ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރްސީ ކޮރަޕްޝަނާ ގުޅުންހުރި 10 މިލިއަނަށްވުރެ ގިނަ ރުފިޔާ، ދެ ފުލުހަކު ރިއަލް އެސްޓޭޓް ވިޔަފާރިއަށް އިންވެސްޓްކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީ ބައްދަލުވުމުގައި ނާޒިމް މިއަދު ވިދާޅުވީ އެމްއެމްޕީއާރްސީއާ ގުޅުން ހުރި 10.5 މިލިއަން ރުފިޔާ ފުލުހުންގެ ދެ އޮފިސަރަކު ރިއަލް އެސްޓޭޓަށް އިންވެސްޓްކޮށްފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ހުރިހާ ކިތާބީ ހެކިތައްވެސް ލިބިފައިވާ ކަމަށެވެ.
މިއަދުގެ ކޮމެޓީގައި ތާވަލުކޮށްފައި އޮތީ ޕޮލްކޯ ހައުސިން ޕްރޮޖެކްޓްގެ ހާއްސަ އޮޑިޓު ރިޕޯޓާއި ޕޮލްކޯއާ ގުޅޭ ގޮތުން ހުށާހަޅާފައިވާ މައްސަލަތައް ދިރާސާ ކުރުމެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ މައްސަލަ ބަލަން ފެށީ، އެކަމާ ގުޅުން ހުރި އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފާހަގަވެގެންނެވެ.
އޮޑިޓް ރިޕޯޓުގައިވާގޮތުން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ބިލިއަން ރުފިޔާ ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. އެހެންކަމުން އެއީ 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.
އެ މައްސަލައިގެ ކޮމެޓީ ބައްދަލުވުންތައް ބާއްވަމުން އަންނަނީ ސިއްރުކޮށްގެންނެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުން ފެއްޓެވުމަށްފަހު ނާޒިމް ވަނީ އެ މައްސަލަ މިހާރު ގޮސް އޮތް ހިސާބު ވިދާޅުވެފަ އެވެ. އެގޮތުން އެ މައްސަލައިގެ ޑްރާފްޓް ރިޕޯޓު މިހާރު އެކުލަވައިލައިފައިވާ ކަމަށާއި އޭގައި ހުރި މައްސަލަތައް ބަލައި ވަށައިޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައިގެ މަސައްކަތް ގޮސް އޮތް ހިސާބު ވިދާޅުވުމަށްފަހު ނާޒިމް ވަނީ ފުލުހުންނާ ގުޅޭ ކޮރަޕްޝަންގެ އިތުރު މައްސަލައެއް ވެސް ލިބިފައިވާކަމަށް ވިދާޅުވެފައެވެ.
"މިއަދު މައި ކޮމެޓީގައި އެޖެންޑާ ކުރެވުނީ ޕޮލްކޯ މައްސަލަ އަޅުގަނޑުމެން ބަލާތީ އަޅުގަނޑުމެންނަށް އައިސްފަހުރި ވިޝުއަލް ބްލޯވާ މައުލޫމާތާއި އޭގެ މައުލޫމާތު މިހުރީ،"
"އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެވުނީ އަޅުގަނޑުމެންނަށް ޕޮލްކޯގެ މައްސަލައަށް ނިސްބަތް ނުވާ އެކަމަކު ފުލުހުންގެ މުއައްސަސާއަށާއި ފުލުހުންގެ އިސްމަގާމުތަކުގައި ތިބި ބޭފުޅުންނަށް ނިސްބަތްވާ ކޮރަޕްޝަންގެ މައްސަލަތަކެއް މިހިރީ އައިއްސަ. އޭގެ ތެރޭގައި ފާހަގަކުރެވުނު އެމްއެމްޕީއާރްސީ އާ ގުޅުންހުރި ފައިސާގެ ތެރެއިން އަޅުގަނޑުމެންނަށް މިވަނީ 10.5 މިލިއަން ރުފިޔާ ރިއަލް އެސްޓޭޓަށް ފުލުހުންގެ ދެ އޮފިސަރުން އިންވެސްޓްކޮށްފަ އޮތްކަމުގެ ހުރިހާ ކިތާބީ ހެއްކެއް އަޅުގަނޑުމެންނަށް މިވަނީ ލިބިފަ މިހާރު،" އެހާ ހިސާބުން މައިކުގެ އަޑު ކަނޑާލުމަށްފަހު ކޮމެޓީގެ ލައިވް ވަނީ ނިންމާލާފަ އެވެ.
އާއިޝަތު މާހާ
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް