"ބްރޯ..." ނާމީ ގޮވާލިއެވެ.
ނައިޝަމް އައިސް ކާރުގެ ކުރީ ޝީޓުގައި އިށީނެވެ. މެދަށް ހުރި ޝީޓުގައި ފަހުމީ އާއި ނަހުމާ ތިބިއިރު އެންމެ ފަހަތު ޝީޓުގައި ތިބީ ނިގާރު އާއި ނާމީ އެވެ.
***
"ދޮންބެ އަދިވެސް ހަމަ އެހެންދޯ" ނާމީ ބުންޏެވެ.
އޭނާ ވާހަކަދެއްކީ ނައިޝަމްގެ ގޮތް އެނގޭތީ ހަމައެކަނި ނިގާރަށް އިވޭ ވަރަށެވެ.
"އާނ. އެ މުސީބާތެއް ކަހަލަ އަންހެނަކާ ހެދި ނައިޝަމްގެ މުޅި ދިރިއުޅުން ބަރުބާދުވެއްޖެ. މަގުމައްޗަށް ނިކުމެއްޖިއްޔާ މޮޔައެއްހެން ތަންތަން ހޯދުން ނޫން ކަމެއް ނުކުރޭ" ނިގާރު ބުންޏެވެ.
"އަޅާނުލާ. ދުވަސްކޮޅަކުން ދޮންބެ ހަގީގަތް ގަބޫލުކޮށްފާނެ" ނާމީ ބުނީ ފަރުވާކުޑަ ގޮތަކަށެވެ.
އާއިލާ އެކި ވާހަކައިގައި ތިއްބާ ގޭދޮށަށް ކާރު މަޑުކޮށްފިއެވެ. އެންމެން ކާރުން ފޭބިއެވެ. ނައިޝަމް މަގަށް ދެތިން ނަޒަރެއް ދިނުމަށްފަހު ގޭތެރެއަށް ވަނެވެ.
"ބުރޯ... ބުރޯ... މަޑުކޮށްބަލަ" ނާމީ އައީ ދުވެފައެވެ.
ނަސީބަކުން ލިފްޓަށް ނައިޝަމް އެރުމުގެ ކުރިން ނާމީ އަށް ނައިޝަމް އަތުލެވުނެވެ.
"ހާދަ ބާރަކަށް ތިދަނީ. ފާހާނާއަކަށް ދާންޖެހުނީތަ؟" ނާމީ އަހާލިއެވެ. އޭނާ ނައިޝަމްގެ ކޮނޑަށް އަތް އެއްލިއެވެ.
"ނޫނޭ" ހީލަމުން ނައިޝަމް ބުންޏެވެ.
ބޮޑުކޮޓަރީގެ އެންމެން ޖައްސާލިއެވެ. މެންދުރުގެ ކެއުން ހުރީ ތައްޔާރުވެފައެވެ. ނަހުމާ ކާމޭޒު ކައިރިއަށް ގޮސްލާފައި އައިސް ކާން ދާން ބުންޏެވެ.
"އިހަށް މަޑުކޮށްބަލަ. އަދި އެކެއްވެސް ނުޖަހާ" ނާމީ ބުންޏެވެ.
"ދެން ގިފްޓްސްތައް ބަލައިލާފަ ދާން އާދޭ" ނާމީ ބުންޏެވެ.
ނާމީ އެހާވަރުން ބުނުމުން ނައިޝަމްގެ ހިޔާލު ބަދަލުކުރިއެވެ. އޭނާ އިށީނީ ނިގާރުގެ ކައިރިން ހުސްކޮށް ހުރި ޖާގައިގައެވެ. މާގިނަ ވާހަކަތަކެއް އޭނާ ނުދައްކައެވެ. އެންމެފަހުން ނިގާރާ އުފެދުނު ދެބަސްވުމަށްފަހު ކުރިއަށް ވުރެވެސް އޭނާގެ ވާހަކަދެއްކުން މަދުވެއްޖެއެވެ. ނަހުމާ އާ ވެސް ނިގާރު މާގިނަ ވާހަކަތަކެއް ނުދައްކައެވެ. އަނެއްކޮޅުން ނިގާރު އަނގައިން ނުބުނާތީ އެ މަޖިލީހުގައި އިންނަން އޭނާ އަށް އިނީ އުނދަގުވެފައެވެ.
"މިއީ ބުރޯ އަށް" އެންމެ ފުރަތަމަވެސް ނާމީ ގެނައި ހަދިޔާ ދިނީ ނައިޝަމް އަށެވެ.
ނައިޝަމް އޭގައި ހިފިއެވެ. އެތެރެ ބަލައިލުމާއެކު އޭނާގެ ދެތުންފަތް ދެފަރާތަށް ދެމިލައިގެން ދިޔައެވެ. ހަގީގަތުގައިވެސް އެންމެ ބޭނުންވާ ކަހަލަ ބްރޭންޑެޑް ކެމެރާ ފެނުމުން އޭނާ ގަޔާވެއްޖެއެވެ.
"ނިކޯން ބްރޭންޑް. ވާއު. ނައި އެންމެ ބޭނުންވި ވައްތަރު" ނަހުމާ ބުންޏެވެ. ނައިޝަމް ނާމީ އަށް ބަލައިލާފައި ހީލިއެވެ. ނާމީ އަށް ޝުކުރުއަދާކުރިއެވެ. ނައިޝަމްގެ ތުންފަތްމަތިން ހިނިތުންވުމެއް ފެނުމުން ނަހުމާ އާއި ފަހުމީ ގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ނިގާރު ގެ ތުންފަތްމަތިން ފެނުނީ ހިތްހަމަނުޖެހުމެވެ. އޭނާ އިނީ އަދިވެސް ނައިޝަމް ދެކެ ރުޅިއައިސްފައެވެ.
"ކޮބާ މަންމައަށް" ނިގާރު ބުންޏެވެ.
"މަޑުކުރޭ. އެންމެންނަށްވެސް ގެނައިމޭ" ނާމީ ބުންޏެވެ.
"އެކަމަކު އެންމެ ފުރަތަމަ ދޭންޖެހޭނީ މަންމައަކަށްނު" ނިގާރު އަނގަ އޫކޮށްލިއެވެ. އޭނާ އަކީ އަބަދުވެސް ދަރީންގެ ކުރިމަތީގައި ބޮޑާހާކާ މައެކެވެ. ހާއްސަކޮށް ނާމީ ގެ ކުރިމަތީގައެވެ. ނާމީ އަކީ އެންމެ ހަގު މީހާއަށް ވުމުންނެވެ.
"އެއީ އެވަރު ކަމެއްތަ މަންމާ" ނަހުމާ ބުންޏެވެ.
ނަހުމާ އަށް ނިގާރު ބަލައިލީ ހިތްހަމަނުޖެހިފައެވެ. ނަހުމާ އަޅައެއްނުލައެވެ. އެންމެފަހުން ކުރެވުނު ޒުވާބަށްފަހު އޭނާއަށް އަދި މަންމަ ނުރުއްސެއެވެ. އެއީ އޭނާ އަދި ކުރަންޖެހޭ ބޮޑު މަސައްކަތެކެވެ.
ނާމީ ހިނިތުންވެލިއެވެ. ހުރިހާ މީހުންގެ ހަދިޔާތައް ނަގާފައި ވަކިވަކިން އެމީހަކާ ހަވާލުކުރިއެވެ. މިފަހަރުވެސް ނިގާރު މައްސަލަ ޖެއްސިއެވެ. އެންމެ އަގުބޮޑު ހަދިޔާ ލިބުނީ ނައިޝަމް އާއި ނަހުމާ އަށެވެ. ނަހުމާ އަތުގައި އޮތް އެންމެފަހުގެ އައި ފޯނަކާއި ހަމަ އެ ބްރޭންޑްގެ އަތުގައި އަޅާ ގަޑިއަކާއި އިއަރޕޮޑެކެވެ.
"ދޮންތަގެ އެއްޗެހި ޗޫޒް ކުރީ ޒައިދުބެ" ނާމީ ބުންޏެވެ. އެހިނދު ނަހުމާގެ ތުންފަތްމަތީގައިވި ހިނިތުންވުމަށް ތަފާތެއް ވެރިވިއެވެ. ނަސީބު ކަންދިމާކުރި ގޮތުން އެއްވެސް މީހަކަށް އެކަން ފާހަގައެއް ނުވެއެވެ. ނިގާރު އިނީ ހިތްހަމަނުޖެހިފައެވެ. އޭނާގެ އަތުގައި މިހާރުވެސް އޮތީ އުފަން ދުވަހުގެ ހަދިޔާއަކަށް ފަހުމީގެ ފަރާތުން ލިބުނު އެންމެފަހުގެ އަގުބޮޑު ފޯނެކެވެ. އެވަރުން ވެސް އޭނާ ހިތް ކިއީ ނަހުމާގެ އަތުގައި ހުރި އެއްޗެސަށެވެ.
"ޒައިދު އާ ނަހުމާ އާ ކޮންކަމެއްތަ؟" ނިގާރު ބުންޏެވެ.
ވަގުތުން ނަހުމާގެ ތުންފަތްމަތިން ހިނިތުންވުން ފަނޑުވިއެވެ. މިފަހަރު ނިގާރު ކިޔާނެ އެއްޗެސްވެސް ނޭނގެއެވެ. ފަހުމީ ވެސް ނިގާރަށް ބަލައިލީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
"ސާބަހޭ މަންމާ. ދޮންތަގެ އެއްޗެހި ގަންނަން ނިކުތް ދުވަހު ޒައިދުބެވެސް ދިޔަ. ޒައިދުބެގެ ފަހަރިއަށް ވެސް އެއްޗެހި ގަތް. އަދި އެކޮތަޅު ހަވާލުކުރަންވެސް ދާންޖެހޭ. ދޮންބެ ދާނަން ދޯ މަށާއެކު" ނާމީ ވާހަކަދެއްކިއެވެ.
"މަންމަ ހެޕީ ތަ؟" ނާމީ އަހާލިއެވެ. އެވަގުތު އޭނާގެ އަތުގައި އޮތް ކޮތަޅު ތެރޭގައި ހުރި އެއްޗެއްސަށް ބަލައިލިއެވެ. ކަރުގައި އަޅާ ފަށާއި ސެންޓާއި ލިޕްސްޓިކް ގެ އިތުރުން ކަށި ލީ ފައިވާނާއި ބްރޭންޑެޑް އަވި އައިނެވެ.
"މަންމަގެ އެއްޗެހި ވަރަށް ސަޅި. ނާމީ އަށް ކިހިނެއް އެނގުނީ ގާލީ އެއްޗެހި ބަލަން" ނަހުމާ އަހާލިއެވެ.
"ނޮޓް މީ. މޯލުގަ ހުރި ވަރަށް ރީތި އަންހެންކުއްޖެއް ނެގި އެއްޗެހި އެއީ" ނާމީ ބުންޏެވެ.
"ދަރިފުޅުމެންގެ މަންމައަށް މިރޭ ނުވެސް ނިދޭނެ އުފަލުން" ފަހުމީ ސަމާސާކޮށްލިއެވެ.
ނިގާރު ފާޑަކަށް ހީލިއެވެ. އެހެންނަމަވެސް އެއީ ހަމައެކަނި ތުންފަތްމަތީގައި ކުރަހާލި ހިނިތުންވުމެކެވެ.
"ދަރިފުޅުމެން ނަމާދުކޮށް އަވަދިވެގެން އާދޭ. ބައްޕަވެސް މިދަނީ ނަމާދަށް. ވަރަށް ބަނޑުހައިވެސްވެއްޖެ"
ދަރީން ކޮޓަރިތަކަށް ވަންނަދެން މަޑުކޮށްގެން ދެމަފިރިން ތިއްބެވެ. އޭނާ ނަޒަރު ހުއްޓިފައި ހުރީ ނާމީ އަށެވެ. އެއީ އޭނާގެ ހުވަފެންތަކުގައި ކުލަޖައްސައިދިން ހަމައެކަނި ދަރިފުޅެވެ. ހަ އަހަރު ދުވަހަށްފަހު ރާއްޖެ އެ އައީ ބިޒްނެސް އެންޑް އެކައުންޓިންގ ގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްގެންނެވެ. ކިޔެވި ޔުނިވާސިޓީ އިން ރަންވަނަ ތަކެއް ހޯދައިގެންނެވެ. ނިގާރުގެ ތުންފަތްމަތީގައިވި ހިނިތުންވުމަށް ބަލަހައްޓައިގެން ފަހުމީ އިނެވެ.
"ކޮންކަމަކާ ހިނިއައިސްފަ" ފަހުމީ އަހާލިއެވެ.
"ނާމީ ފެނުނީމަ. އެއީ އަހަރެންގެ ދެލޮލުގެ ނޫރު. އެކުއްޖާގެ ސަބަބުން ކިހާ ބޮޑު ފަހުރެއް އަހަރެމެންނަށް މިލިބުނީ. ފަހުމީ ވެސް މިހާރު އެންމެބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ނާމީ އަށް. އެއީ އެންމެ ހަގު ކުއްޖާއަށް ވެފައި ފަހުމީގެ ނަން ރޯޝަންކޮށްދިން ހަމައެކަނި ދަރިއަށް ވީމަ" ނިގާރު ވާހަކަދެއްކިއެވެ. އޭނާގެ ރާގު ހުރިގޮތުން އޭނާ އެބުނި ފަދައިން ދެކެން ފަހުމީއަށް މަޖުބޫރު ކުރި ކަހަލައެވެ.
