން ގެއަށް ހިނގައްޖެއެވެ. އަސަލް ފިޔަވާއެވެ. ކެބިންގައި ހުރި ބިއްލޫރި ދޮރުގެ ފަރުދާތައް ކަހާލާފައި ހުރުމުން އިރުއޮއްސުނު މަންޒަރު އަސަލްއަށް ފެނުނެވެ. މޭޒުގައި ވިއްދާލައިގެން ހުރި އަތްތިލައިގައި ދަތްދޮޅި އަޅުވާލަމުން އަސަލް އިނީ ބޭރަށް ބަލަހައްޓައިގެންނެވެ. މިނިވަންކަމާއެކު ޖައްވުގައި ދައުރުވަމުންދާ ވިލާތަކަށް ބަލަންށެވެ. އޭނަ ހަނދާންވީ ފުރާވަރުގެ މައުސޫމްކަމެވެ. އޭރު ދިރިއުޅުމާ މެދު މާބޮޑު ފިކުރެއް ކުރާކަށް ނުޖެހެއެވެ. ޢާއިލާއާއި އެކު ވަގުތު ހޭދަކޮށްލައި ރައްޓެހިންނާއެކުގައި މަޖާކޮށްލުމެވެ. ކިޔެވުމަށް ސަމާލުކަން ދިނުމެވެ. އެހުރިހާ ކަމެއްގެ ތެރެއިން އަސަލްއަށް ހާއްސަކަމެއް ދެވުނީ މައިހާ އަށެވެ. ޒަމާންވީ އެކުވެރިކަން ލޯތްބަށް ބަދަލުވެގެންދާކަން ރޭކާލުމުން އަސަލްއަށް ލިބުނީ ނުތަނަވަސްކަމެވެ. މުޅިން އައު ބަދަލަކަށް ވީތީއެވެ. ހިތުގައި ފޮރުވިފައިވި އިހުސާސްތައް މައިހާއަށް ބަޔާންކޮށްދެވޭނެ ގޮތެއް އަސަލްއަކަށް ނޭނގުނެވެ. ދުލާ ހަމައަށް ގެންނަން ފަސްޖެހުނެވެ. ސްކޫލަށް ދާން ތައްޔާރުވާއިރު ލޯގަނޑު ކުރިމައްޗަށް ހުއްޓި ހުރެ ލޯބީގެ އިޤުރާރުތައް އިއްވާލާނެއެވެ. މައިހާ ކުރިމަތީގައި ހުރި ކަމަށް ސިފަކުރަމުންނެވެ. ނަމަވެސް މައިހާ ފެނުމުން އަސަލް ފިނިވެއެވެ. ދޫއޮޅޭގޮތް ވެއެވެ. އޭނަ ދެކެ މައިހާ ގަޔާވާކަމުގެ އިޝާރާތެއް ފެނޭތޯ އަސަލް ބެލިއެވެ. މާޔޫސްވީ ހޯދަން އެދެވުނު ފަދަ ހާއްސަކަމެއް މައިހާގެ ދެލޮލުން ނުފެނުނީތީއެވެ. އެފަދަ ހާލެއްގައި ވަނިކޮށް އޭނަގެ ހަޔާތަށް އައީ ޤައިލާ އެވެ. ޤައިލާގެ އާދަތަކަށް އޭނަގެ ހިތް ލެނބުނީ މައިހާދެކެ ވާ ލޯތްބަށް ފުރުސަތެއް ލިބިދާނެކަމާމެދު ޝައްކު އުފެދެމުންނެވެ. ޤައިލާއާއެކު ވަގުތު ހޭދަކުރެވުނު ވަރަކަށް ގަޔާވާ ކަންތައް ފެންނަން ފެށިއެވެ.

