ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްވީކްގެ ބޭންކިން ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
މި މަހުގެ 18 އަދި 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބިޒްވީކަކީ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގާ ނެޓްވޯކިން ހަރަކާތެކެވެ. މިއީ ވިޔަފާރިތަކަށް އެއްތަނަކުން ކަސްޓަމަރުންނާއި ވިޔަފާރީގެ މުހިންމު ނިންމުންތައް ނިންމާ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދޭ ޕްލެޓްފޯމަކަށް ވެގެންދާނެ އެވެ.
އެ އިވެންޓުގައި "ސީއީއޯ ސަމިޓް" ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ރާއްޖޭގެ ވިޔަފާރީގެ އިސްވެރިން އެއްތަނަކުން ބައްދަލުކޮށް، އިގުތިސާދީ ކުރިއެރުން ހޯދުމަށް ބޭނުންވާ ސްޓްރެޓެޖީތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވިދާޅުވީ ރާއްޖޭގެ ވިޔަފާރި މުޖުތަމައު ބާރުވެރިކުރުވައި، އިގުތިސާދީ ތަރައްގީ ގެނައުމަށް އެ ބޭންކުން ނުހަނު ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން ބިޒްވީކަކީ ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވައި، އާ ގޮތްތައް ހޯދައި، ކުރިއެރުމަށް ފުރުސަތު ހޯދައިދޭނެ މުހިންމު ޕްލެޓްފޯމެއް ކަމަށް ވިދާޅުވި އެވެ.
"މިއީ ވިޔަފާރިވެރިންނާއި ޕްރޮފެޝަނަލުންނަށް ގުޅުން ބަދަހިކޮށް، އެއްބާރުލުން ދީ، ހިޔާލު ހިއްސާކުރުމަށް މަގުފަހިކޮށްދޭނެ މަންސައެއްވެސްމެ. މި އިވެންޓަކީ ބައިވެރިވާ ހުރިހާ ފަރާތްތަކަށްވެސް ފައިދާކުރާނެ އަދި ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ އިވެންޓަކަށް ވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން." ނިމާލް ވިދާޅުވި އެވެ.
ބީއެމްއެލް އިން އަންނަނީ އެ ބޭންކުގެ ހިދުމަތްތަކާއި ޕްރޮޑަކްޓްތަކުން ވިޔަފާރިތަކަށް އެހީތެރިވަމުންނެވެ. ލޯނުތަކާއި ފައިނޭންސިންގެ އިތުރުން ބޭންކުން ހަލުވިކަމާއި ފަސޭހަކޮށް މުއާމަލާތްތައް ކުރެވޭނެ ގޮތަށް 24 ގަޑިއިރު ޕޭމަންޓް ހިދުމަތްތައްވެސް އެ ބޭންކުން އަންނަނީ ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން ބީއެމްއެލް އިން ދާދި ފަހުން ވަނީ ވިޔަފާރިތަކަށް ކޮންމެ ތަނަކުން ވެސް އެކައުންޓް ހުޅުވައި ހިދުމަތްތައް ލިބޭނެ ފުރިހަމަ ޑިޖިޓަލް އޮންބޯޑިން ޕްރޮސެސްއެއް ތައާރަފުކޮށްފަ އެވެ.
މުހައްމަދު ސިމާއު
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް