ޑިޒްނީގެ "މޮއާނާ 2" ދުނިޔޭގެ ބޮކްސް އޮފީހުން 1 ބިލިއަން ޑޮލަރު ހޯދައިފިއެވެ. މި ނާދިރު މަންޒިލަށް ވާސިލުވެފައިވާ ފަސްދޮޅަހަކަށް ފިލްމުގެ ލިސްޓަށް މި ފިލްމުވެސް މި ވަނީ ވާސިލުވެފައެވެ.

ޑުވެއިން ޖޮންސަން (ދަ ރޮކް) އަދި އަވުލީ ކްރަވަލްހޯގެ އަޑު އަޅާފައިވާ މި ސީކުއަލް މިހާރު ވަނީ 2024 ގެ އެހެން އެނިމޭޓެޑް ބްލޮކްބަސްޓަރ "އިންސައިޑް އައުޓް 2" އަދި ރަޔަން ރެނޯލްޑްސް އަދި ހިއު ޖެކްމަން ފެނިގެންދާ މާވެލްގެ "ޑެޑްޕޫލް އެންޑް ވޮލްވަރިން" އާ އެއް ގިންތިއެއްގައި ހިމެނިފައެވެ.

މި ކާމިޔާބީއާއެކު "މޮއާނާ 2" ވަނީ މިއަހަރު ވިޔަފާރީގެ ގޮތުން އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނި، އެނިމޭޓެޑް އަދި ފެމިލީ ފިލްމުތަކުގެ މާކެޓުގައި ޑިޒްނީގެ ބާރުވެރިކަން އިތުރަށް ވަރުގަދަކޮށްފައެވެ. މި ފިލްމު މިހާރު ވަނީ "ފްރޯޒަން 2"، "ދަ ލަޔަން ކިންގް (2019)"، އަދި "ޓޯއި ސްޓޯރީ 4" ފަދަ މަޝްހޫރު ފްރެންޗައިޒްތަކާއި ސީކުއަލްތަކުގެ ލިސްޓަށް އަރައިފައެވެ.

ޑެޑްލައިންގެ ރިޕޯޓުގައިވާ ގޮތުން، ފަހަކަށް އައިސް 1 ބިލިއަން ޑޮލަރު ހޯދި އެހެން ފިލްމުތަކުގެ ތެރޭގައި "ބާބީ (2023)" ހިމެނެއެވެ. މި ފިލްމުން ގްރޭޓާ ގަރވިގް ވަނީ ދުނިޔޭގެ އަދި އެމެރިކާގެ ބޮކްސް އޮފީހުގެ ރެކޯޑު ހޯދި ދެވަނަ އަންހެން ޑައިރެކްޓަރަށް ވެފައެވެ. މި ރެކޯޑު އެންމެ ފުރަތަމަ ހޯދީ "ފްރޯޒަން 2" ގެ ކޯ-ޑައިރެކްޓަރ ޖެނިފަރ ލީއެވެ.

1 ބިލިއަން ޑޮލަރުގެ ކްލަބަށް އެރި ފިލްމުތަކުގެ ތެރޭގައި "އެވެޓާ"، "އެވެންޖަރސް: އެންޑްގޭމް"، އަދި "ޓައިޓޭނިކް" ފަދަ ޖޭމްސް ކެމެރޯން ޑައިރެކްޓްކުރި ފިލްމުތައް ހިމެނެއެވެ. ކެމެރޯންއަކީ 2 ބިލިއަން ޑޮލަރަށްވުރެ ގިނައިން ހޯދި ތިން ފިލްމު ހަދާފައިވާ ހަމައެކަނި ފިލްމްމޭކަރެވެ.