ގަލޮޅު ޔޫތު ސެންޓަރުގައި ހުންނަ މޯލްޑިވްސް ބޮޑީބޯޑިިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ އޮފީހުން މިއަދު ވައްކަންކޮށްފި އެވެ.

ފުލުހުންގެ މީޑިއިން މިއަދު "ވަން" އަށް ބުނީ އެމްބީބީއޭގެ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކޮށްފައިވާ މައްސަލަ މިއަދު 8:56 އެހާއިރު ރިޕޯޓު ކުރި ކަމަށެވެ.

ފުލުހުން މިހާތަނަށް ބެލި ބެލުމުން ލެޕްޓޮޕެއް ވަގަށް ނަގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމްބީބީއޭގެ ޖެނެރަލް ސެކްރެޓެރީ ހަސަން (ރުޝް) "ވަން" އަށް މިއަދު ވިދާޅުވީ އެމްބީބީއޭގެ މުހިންމު މައުލޫމާތު ހިމެނޭ ލެޕްޓޮޕެއްވެސް ވަގަށް ނަގާފައިވާ ކަމަށެވެ.

"އެއް ލެޕްޓޮޕް، 4 ޓެބްލެޓު، ދެ ހާޑް ޑިސްކު، ސެމްސަން ފޯނެެއް، މޮޑެލްތައް ކިޔައިދޭން މިވަގުތު ވަރަށް އުނދަގޫ. މުޅި އޮފީސްތެރެ އޮތީ ހާވާލާފައި. ކޭބަލް ޗާޖަރު ވާގަނޑުތައް ގެންގޮސްފަ ހުރީ. އެއީ މެއިން އަގުބޮޑު އެއްޗެހި." ރުޝް ވިދާޅުވިއެވެ.

އެމްބީބީއޭގެ އެދުމަކީ، އެ ތަކެތި ވިއްކުމަށް މަސައްކަތްކޮށްފާނެތީ، ވީހާވެސް ގިނަ ބަޔަކު އެކަމަށް ސަމާލުވުމަށާއި އެކަމުގެ މައުލޫމާތެއް ލިބިފައި ވާނަމަ ލަސްނުކޮށް ކަމާ ގުޅުންހުރި އިދާރާތަކަށް އެންގުމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.