ވަގުތާއި ހާލަތު މިއަދު ވަނީ ބަދަލުވެގެން ގޮސްފައެވެ. އުފާވެރިކަން އޮޔާލާ ހިނގައްޖެތާ ކިތަންމެ ދުވަހެކެވެ. އަސަލްއަށް އެހަޤީޤަތާ ކުރިމަތިލާން އުނދަގޫވީއެވެ. ބަދަލުނުވީ ހަމަ އެންމެ ކަމެކެވެ. މައިހާ ދެކެ ވުވުނު ލޯތްބެވެ. އުއްމީދެއް ނުވާ އިހުސާސްތަކެވެ.

މާޒީ ބަދަލުކުރެވޭނެނަމަ ކިތަންމެ ކަމެއް ރަނގަޅުކުރަން އަސަލް ބޭނުމެވެ. ނަމަވެސް މިއީ ހަޤީޤީ ދިރިއުޅުމެވެ. ޚިޔާލީ ފިލްމެއް ނޫނެވެ. ގެއަށް ނުގޮސް އޮފީހުގައި މަޑުކުރާ ސަބަބު އަސަލްއަށް ނޭނގެނީއެއް ނޫނެވެ. ފުން ނޭވާއެއް އަސަލްއަށް ދޫކޮށްލެވުނެވެ.

''މިއީ ފަސްކުރެވޭނެކަމެއް ނޫން...'' އަސަލްގެ ޒަމީރު އޭނައަށް ވިސްނައިދިނެވެ. މޭޒުމަތީ ނިވިފައި ހުރި މެކްބުކް ލައްޕާލަމުން ބެކްޕެކަށް ލިއެވެ. ހުރިހާ އެއްޗެއް ހަމަކޮށްލަމުން ލެދާރ ގޮޑިން އަސަލް ތެދުވުނެވެ. އޭނައަށް އޮފީހުން ނިކުމެވުނު ވަގުތު މަޢުރިބު ނަމާދަށް ބަންގި ގޮވުމުން މިސްރާބުޖެހީ މިސްކިތަށެވެ. ޖަމާއަތުގައި ނަމާދުކޮށްލައިގެން ހުޅުމާލެއަށް ދަތުރުފެށިއެވެ. ހަޔާތުގެ ބޮޑު ނިންމުމާއި ކުރިމަތިލާށެވެ.

*****

އަސަލް އެޕާޓްމެންޓަށް ވަންއިރުގައި އޭނައަށް ހައިރާންކަން ލިބުނީ ބަދިގޭގައި އުޅުނު ޤައިލާ ފެނިފައެވެ. އޭނަ ހީކުރީ އާދައިގެ މަތިން އެޕާޓްމެންޓުން ފެންނާނީ ފަޅުކަން ކަމަށެވެ. ޤައިލާއަށް ބަލަމުން އަސަލް ދޮރު ލައްޕާލިއެވެ. ޤައިލާ ވެސް ދޮރު ހުޅުވުނު އަޑަށް ފަސްއެނބުރި ބަލައިލީ ފުސް މޫނަކާއެކުގައެވެ. އަސަލް ދެކެ ހިތްހަމަނުޖެހިފައި ހުރިކަން އަންގާލީއެވެ.

ޤައިލާއާއި ނަޒަރު ވަކިކުރުމެއްނެތި އަރައިގެން ހުރި ބޫޓު ބާލަމުން އަސަލް ހުއްޓުނީ ކާމޭޒު ކައިރިއަށެވެ. ޤައިލާ އުޅުނީ އޭނަގެ ޒުންބާ ކްލާހަށް ދިއުމުގެ ކުރިން އެވަކާޑޯ ސްމޫތީއެއް ތައްޔާރުކޮށްލުމަށެވެ. އަސަލް ވާހަކަދައްކަން ފަށާފާނެތީ އަވަސްއަވަހަށް މިކްސަރު ޖައްސާލިއެވެ. އަސަލްއަށް ފާހަގަވުމުން، ޤައިލާގެ ފަހަތުން ހުއްޓެމުން މިކްސަރު ނިއްވާލިއެވެ.

