ޚަބަރު

ކޯޕަރޭޓް މޯލްޑިވްސްގެ 'ގޯލްޑް 100 ގާލާ' މިމަހު 16ގައި ބާއްވަނީ

ރާއްޖޭގައި ބާއްވާ އެންމެ މަގުބޫލު ވިޔަފާރި އެވޯޑް، "ގޯލްޑް 100 ގާލާ"ގެ ހަތްވަނަ އެވޯޑް ހަފުލާ މި މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވަން ނިންމާފައިވާ އެ ހަފުލާގައި ބައިވެރިވެވޭނީ ހަމައެކަނި ކޯޕަރޭޓް މޯލްޑިވްސް އިން ދައުވަތު ފޮނުވާ ފަރާތްތަކަށެވެ.

ކޯޕަރޭޓް މޯލްޑިވްސް އިން ބުނީ، މިއީ ހިތްގައިމު މާހައުލަކުން އެންމެން އެކީ ބައްދަލުވެލާ ގުޅުން ބަދަހިކުރުމަށް ވިޔަފާރިވެރިންނަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި ކުންފުނިތަކުގެ ޗެއާމަނުންނާއި މެނޭޖިން ޑިރެކްޓަރުންނާއި ސީއީއޯ އަދި ކުންފުނިތަކުގެ މުހިންމު ނިންމުންތައް ނިންމާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މި ހަފުލާގައި ބައިވެރިވާނެ ކަމަށް ބުންޏެވެ.

މި ހަފުލާގައި "ގޯލްޑް 100" މެގަޒިން އިފުތިތާ ހުކުރުމާއި އަދި އެންމެ ގަދަ 100 ކުންފުންޏަށް އެވޯޑް ދޭނެއެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ސިނާއަތްތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތައްކޮށް، ވިޔަފާރި މައިދާނުގައި ކާމިޔާބާއި ކުރިއެރުން ހޯދާފައިވާ އަދި މުޖުތަމައުއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްފައިވާ ފަރާތަކަށް "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް" ދިނުންވެސް އޮންނާނެއެވެ.

"ގޯލްޑް 100" އަކީ ކޯޕަރޭޓް މޯލްޑިވްސް އިން ކޮންމެ އަހަރަކުވެސް ނެރޭ ރާއްޖޭގެ އެންމެ ކާމިޔާބު 100 ވިޔަފާރި ކުންފުނީގެ ލިސްޓެކެވެ. އެ ލިސްޓުގައި ވިޔަފާރިތައް ރޭންކު ކޮށްފައި ނުވި ނަމަވެސް، ދެފުށް ފެންނަ މިނިވަން މަރުހަލާތަކެއްގެ ތެރެއިން ހޮވާލެވޭ މި 100 ކުންފުންޏަކީ ރާއްޖޭގައިވާ ލީޑިން 100 ކުންފުންޏެވެ.