"އަހަރެންގެ ތިބީ ތިން ދަރީން. ދެ ފިރިހެން ދަރީންގެ މައްޗަށް އަންހެން ދަރިއެއް އެބަހުރި. އެތިން ދަރީންވެސް ވަނީ މި ރާއްޖެއިން ކިޔެވޭނެ އެންމެ މައްޗަކަށް ކިޔަވާފަ. އެ ތިން ދަރީންނާމެދު ވެސް އަހަރެން ފަހުރުވެރިވަން. އެއްވެސް ދަރިއަކު އަހަރެން ތަފާތެއް ނުކުރާނަން. އެކަމަކު ބުނެފާނަން. އަހަރެންގެ ނަހުމާ ދެ ފިރިހެން ދަރީންނަށް ވުރެވެސް ބޮޑަށް އަހަންނަށް މުހިންމު. އެދަރި މީހަކާ އިނދެގެން ފިރިއަކާއެކު ދިޔަ ނަމަވެސް އަހަރެންގެ ފަހު ނޭވާ އާ ހަމައަށް އަހަރެންގެ ރާނީއެއްގެ މަގާމުގައި ހުންނާނެ ދަރިއެއް އެއީ. އެއީ އަހަރެންގެ ދީން ފުރިހަމަކޮށްދޭނެ ދަރިއަކީ. މަރުދުވަހާ ހަމައަށްވެސް އަހަރެން އެދަރިފުޅު ދުލެއް ނުކުރާނަން" ލޮލުގައި އޮތް ނަންބަރު އައިނު ނަގާފައި ފަހުމީ ވާހަކަދެއްކީ ސީދާ ނިގާރުގެ ދެލޮލަށް ބަލަހައްޓައިގެން އިނދެއެވެ.
"އަހަރެން އެހެން މިބުނީ ނާމީ ހަގު ވީމަ. ދޮށީ ދެބެންގެ ހުރި ކަހަލަ ވިސްނުމެއް އަދި އެކުއްޖާގެ ނުހުންނާނެ ދޯ. ދިރިއުޅުމައިގެން އެކުއްޖާ ކުރިއަށް ދާން އަހަރެމެން ދެމީހުންގެ އެހީތެރިކަން އެކުއްޖާއަށް އަދި ބޭނުންވާނެ" ނިގާރު ހިތްހަމަނުޖެހުނެވެ.
"އަހަރެން ވިސްނަން އެ ތިންބެއިންނާ މެދުގަވެސް. ﷲ އިރާދަކުރެއްވތީ ނާމީ ކުރިއަށް ދާންވީ މަގު އަހަރެން ދައްކައިދޭނަން. ކިޔެވި ރޮނގުން އެނާގެ މުސްތަގުބަލު އުޖާލާ ކުރާތަން އަހަރެން ދެކޭނަން. ނިގީ ގެ ވާހަކަތައް ހުރިގޮތުން އަހަންނަށް ފަހުމުވަނީ އެހެން ކަމެއް. އެކަމަކު އެވާހަކަތައް ދައްކަން މިއީ އެންމެ މުނާސަބު ވަގުތެއް ނޫން. އިހަށް ނަމާދުކުރަން ދަމާ ހިނގާ" ގޮނޑިން ތެދުވެ ފަހުމީ ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ. ނިގާރު އިނީ ހިތްހަމަނުޖެހިފައި ބަލަހައްޓައިގެންނެވެ.
****
ކޮޓަރި ތެރޭގައި ހުރި ސްޓަޑީ ރޫމުގައި ޒަމްރު މަޑުކޮށްލައިގެން އިނެވެ. ކުރަން އިން މަސައްކަތަށް ވުރެ ބޮޑަށް އޭނާ ސަމާލުކަންދެވިފައި ހުރީ ބެލްކަނީގެ ރެއިލިންގް ގައި މަޑުކޮށްލައިގެން ހުރި ހެލީން އަށެވެ. އޭނާއަށް ހެލީން ފެންނަން ހުރީ ލައްޕާފައި ހުރި ކުޑަދޮރުގެ ބޭރުންނެވެ. ހެލީންގެ ލޫޅާފަތި ހަށިގަނޑަށް ހިތް ފުރެންދެން އޭނާ ބަލައިފިއެވެ. ދެރައީ އެ ހަށިގަނޑުގައި ބީހިލާނެ ފުރުސަތެއްވެސް އޭނާ އަށް ނުލިބޭތީއެވެ. ދުވަހަކުވެސް ލިބޭނެކަމުގެ ޔަގީންކަންވެސް ނެތީއެވެ. ކުއްލިއަކަށް އޭނާ ސިހުނީ ދޮރުގައި ޓަކިޖަހާލި އަޑަށެވެ. ހެލީން ދޮރާ ދިމާލަށް ދިޔައެވެ. އަންނައުނުތަކެއް ހިފައިގެން އެތެރެއަށް ވަނީ މާޔޫން އެވެ. އޭނާ ހެލީން އާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
"ފޫހިވެފަތަ؟ މިއަދު ރައްޓެހި ކުއްޖާގެ ގެއަށްވެސް ނުދާ ދުވަހެއްތަ؟" އެނދު މައްޗަށް ގެނައި އަންނައުނުތައް އަޅާލަމުން މާޔޫން ބުންޏެވެ.
"މިއަދު ސަބީ ހޮސްޕިޓަލުގަ އުޅޭ ދުވަހެއް. ދެން ދާނެ އެހެން ތަނެއް ނެތީމަ މިއިންނަނީ" ހެލީން ބުންޏެވެ.
"ބޮޑުދައިތަގެ ގޯއްޗަށްވެސް ނުދަންތަ. ރޭގަ ޒުނީނު ފޯނު ކުރި. ހެލީ ނާންނާތީ ވަރަށް ޝަކުވާކުރި" މާޔޫން ބުންޏެވެ. އޭނާ ދިޔައީ ގެނައި އަންނައުނުތަކުން ކޮނޑުގައި އަޅުވަންޖެހޭ އަންނައުނާއި ފަތްޖަހަން ޖެހޭ އަންނައުނުތައް ވަކިކުރަމުންނެވެ.
"އެގެއަށް ދާހިތެއް ނުވޭ" ހެލީން ބުންޏެވެ. މާޔޫން ބަލައިލިއިރު ހެލީންގެ ތުންފަތުގައިވި ހިނިތުންވުން ވީ ފަނޑުވެފައެވެ
. "ދާހިއްނުވާތަނަކަށް ގޮސްގެން ހިތަށް އުނދަގޫވުން ނޫން ކަމެއް ނުވާނެ. މަންމައާއެކު ތަނަކަށް ދެވޭނެތަ؟" ޒަމްރުގެ އަންނައުނުތައް ހިފައިގެން ގޮސް އަލަމާރީގައި އަޅުވަމުން މާޔޫން ބުންޏެވެ.
"ކޮންތާކަށް؟" ހެލީން އަހާލިއެވެ.
"ވިޔަފާރިކޮށްލަން" މާޔޫން ބުންޏެވެ.
"ޝޮޕިންއަށް... މަގުމަތީގަ އުޅެންޖެހޭނީ ދޯ. ކޮން.. ކޮން ހިސާބަކަށް ދަނީ؟" ހެލީން ކަންބޮޑުވިއެވެ. މަގުމައްޗަކީ އޭނާއަށް އަމާން ތަނެއް ނޫނެވެ.
"ހާދަ ކަންބޮޑުވީ. ނުދާނަމޭ މާ ދުރަކަށް. ކާރުގަ އުޅޭނީ. ބައްޕަގެ އުފަންދުވަސް އަންނާތީ. މަންމަ މިއުޅެނީ ބައްޕައަށް ސަޕްރައިޒް ޕާޓީއެއް ތައްޔާރުކުރަންވެގެން" ފަތްޖަހާފައި ހުރި އަންނައުނުތައް ހިފައިގެން އަލަމާރި އާ ދިމާލަށް ދަމުން މާޔޫން ބުންޏެވެ.
"ކިހާ އިރަކަށް ތައްޔާރުވާންވީ؟" ހެލީން އަހާލިއެވެ.
"އަސުރުކޮށްލައިގެން ތައްޔާރުވެލާ. ގާޔޫވެސް ގޮވައިގެން ދާނީ. ވަރަށް އަވަސްކޮށްލައްޗެ" ކޮޓަރިން ނިކުންނަން ދަމުން މާޔޫން ބުންޏެވެ.
އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ހެލީން ހިނގައިގަތެވެ. އަލަމާރިން އޭނާ ބޭނުންވާނެ ހުރިހާ ސާމާނެއް ހިފައިގެން ފާހާނާ އާ ދިމާލަށް ދިޔައެވެ. މިހުރިހާއިރު ކޮޓަރީގައި މާޔޫން އާއި ހެލީން ދެއްކި ވާހަކަތައް އަޑުއަހަން ހުރި ޒަމްރު ބޭރަށް ނިކުމެލިއެވެ. ލައިގެން ހުރި ޓްރެކްޝޫޓުގެ ޖީބަށް އަތްޖަހާލުމަށްފަހު އޭނާ ބަލައިލީ ފާހާނައިގެ ދޮރަށެވެ. އޭނާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. މަންމަ އާ ހެލީން ގެ ގުޅުން ރަނގަޅުވަމުންދާ މަންޒަރު ފެނުމުން އޭނާ އަށް ހިތްހަމަޖެހުން ލިބިއްޖެއެވެ.
****
ގެސްޓުހައުސްގެ ވަޒީފާ ގާ އުޅޭ ސާލިމްއަށް އާދެވުނީ އެންމެ ލަހުންނެވެ. އޭރު މޭޒު ކައިރީގައި ވިޝާހު އާއި ޒުނީނު ތިއްބެވެ. ކޮޓަރިއަށް ގޮސް އަތް ދޮވެ ހަދައިގެން ސާލިމް އަވަހަށް ކާމޭޒު ކައިރިއަށް އައީ އޭނާ ބަނޑުހައިވެފައި ހުރި ވަރުންނެވެ. ދެބަފައިންނަށް ޒުނީނު ތަށި ކައިރިކޮށްދިނެވެ. އޭނާ ކާން އިށީނީ އެންމެ ފަހުންނެވެ.
"މިހާރު ރިސޯޓުން ޖަވާބެއްދީފިތަ؟" ވިޝާހު އަށް ޒުނީނު އަހާލިއެވެ.
"ނުދޭ" ވިޝާހު ބުންޏެވެ.
"ނުދެއޭ" ޒުނީނު ބުންޏެވެ.
"މިހާރު ވިސްނުން ބަދަލުވެއްޖެ. މާލެއިން ނޫނީ ހުޅުމާލެއިން ވިޔަސް ޖޮބެއް ލިބޭތޯ ބަލާނީ" ވިޝާހު ބުންޏެވެ.
"ކީއްވެ؟ މަންމަ ބޭނުމެއްނޫން މި މާލެ ސަރަހައްދުގަ ވިޝާހު ވަޒީފާ އަދާކުރާކަށް" ޒުނީނު ބުންޏެވެ.
ސާލިމް އާއި ވިޝާހު ޒުނީނު އަށް ބަލައިލީ ގަބޫލުނުކުރެވިފައެވެ. މައިންބަފައިން ފެންނަ ހިސާބުގައި ދަރީން ވަޒީފާއަދާކުރަން ކޮންމެ މަޔަކުވެސް ބޭނުންވާނެއެވެ. ޒުނީނު އެހެން ބުނި ސަބަބު ސާލިމް އަށް ނޭނގުނަސް ވިޝާހު އަށް އިނގުނެވެ. އޭނާ ވަރަށް ހިތްހަމަނުޖެހުނެވެ. މަންމައަށް ވީތީ ހިތު ހުރިގޮތަކަށް ހިތްހަމަނުޖެހުން ފިލުވާލަންވެސް ނުކެރުނެވެ.
"ކީކޭ؟ އޭނަ މިތާ އަހަރެމެން ލޯމަތީގަ ވަޒީފާ އަދާކުރަންޏާ ކިހާ ރަނގަޅު" ސާލިމް ޖެހުނީ ވިޝާހު އާ އެއްކޮޅަށެވެ.
"އެހެންވިޔަސް. ސާލިމް ތއުޅެނީ މީނަގެ ގޮތް ނޭނގިގެން" ޒުނީނު ބުންޏެވެ.
"އަހަރެން މިއީ މުސްލިމެއް. ރިސޯޓު ވަޒީފަގަ އުޅޭ މީހުންނަށް ތުނބުޅިއެއް ނުބެހެއްޓޭ. ނުވިތާކަށް އަހަރެން އެދެން އުޅުނީ ގެސްޓުންނަށް ބަނގުރާ ފޯރުކޮށްދޭ ތަނުގަ. ބަނގުރާ ވިއްކާ ފިހާރައިގަ. އެ ރިސޯޓުގަ ހުސް ވަޒީފާއެއް އޮތީވެސް ހަމައެކަނި އެތަނުގަ. ނުވީތާކަށް އެހާ ދުރު ހިސާބެއް. އެހެންވެ އެ ހިޔާލު ދޫކޮށްލީ. ފައިސާ އެއްކުރެވޭނީ ހަމައެކަނި ރިސޯޓު ވަޒީފާ އަދާކޮށްގެންތަ؟" ވިޝާހު ތަފްސީލުކޮށްދިނެވެ.