''ވަޓް ދަ ހެލް!...'' ޤައިލާ ލޯއަޅާލިއެވެ. އޭނަ އުޅުނީ މިކްސަރު ޖައްސަންށެވެ. އަސަލް އެފުރުސަތު ނުދިނުމުން ޤައިލާގެ ރުންކުރު ހަޅޭކުގެ އަޑު މާހައުލުގައި ގުގުމާލިއެވެ.

''ކޮންތާކު ރޭ އުޅުނީ؟...'' އަސަލް ސުވާލުކޮށްލީ ޤައިލާ ދޭ ޖަވާބެއް ބެލުމަށެވެ.

''ނުޖެހޭ ބުނާކަށް، އަސަލްއަށް އެނގޭކަށް ނުޖެހޭ...'' ރުޅިން ގޮސް ޤައިލާގެ މޫނު ރަތްވާން ފެށިއެވެ. ނޭފަތާއި ކަންފަތުން ދުން އަރާ ކަހަލައެވެ.

''އަހަންނަށް އެނގެން ޖެހޭނެ...'' އަސަލް ރައްދުދިނެވެ.

''ކޮން ހައިސިއްޔަތަކުން؟...'' ޤައިލާ ޖަދަލުކުރާ ރާގަކަށް ބުންޏެވެ. ''ރޭ ދެއްކި ވާހަކަ ހަނދާންނެތުނީ؟...''

''އަހަންނަށް އެނގޭ ގޮތުގަ އަދިވެސް އަހަރެން މީ ޤައިލާގެ ފިރިމީހާ، ރޭ ހިނގިކަންތައް އަހަރެން ހަނދާން އެބަހުރި، ފަހަރެއްގަ ޤައިލާގެ ހަނދާނުގައި މައްސަލައެއް އުޅެނީ ކަމަށް ވެދާނެ، އެހެންވެއްޖެޔާ އަޑުއަހާ، އަހަރެން ދެއްކީ ސުލްހަވެރިކަމާއެކުގައި ވަކިވާ ވާހަކަ، އެއްއިރެއްގައި ވެސް ޤައިލާ ވަރިކޮށްފީމޭ އަހަރެން ބުނިންތަ؟، ނުބުނަން!...'' އަސަލް ބުންޏެވެ.

''އަހަންނަށް އިސްލާމް ފިލާވަޅު ނަގައިދޭން އުޅޭނެކަމެއް ނެތް!...'' ޤައިލާ ބުމަގޮށްޖަހާލިއެވެ. އޭނަ އަސަލްއަށް ބަލަން ފެށީ ރުޅިވެރިކަމާއެކުގައެވެ. އަސަލް ސަމާލުކަމެއް ނުދިނެވެ. ހަޤީޤަތުގައި ރުޅިއައުން ޖާއިޒީ އަސަލް އެވެ.

''އުހޫނ، ވަރަށް މުހިންމު، އޭރުން ކައިވެނީގެ މުހިންމުކަމާއި، ފިރިމީހާގެ ހައްޤުތަކާއި، ކައިވެނި ރޫޅޭނެ ސަބަބުތަކާއި، އިސްލާމްދީނުގައި ބޮޑެތި ފާފަތައް ވެސް ޤައިލާއަށް އެނގިދާނެހެން އަހަންނަށް ހީވަނީ، ނޫންތަ؟...'' ޤައިލާއާއި ހަތަރުކަޅި ހަމަކުރަމުން އަސަލް ބުންޏެވެ. އަސަލްގެ އަޑުގައިވަނީ ސާބިތުކަމެވެ. އެޖުމްލައިގައި ފޮރުވިފައިވާ މާނައެއްވާކަން ޤައިލާއަށް ފަހުމުކުރެވުނެވެ. އެއާއެކު ހުޅުވާލެވުނު އަނގަ ޤައިލާއަށް ލައްޕާލެވުނެވެ. ހިމޭންކަމުގެ ތެރޭން އަސަލްއަށް ޤައިލާ ބަލަން ހުރީ އަސަލްގެ މޫނުގައިވި ކުލަވަރުތައް ދެނެގަނެވޭތޯއެވެ.

''ކިހިނެއްވީ؟، ދުލުން ބަސްހުއްޓުނީތަ؟...'' ޤައިލާ އޭނައަށް ކުރާ މަލާމާތާއި ހަމަ އެއް ރާގަކަށް އަސަލް ސުވާލުކުރިއެވެ. ޤައިލާއަށް ބަލަން ހުރެފައި ބުމަ ވެސް އަރުވާލިއެވެ.

''ކިހިނެއްވެގެން ތިއުޅެނީ؟...'' ޤައިލާ ހުރީ ހައިރާންވެފައެވެ. އަސަލްގެ މިޒާޖުން ފެނުނު ބަދަލު އޭނައާސް ދޭހަ ނުކުރެވުނެވެ. ހިސާބަކަށް މީހާ ނުތަނަވަސްވިއެވެ.

''އަހަންނަށް ކަމެއް ނުވޭ، އެކަމަކު ހީވަނީ ޤައިލާއަށް ކަމެއް ވެއްޖެހެން، ހާދަ ވަރަކަށް ހާސްވީ...'' އަސަލް މަޑުމައިތިރިކަމާއެކު ބުންޏެވެ. ''ދެން ބުނެބަލަ، ކޮންތާކު ރޭގަ އުޅުނީ؟...''

''ރިދާ!...'' ޤައިލާ އަވަސް ޖަވާބެއް ދިނެވެ.

''އެހެންތަ؟، ރިދާ ކިޔާ އިތުރު ރައްޓެއްސެއް އުޅެނީތަ؟، ގައިމު އަހަރެން ގުޅީމަ ޤައިލާ ދިޔަ ތަނެއް ރިދާއަކަށް ނޭނގުނު، ދެން މިއަދު ފެނުނު މަންޒަރުތަކުން ވެސް އެކަން ޔަޤީންވި...'' ފަޓުލޫނުގެ ޖީބުގައި އޮތް ފޯނު އަސަލް ނެގިއެވެ. ޤައިލާގެ ނަޒަރު އަސަލްގެ އަތުގައި އޮތް ފޯނަށް ހުއްޓުނެވެ. އޭނަގެ މެޔަށް ފިނިވެލީ ކުއްލިޔަކަށެވެ. ވާހަކައިގެ މިސްރާބު ހުރި ރާސްތާ ކޮންމެވެސް ވަރަކަށް އޭނައަށް ލަފާކޮށްލެވުނެވެ.

''ތި ބުނަން އުޅޭ އެއްޗެއް ސާފުކޮށް ބުނެބެލަ...'' ޤައިލާ ބުންޏެވެ. އަސަލްގެ އަތުގައި އޮތް ފޯނު ވެސް ޖަހައިގަތެވެ. އަސަލް ގެލެރީ ހުޅުވާފައި ހުރުމުން ފުރަތަމަ ވެސް ޤައިލާއަށް ފެނުނީ މިއަދު ހެނދުނާ އޭނައާއި ލޫކަސް ހޮޓެލުން ނިމުންގެން، ހޮޓެލްގެ ޕާކިން އޭރިޔާގައި ކާރަށް އަރަނިކޮށް ނަގާފައި ހުރި ފޮޓޯއެވެ. ޤައިލާއަށް ލިބުނީ ސިހުމެވެ. ޤައިލާއަށް ދެލޯބޮޑުކޮށްލެވުނެވެ. ނޭވާ ހިފަހައްޓާލަމުން އަސަލްގެ މޫނަށް އަވަސް ނަޒަރެއް ދިނެވެ. ރުޅިވެރިކަން އަސަލްގެ ދެލޮލުން ޤައިލާ ދުށްޓެވެ. ހިންދިރުވާލަން ވެސް ޤައިލާއަށް ވީ އުނދަގޫ ކަމަކަށެވެ. ހުއްޓުން އަރާފައި ހުއްޓާ ޤައިލާގެ އަތުން އަސަލް ފޯނު އަތުލައިފިއެވެ.

''އަހަރެން ސުވާލުކުރީ ޤައިލާ ވީތަނެއް ނޭނގިގެނެއް ނޫން، ދޭނެ ޖަވާބެއް ބަލައިލަން...'' އަސަލް ބުންޏެވެ.

''ތީ އަހަރެންގެ އަންބެއް ނޫން!...'' އަސަލްގެ ދުލާ ހަމައަށް އެލަފުޒުތައް ގެންނަން އުނދަގުލެއް ނުވިއެވެ. ދިރިއުޅުމުން ދޫވެފައި އޮތް ކޮންޓްރޯލް އަނބުރާ ހޯދުމަށް އަސަލް ކަނޑައްތުކުރި ފުރަތަމަ މަރުހަލާއެވެ. ޤައިލާ ދެކެ ވާ ފޫހި ސާފުކޮށް އަސަލްގެ މޫނުން ފާޅުކޮށްދިނެވެ. ފަކުރުގެ ލިސާންތައް ވެސް މެއެވެ.

ޤައިލާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އަސަލް އޭނަ ވަރިކުރުމުން ޤައިލާ ދެރައެއް ނުވިއެވެ. އޭނަގެ ހިތުގައި އުފެދިފައިވި ސިހުމާއި ގުޅިފައިވަނީ ލޫކަސްއާއި އޮތް ގުޅުން އޭނަގެ އިހުތިޔާރުން ބޭރުން އަސަލްއަށް ހާމަވެގެން ދިޔައީތީއެވެ. އޭނަ ގަސްދުކޮށްގެން ހުރީ އެގުޅުން ވެސް ހަތިޔާރަކަށް ހަދައި އަސަލްގެ ހިތަށް އިތުރަށް ތަދުކޮށްލާށެވެ. ބަލިކަށިކޮށްލާށެވެ. އަސަލްއަށް ވުރެން ރަނގަޅު، މުއްސަނދި ބައިވެރިއަކު އޭނައަށް ލިބިއްޖެކަން އަންގާލާށެވެ. ނަމަވެސް އެފުރުސަތު އޭނައަކަށް ނުލިބުނެވެ. އަސަލްގެ ކުރިމަތީގައި އޭނަ ބޭޒާރުވެއްޖެކަމުގެ އިހުސާސް ކުރެވުނެވެ. އޭނަގެ ''ޕާފެކްޓް އިމޭޖް''ގެ ފަސްބައިގައި ލައްގަނޑެއް ޖެހިއްޖެއެވެ. މަލަމާތާއި ފުރައްސާރަ ރައްދުވުމުން އެކަން ހަޖަމުކުރަން ވެސް ޤައިލާއަށް ފަސޭހަކަމަކަށް ނުވިއެވެ. ފަހުބަސް ބުނުމުގެ ހައްޤު ލިބެން ޖެހޭނީ އޭނަ އަށެވެ.

''ހިތްހަމަޖެހިއްޖެ؟...'' ޤައިލާއަށް ދަތްޕިލަޖައްސާބާރުކޮށްލެވުނެވެ. ރުޅިން ގޮސް މީހާ ރޫޅިދާހާ ވިއެވެ.

އަސަލް ހުރީ ބަލަންށެވެ. ލަދުވެތިކަމުގެ ޒައްރެއްގެ މިންވަރު ވެސް ޤައިލާގެ ފަރާތުން އަސަލްއަކަށް ނުފެނުނެވެ. ކުރެވުނު ކުށާއި، އަރައިގަނެވުނު ފާފައިގެ ބޮޑުކަން ޤައިލާއަށް ތަސައްވަރުނުކުރެވޭ ކަހަލައެވެ. ޤައިލާ ދުވަހަކު އިސްލާހުނުވާނެކަން އަސަލްއަށް ޔަޤީންކުރެވުނެވެ.

