އެމެރިކާއިން އީރާނުގެ އަސްކަރީ ތިން މަރުކަޒަކަށް ދިން ހަމަލާތަކާ ގުޅިގެން އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން އީރާނުން ގޮވާލައިފި އެވެ.

އދ ގެ ސަލާމަތީ މަޖިލީހަށް އީރާނުން ފޮނުވި ސިޓީގައި ވަނީ އެމެރިކާގެ އެ ހަމަލާ ތަކަކީ "ނުރައްކާތެރި އަދި ހާމަކަން ބޮޑު ގާނޫނާ ހިލާފު" އަމަލުތަކެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އެ ހަމަލާ ތަކަކީ ބައިނަލްއަގުވާމީ ގާނޫނާ އަދި ޔޫއެން ޗާޓަރާވެސް ހިލާފު އަަމަލެއްކަމަށް ބަޔާންކޮށްފަ އެވެ.

އީރާނުން ވަނީ އެމެރިކާގެ އެ ހަމާލަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަމުގެ ފުރިހަމަ ޒިންމާ އެމެރިކާ ލައްވައި ނަގުވަން އެދިފަ އެވެ. އެކަމާ ގުޅިގެން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް އެދިފަ އެވެ.

އީރާނުން ސިފަކުރިގޮތުގައި އެމެރިކާއިން ދިން ހަމަލާއަކީ ދުރާލައި ރާވައިގެން، އެއްވެސް ކަހަލަ އިންޒާރެއް ދިނުމެއްނެތި ދީފައިވާ ހަމަލާއެކެވެ. މިމަހުގެ 13 އިން ފެށިގެން އިޒްރޭލާ ގުޅިގެން އެމެރިކާއިން އީރާނަށް ހަމަލާތައް ދެމުން ގެންދާ ކަމަށްވެސް ބުނެފައިވެ އެވެ.

އެމެރިކާއިން ހަމަލާދިން އީރާނުގެ އަސްކަރީ ތިން މަރުކަޒު ކަމަށްވާ ފޯޑޯ، ނަތަންޒް އަދި އިސްފަހާން އެއްކޮށް ސުންނާފަތިކޮށްލެވިފައިވާ ކަމަށާއި އެއީ ކާމިޔާބު ހަމަލާތަކެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް އީރާނުން ބުނެފައިވާ ގޮތުގައި މާބޮޑު ގެއްލުންތަކެއް ނުލިބެ އެވެ.

އެމެރިކާގެ މި ހަމަލާތަކާއެކު މެދުއިރުމަތީގެ ހާލަތު އިތުރަށް ނުރައްކާވެ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވަނީ ހީވެފަ އެވެ. އީރާނުން ކުރީން ވަނީ އެމެރިކާ މިފަދަ ކަމެއްގައި ބައިވެރިވެއްޖެ ނަމަ އެކަން ބޮޑު ހަނގުރާމައަކަށް ވެގެންދާނެ ކަމުގެ އިންޒާރުދީފައެވެ.

ޓްރަމްޕް ވިދާޅުވިގޮތުގައި މިއީ އީރާނުން ސުލްހައިގެ އެއްބަސްވުން ހަދަން ވީ ވަގުތެވެ. އަދި އެއްބަސްވުމަށް ދެކޮޅު ހަދައިފިނަމަ ނުރައްކާތެރި އެތައް ހަމަލާތަކެއް ތެހެރާނަށް ދޭނެ ކަމުގެ އިންޒާރުވަނީ ދެއްވައިފައެވެ.