"ދަރިފުޅު ބޭނުން ތަނެއްގަ ވަޒީފާ އަދާކުރަންވީ. ބައްޕަ ބޭނުންވަނީ ދަރިފުޅު ހަރުދަނާ ޒިންމާދާރު މީހަކަށް ވާން. ރަނގަޅު ދިރިއުޅުމެއް ފަށައިގެން އާއިލާއެއް ގޮވައިގެން ދިރިއުޅެން" ސާލިމް ބުންޏެވެ.
ވިޝާހު ބޯޖަހާލިއެވެ. ވިޝާހު ހިޔާލާ މެދު ޒުނީނު މުޅިއަކުން ހިތްހަމައެއްނުޖެހުނެވެ. ހެލީންގެ ވަސްދޮވާ ހިސާބެއްގައިވެސް ވިޝާހު ހުންނަން އޭނާ ބޭނުމެއް ނުވެއެވެ. ރިސޯޓު ވަޒީފާއަށް ނަމަވެސް ވިޝާހު ފޮނުވާލަން އޭނާ ބޭނުންވަނީ އެހެންވެއެވެ.
"ހެލީނުގެ ހަބަރެއްވިތަ؟ މިގެއަށް ނާންނަތާ ހާދަ ދުވަހެކޭ. ދަރިފުޅު ގުޅާލިންތަ؟" ސާލިމް އަހާލިއެވެ.
ބޭއިހްތިޔާރުގައި ޒުނީނަށް ބަލައިލެވުނީ ވިޝާހު އަށެވެ.
"ގުޅިން. ބުނި ރަނގަޅޭ. މިހާރު ގެއިން ވަރަށް ނުނިކުންނަމޭ ބުނީ" ވިޝާހު ބުންޏެވެ.
"އަހަރންވެސް ގުޅާލިން. ފޯނެއް ނުނަގަ. އެގެއަށް ވަދެލަން ދާންކަމަށް މިހުންނަނީ" ޒުނީނު މަތިއޮމާންކޮށްލިއެވެ.
"އެހެންތަ. އެގެއަށް ދިޔައިއްޔާ ބުނާތި ސާލިމްބެ ވަރަށް ސަލާމްބުންޏޭ. ބުނާތި މިގޭގަ އޭނަ އުޅުނު ކޮޓަރި އަބަދުވެސް އޭނައަށް ހުންނާނޭ. ދޭތެރެއަކުން ކެއުމެއް ހަދާލަން ޖައްސާލާށޭ. ބުނާތި ހެލީން ހަދާ މަސްބަތްގަނޑު ސާލިމްބެ ވަރަށް މިސްވެޔޭ" ސާލިމް ބުންޏެވެ.
"އޭނަ ކީއްކުރަން މިގެއަށް ގެންނަނީ" ޒުނީނަށް ބުނެވުނީ ތަންކޮޅެއް ރުންކުރު ރާގެއްގައެވެ. ވިސްނުނީ ފަހުންނެވެ. ސާލިމް ބަލައިލިގޮތުން އަވަހަށް ނަޒަރު އެހެންދިމާލަކަށް ބަދަލުކޮށްލިއެވެ.
"މިހެން މިބުނީ އަހަންނަކަށް ހިއެއްނުވޭ އަދިވެސް އެގެއަށް އޭނަ އާދވިހެނެއް. އަހަންނަށް ރަނގަޅީ ދުވަސްތަކެއް ވަންދެން އޭނަ މިގެއަށް ނައިއްޔާ. އެކޮޓަރިއަށް ވަނިއްޔާ އަވަހަކަށް ގެއަށް ދާކަށް ބޭނުމެއްނުވޭ. އެންމެފަހުންވެސް އެގެއަށް އަހަރެން އޭނަ ފޮނުވީ ގަދަކަމުން. ކައިވެނީގެ ފުރުތަމަ އަހަރު ވިއްޔާ. ނުވާނެއްނު އެހެން އުޅޭކަށް"
ޒުނީނުގެ ވާހަކަތަކަށް އެއްބައިވުމުގެ ގޮތުން ސާލިމް ބޯޖަހާލިއެވެ. ވިޝާހު ދެފަރާތަށް ބޯހޫރާލިއެވެ. މަންމަގެ މަކަރުވެރިކަން އޭނާއަށް އޮޅިފައެއްނެތެވެ.