''އަހަރެންގެ ޕްރައިވެސީއަށް އަރައިގަތީ ކީއްވެގެން؟، އޭނ!، އަހަރެންގެ ހުއްދައާއި ނުލާ ފޮޓޯ ނަގަން ލަދެއް ނުގަނޭތަ؟...'' ޤައިލާ ހަޅޭއްލަވައިގަތެވެ.

''އަދިވެސް އަހަރެންތަ ލަދުގަންނަންވީ؟، ހިލޭ ފިރިހެނަކާ އެކު ނަހަމަ ގުޅުން ބޭއްވިއިރުގައި ޤައިލާ ލަދެއްނުގަނޭތަ؟...'' އަސަލްގެ އަޑުގައިވަނީ ހަރުކަށިކަމެވެ. ކޮންޓްރޯލްކުރަން އުޅުނު ރުޅިވެރިކަމުން ބޭރުވި ހޫނުގެ އަސަރެވެ.

''އަސަލް ތީ ވަކި ތެދުވެރި މީހެއްތަ؟، މައިހާއާ އެކު އޮތީ ކޮންކަހަލަ ގުޅުމެއްތަ؟...'' ޤައިލާ ދުލެއް ނުކުރިއެވެ. މީހާ ފަޟީހަތްވަމުންދާކަމެއް ވެސް ރޭކާނުލިއެވެ.

''ޚަބަރުދާރު!، މިކަމުގެ ތެރެއަށް މައިހާ ވައްދަން ނޫޅޭތި!...'' އަޑަށް ބާރުލަމުން އަސަލް ދިނީ އިންޒާރެކެވެ. ޤައިލާ ދިޔައީ ސިއްސައިގެންނެވެ. އަސަލްގެ ލޮލުގައިވި ނުރައްކާތެރިކަމުގެ ވިދުވަރުން ގަބުއަރާފައި އަސަލްއަށް ބެލުން ނޫންކަމެއް ޤައިލާއަށް ނުކުރެވުނެވެ.

''އަހަރެންގެ ހިތުގައި މައިހާއަށް އިހުސާސްތަކެއް ވިޔަސް ދުވަހަކު އަހަރެންގެ ޒިންމާތަކާއި މަސްއޫލިއްޔަތާއި ހިލާފުވެފައި ނުވާނެ، ޤައިލާގެ މައްޗަށް ނާއިންސާފު ވެވިދާނެތީ ރައްޓެހިވިދުވަހުން ފެށިގެން މޭއިއަކީ ހަމައެކަނި އެކުވެރިޔެއްކަމުގައި އަހަރެން ދެކުނީ، ހިތުގެ އިހުސާސްތަކާ އަހަރެން ދުރުވީން، ދުވަހަކު ޤައިލާއަށް އަހަރެން ބޭވަފާތެރިއެއް ނުވަން، އެކަމަކު ޤައިލާއަށް އެހެން ބުނެވޭނެތަ، އަހަންނާ ކައިވެނި ކޮށްގެން ހުރެ އިތުރު ފިރިހެނަކާ އެއްވެސް ކަހަލަ ގުޅުމެއް ނުބާއްވަމޭ ބުނެވޭނެތަ؟، އެޔަޤީންކަން އަހަންނަށް ދެވޭނެތަ؟...'' އަލިފާންކަނި އަސަލްގެ ދެލޮލުން ބުރައެވެ. ކުށުން ރެކިގަންނަން މައިހާގެ ނަން ކިލަނބުކުރަން އުޅުމުން އަސަލްއަށް ހިމޭނުން ހުރުން އުނދަގޫވީއެވެ.

''އަހަރެންގެ މޮޔަކަމާއޭ ހިތަށް އަރާ، ޤައިލާއަށް އިތުބާރުކުރުން އެއީ އަހަންނަށް ހެދުނު އެންމެ ބޮޑު ގޯސް، ދެން އިތުރަށް އެކަން ތަކުރާރެއް ނުވާނެ...'' ނޭވާއަކަށް ދޫކޮށްލުމެއް ނެތި ހިތުގެ ހުރިހާ އުދާހެއް އަސަލް ބޭރުކޮށްލި އެވެ.

