ކޯޕަރޭޓް މޯލްޑިވްސްގެ ފުރަތަމަ "ބިޒްވީކް 2025" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ދެ ދުވަހުގެ މި ޕްރޮގްރާމުގައި ނެޓްވޯކް މީޓިންގްތަކާއި، މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، އަދި ސީއީއޯ ސަމިޓެއް ހިމެނުނެވެ.
މި އިވެންޓާ ދިމާކޮށް، ކޯޕަރޭޓް މޯލްޑިވްސްއިން ވަނީ އާ އެޕެއް އަދި ވެބްސައިޓެއް ވެސް ތައާރުފުކޮށްފައެވެ. މި އެޕާއި ވެބްސައިޓުން ވިޔަފާރިތަކާ ބެހޭ މައުލޫމާތު، އެންމެ ފަހުގެ އަޕްޑޭޓްތައް، އަދި ނެޓްވޯކިން ޓޫލްތައް ލިބޭނެ އެވެ.
ފުރަތަމަ ދުވަހުގެ މައިގަނޑު ހަރަކާތަކީ ހޮޓެލް ޖެންގައި ބޭއްވި ސީއީއޯ ސަމިޓެވެ. މި ސަމިޓުގެ ޕެނަލް ޑިސްކަޝަންގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސް ވެރީން ބައިވެރިވިއެވެ. މި ޕެނަލިސްޓުން ވަނީ ހަކަތަ، ކާބޯތަކެތީގެ ރައްކާތެރިކަން، ސިއްހަތު، ތައުލީމު، ފަތުރުވެރިކަން ތަފާތުކުރުން، މާލީ ކަންކަމާއި އިންވެސްޓްމަންޓް ފަދަ މުހިންމު ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.
ދެވަނަ ދުވަހުގެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ނެޓްވޯކް މީޓިންގްތަކާއި އެކި އެކި ދާއިރާތަކުގެ މާހިރުން މައުލޫމާތު ދިނުމުގެ ސެޝަންތައް ހިމެނުނެވެ. ނެޓްވޯކް މީޓިންގްތަކުގައި އެކި ދާއިރާތަކުގެ ވިޔަފާރިތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރެވުނު ކަމަށާއި މައުލޫމާތު ދިނުމުގެ ސެޝަންތަކުގައި ވިޔަފާރީގެ އެކި ދާއިރާތަކާ ބެހޭ ގޮތުން މުހިންމު މައުލޫމާތު ހިއްސާކުރެވުނު ކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެއެވެ.
މި އިވެންޓުން ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި އާ މިންގަނޑެއް ކަނޑައަޅައި، އެކި ދާއިރާތަކުގެ ވިޔަފާރިވެރިން އެއްތަނަކަށް ޖަމާކޮށް، ހިޔާލު ބަދަލުކޮށް، އެއްބާރުލުން އިތުރުކޮށް، އިގްތިސޯދީ ގޮތުން ވަރުގަދަ މުސްތަގުބަލެއް ބިނާކުރުމަށް މަގުފަހިކޮށްދީފައިވާ ކަމަށް ވެސް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.
މި އިވެންޓްގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ޕްލެޓިނަމް ޕާޓްނަރުންނަކީ އޫރީދޫ މޯލްޑިވްސް އާއި ދިރާގެވެ. އިވެންޓް ޕާޓްނަރުންގެ ތެރޭގައި ޓްރާންސް މޯލްޑިވިއަން އެއަރވޭސް، ވެލިގާ، އިވެންޓް މޯލްޑިވްސް، މެޑްޓެކް، އަދި ޕްރިންޓް ލެބް ހިމެނެއެވެ.

ކޯޕަރޭޓް މޯލްޑިވްސް
ކޯޕަރޭޓް މޯލްޑިވްސް
ކޯޕަރޭޓް މޯލްޑިވްސް
ކޯޕަރޭޓް މޯލްޑިވްސް