"އެހެންވެތަ ހެލީގެ އުޅުނު ކޮޓަރީގަ ކުދިން ބައިތިއްބަން ތަންތަނުގަ އިޝްތިހާރު ޖަހައިގެން ތިއުޅެނީ" ވިޝާހު ބުންޏެވެ.
"މީކީ ވިޝާހު ބެހެންޖެހޭ ކަމެއްނޫން. މިއަދު މާބޮޑަށް އަނގަ ދިޔާވެގެން ތިއުޅެނީ. ސާލިމަށް އެބަފެނޭތަ މީނަގެ ވައްތަރު" .ޒުނީނު ހިތްހަމަނުޖެހުނެވެ.
"ދަރިފުޅާ. މަންމަ ރުޅިނާރުވާ. މަންމަ އެއްޗެއް ބުނަނީ ދަރިފުޅަށް ރަނގަޅަކަށް" ސާލިމް ބުންޏެވެ.
ތަށި ހުސްނުކޮށް ވިޝާހު ހިނގައިގަތެވެ. އޭނާ ކޮޓަރިއަށް ވަންނަންދެން އިނދެފައި ސާލިމް ޒުނީނަށް ބަލައިލިއެވެ.
"އަހަންނަށް މިއިވުނީ ރަނގަޅަށްތަ؟ ސާލިމް ބުންޏެވެ. އޭނާގެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރު ވިއެވެ.
"ކޮބާ މައްސަލައަކީ؟ ހުސްކޮށް ހުންނަ ކޮޓަރިއެއް އެއީ" ޒުނީނު ބުންޏެވެ.
"އަހަންނަށް ހާދަ ހީވެޔޭ ހެލީނު އާ މެދު ޒުނީނުގެ ހިތުގަ ލޯތްބެއް ކީއްކުރަން ރަހުމުގެ ކަންފުޅެއްވެސް ނެތޭ. ކީއްވެތަ؟ ބަލަ ދަރިއެއް ފަދައިން އޭނަ ގެންގުޅެ ބޮޑުކުރި މީހާއެއްނު ތީ. ދަރި ކުލުނުވެސް ނުޖެހޭތަ މިހުރިހާ ދުވަހު. ތިއީ ބޮޑުދައިތަ. އޭނަ މީހަކާ އިނދެގެން މިގެއިން ދިޔައީމަ މިގެ އާ ޒުނީނު ވިޝާހު އާ އެމަންޖެ ގުޅުން ކެނޑުނީތަ؟ އަހަރެން މި އީ ޅިޔަނުގެ މަގާމުގަ ހުރި މީހާ. އަހަރެން މިވިސްނާވަރާ ގާތަށްވެސް ޒުނީނު ވިސްނާހެނެއް ހިއެއްނުވޭ. ހަގީގަތުގަ މިދުނިޔޭގަ އެމަންޖެގެ ޒުނީނު ނޫނީ ހުރީ ކާކު؟" ސާލިމްގެ ވާހަކަތައް އަހަން ޒުނީނު އިނީ އިސްއޮބާލައިގެންނެވެ.
"އަހަރެން ކައިރީގަ އަހާވެސްނުލާ މިތަނުން ކޮޓަރި ކުއްޔަށް ދޭއިރު އެއްޗެއް ހިތަށް އެރިތަ؟ އެއީ ކޮން މަގުސަދެއްގަ ކިރިކަމެއް" ސާލިމް ބުންޏެވެ.
"އެއީ އަހަރެން ފަހާފޮއްޓެއް ގަންނަން ލާރި ބޭނުންވެގެން" ޒުނީނު ބުންޏެވެ.
"ބަލަ ޒުނީނު އަށް ބޭނުންވާ އެއްޗެހި ހޯދައިދެނީ މަށެއް ނޫންތަ؟ މަ ނޫޅެމޭ އަނބިމީހާގެ ބޭނުންތައް ފުއްދައިނުދެވޭހާ ނިކަމެތިވެގެނެއް. މަގޭ ޖީބަށް ރުފިޔާ ވަދޭ. ތިޖެހި ޕޯސްޓު ހަމަ މިހާރު ނަގަންވީ. އަދި މިހާރު މި އިނގެނީ ވިޝާހު ވެސް ހިތްހަމަނުޖެހިފަ ވާހަކަދައްކަނީ ކީއްވެގެންކަން" ސާލިމް ފެންތަށި ބޯލައިގެން ތެދުވިއެވެ.
(ނުނިމޭ)
އިހުތިޔާރެއް ނެތޭ ހިތަކަށް ހުވާ