''އެހެންވީމަ ދޭބަލަ އިތުބާރުކުރެވޭ މީހާގެ ގާތަށް!، އޭނަ ވަރުގެ މީހަކު ނެތެއްނު؟...'' ބަލިޤަބޫލުކުރަން ޤައިލާ ބޭނުމެއް ނުވިއެވެ.

''އިނަފް!، ދެން އެންމެ އެއްޗެއް ވެސް ބުނެގެން ނުވާނެ، މިހާރު ވަރަށް ސާފު، މޭއި ދެކެ ޤައިލާ ރުޅި އަންނަ ސަބަބު ވެސް އެނގިއްޖެ، ކުރިން ހީކުރެވުނީ އަހަރެން ހިތުން މޭއިއަށް ދެވިފައިވާ އިހުސާސްތައް އެނގުމުން އެކަމާއި ކަމަށް ޤައިލާ މޭއި ދެކެ ރުޅި އަންނަނީ، އެކަމަކު ނޫން، މޭއި ދެކެ ޤައިލާ ރުޅި އަންނަނީ ހަސަދަވެރިކަމުން، މޭއިގެ ހިތްހެޔޮކަމާއި އެކުވެރިކަމާއި ގާތަށް ވެސް ނާދެވޭނެތީ، ޤައިލާއަށް އެނގޭތަ؟، މޭއިގެ ފިތުރަތުގައި ވެސް ވަނީ ސާފުކަން... ހިތްހެޔޮކަން ދައްކަން މޭއި ނުޖެހޭނެ އެކްޓް ކުރާކަށެއް، މީހުންނަށް އޮޅުވާލައި މަކަރުހަދާކަށެއް، ޤައިލާ... ހަސަދަވެރިކަމުން ލިބޭނެ އެއްވެސް މަންފާއެއް ނޯންނާނެ، ޤައިލާގެ ނުބައި ރޭވުންތައް ކާމިޔާބު ނުކުރެވުނީ އެހެންވެގެން... ތިމާގެ ނުބައިކަން ކޮންމެވެސް ދުވަހަކުން ތިމާއާއި އަރާހަމަކުރާނެ...'' އަސަލްއަށް ޤައިލާގެ ހިތް ސާފުކޮށް ފެނުނެވެ. އެއާއެކު ޤައިލާގެ މޫނު ބަނަވިއެވެ. ދަތްކުނޑިވިގައިގެން ހުރެ އަސަލްއަށް އޭނަ ބަލަން ފެށިއެވެ.

''ގޯ ޓު ހެލް!...'' ޤައިލާ ބާރުބާރަށް ބުންޏެވެ. އަސަލް ހާމަކުރީ ތެދެވެ. އޭނަގެ ހިތުގައި މައިހާއަށްޓަކައި ވަނީ ހަސަދަވެރިކަމެވެ. މައިހާގެ ރީތިކަމާއި، ވިސްނުން ތޫނުކަމާއި، ހިތްހެޔޮކަމަކީ އޭނައަށް ހުރި ބިރެއްކަމުގައި ޤައިލާ ދެކުނެވެ. މައިހާއަށް ދެރައާއި ހިތާމަ ދިނުން ދިރިއުޅުމުގެ ލަނޑުދަނޑިއެއްކަމުގައި ދެކުނީ ވެސް އެހެންވެގެންނެވެ. އޭނަ އަސަލްއާއި ރައްޓެހިވީ ވެސް މައިހާ ދެރަކޮށްލުމަށެވެ. ލޯބިވެގެންނެއް ނޫނެވެ. އަސަލްއަށް އޭނަގެ ނުބައި ރޭވުންތައް މުޅިން ހާމަ ނުވިޔަސް ކޮންމެވެސް ވަރެއް އެނގިގެން ހިނގައްޖެއެވެ.

އަވިއްސެއްގެ ބާރުމިނުގައި ޤައިލާ ވަނީ ކޮޓަރިއަށެވެ. ދޮރުގެ ދާރަ ގުޑާނެހާ ބާރުމިނުގައި ދޮރުޖަހަމުންނެވެ.

ކާމޭޒު ދޮށުން ގޮނޑިއެއްގައި އަސަލް އިށީނެވެ. ކޮޓަރި ތެރެއަށް ޤައިލާ ނަގޫރޯޅިއެއް އަރުވާލާ އަޑު އަހަން އަސަލް އިނެވެ. އެއްޗެހި އުކާ އަޑާއި ބިއްލޫރި އެއްޗިސް ތަޅާ ފުނޑުކުރާ އަޑެވެ. ޤައިލާ ކޮންމެހެން ކަންތައް ކުރިޔަސް ހެވޭ ހިތަށް އަރުވާލައިގެން އަސަލް އިނެވެ.

އަސަލް ވިސްނާލީ ވަރީގެ ކަންތައް ނިންމާލެވޭނެ ގޮތެކެވެ. ކޯޓު މަރުހަލާއަށް ދިއުމަށެވެ. ލަސްކުރާކަށް އަސަލް ހަމަހިލާ ބޭނުމެއް ނުވިއެވެ. އޭނަ ދާމިންއަށް މެސެޖެއް ފޮނުވާލިއެވެ. އެޕާޓެމެންޓަށް އައިސް ދިނުމަށެވެ. ހުރިހާ ކަމެއް ދާމިންއަށް ކިޔައިދޭން އަސަލް ބޭނުން ވިއެވެ. މައިހާގެ ވާހަކަތައް ވެސް މެއެވެ. އެކަމާއި ގުޅިގެން ލަފައެއް ހޯދުމަށެވެ. ރޭގައި ޤައިލާ ކުރި މަލާމާތުން އަސަލްގެ ވިސްނުމަށް އަސަރުކޮށްފައިވާތީއެވެ. ކުރިއަށް ދާންވީ ރާސްތާ ޔަޤީންކުރަން އަސަލް ހުރީ އަޒުމުކަނޑައަޅައިގެންނެވެ.

ދާމިންއަށް މެސެޖު ކުރިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަސަލްގެ ފޯނަށް ދާމިން ގުޅައިފިއެވެ. ފޯނު ނަގަން އުޅުނުތަނާ ފޮށްޓެއް ހިފައިގެން ޤައިލާ ކޮޓަރިން ނިކުތް މަންޒަރު ފެނުމުން އަސަލްގެ ސަމާލުކަން ހުއްޓުނީ ޤައިލާ އަށެވެ.

އަސަލްއަށް ކުނި މޫނު ދައްކާލާފައި ޤައިލާ ހިނގައިގަތީ އެޕާޓްމެންޓުން ނިކުންނާށެވެ. ޤައިލާ ދާ ތަނަކާމެދު ސުވާލު އުފެދިފައި އަސަލް ގޮނޑިން ތެދުވުނެވެ. އޭނަ ބަލަމުން ދަނިކޮށް ޤައިލާ އެޕާޓްމެންޓްގެ ދޮރު ހުޅުވައިފި އެވެ. ދޮރު ކުރިމަތީ ހުރި ލޫކަސް ފެނުމާއެކުގައި އަސަލްއަށް ބުމަ ކައިރިކޮށްލެވުނެވެ. ޤައިލާ ހީކުރީ އޭނަ އެއްޗެކޭ ބުނާނެ ކަމަށް ހެއްޔެވެ؟ ލޫކަސް ގެނެސްގެން ސާބިތުކޮށްދޭން އުޅުނީ ކޮންކަމެއް ހެއްޔެވެ؟ ޤައިލާގެ ވިޔާނުދާ އުޅުން ހެއްޔެވެ؟

(ނުނިމޭ)