އިޝާ ނަމާދަށްފަހުގައި ޒިކުރުކުރުމުގައި އަސަލް ވަގުތުކޮޅެއް ހުސްކޮށްލިއެވެ. އެއަށްފަހު ހެއްދެވި ފަރާތުގެ ހަޒްރަތުން މަދަދާއި ވާގިއަށް އެދި ދުޢާއަށް ދެއަތް މައްޗަށް އުފުއްލާލެވުނެވެ. އަސަލް ދުޢާ ކުރީ އޭނަގެ ނިންމުން ފަސޭހަކޮށްދެއްވުމަށް އެދިއެވެ. އަނދިރިކަން ވެރިވަމުން ދިޔަ އޭނަގެ ހަޔާތަށް އުއްމީދުގެ އަލިކަން ގެނެސްދެއްވުމަށް އެދިއެވެ. އިނދަޖެހިފައިވި ދިރިއުޅުން ކުރިއަށް ނަގައި އާރާސްތުކުރުމުގައި ސާބިތުކަން ދެއްވުމަށް އެދިއެވެ.
ދުޢާ ނިންމާލަމުން އަސަލްއަށް ހަށި ފުރާ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭރު ސިކުނޑިއަށް ވެރިވެފައިވި ހައިޖާންގަނޑަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. ހުރިހާ ކަމަކާއި މެދުގައި ރަނގަޅަށް ވިސްނާލެވުނީ ދެނެވެ. ފަސާދަވެފައިވި ޤައިލާގެ ނިޔަތެވެ. މައިހާއާއި މެދު ކަންތައް ކުރަން އުޅުނު ގޮތެވެ. އަންހެނެކަށް ވެހުރެ އެފަދަ ނިކަމެތިކަމެއް ދޭން ޚިޔާލު ކުރީތީ ވެސް އަސަލް ހުރީ ސިހުމެއް ތެރޭގައެވެ. އެރޭވުން ކާމިޔާބު ނުވީތީ ވެސް މާތްﷲއަށް ހަމްދުކުރެވުނެވެ. އެކަމުން ވެސް ޤައިލާގެ ހިތުގައިވި ނަފުރަތާއި ހަސީލަތް ހާމަކޮށްދިނެވެ. އަސަލްގެ ލޯ ހުޅުވިގެން ގޮސްފިއެވެ. ފަހު ނޭވާއަށް އެޅިފައިވި ކައިވެނީގެ ގުޅުން އިތުރަށް ދެމެހެއްޓޭނެ އެއްވެސް ގޮތެއް ނެތްކަން މިރޭ ސާބިތުވެގެން ހިނގައްޖެއެވެ.
މިސްކިތުން ފައިބައިގެން އަސަލް އަނެއްކާ ދިޔައީ އެޕާޓްމެންޓަށެވެ. މާހައުލުގެ ހިމޭންކަމުން އަސަލްއަށް އުނދަގޫވިއެވެ. ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އޭނަ މިސްރާބު ޖެހީ ބަދިގެ އަށެވެ. އައިސްއަލަމާރި ހުޅުވާލަމުން އެތެރެ ހޯދާލިއެވެ. މަންމަ އަންނަންވާއިރަށް ހަމަކުރި ގްރޮސެރީތައް ހުސްނުވެ ހުއްޓެވެ. އިރުކޮޅެއް ވަންދެން އައިސްއަލަމާރީގެ ދޮރުގައި ހިފަހައްޓައިގެން އަސަލްއަށް ހުރެވުނެވެ. ރޭގަނޑު ކެއުމަށް ތައްޔާރުކުރާނެ އެއްޗަކާ މެދުގައި ވިސްނާލި ކަހަލައެވެ.
ނޫޑްލްގަނޑެއް ތައްޔާރުކޮށްލައިގެން އަސަލް ކާން އިށީނީ އެކަނިމާއެކަންޏެވެ. އެވަގުތު މަންމަގެ ފަޅުކަން އިންތިހާއަށް އިހުސާސްކުރެވުނެވެ. އަސަލްއަށް ނަޒަރު ހިންގާލެވުނީ މަރުގެ ހިމޭންކަން ވެރިވެފައި އޮތް އެޕާޓްމެންޓަށެވެ. އެތަނުން ވެސް ރަމްޒުކޮށްދެނީ އޭނަގެ ހާލަތެވެ. ލަސްލަހުން އަތުގައި އޮތް އުލުން ނޫޑްލްސް ކަމުން ފާއިވެ ގޮސްފައިވި ދުވަސްތަކާ މެދު ފިކުރު ހިންގާލެވުނެވެ.
އަސަލްގެ މޫނުން މާޔޫސްކަން ފާޅުވިއެވެ. އޭނައަށް ހެދިފައިވާ ގޯސްތަކާއި މެދުގައި އަސަލްއަށް ވިސްނުނެވެ. އޭނަގެ ހިތުގެ ހާލަތު މައިހާއަށް ބުނެނުދެވުން އެއީ ފުރަތަމަ ކުށެވެ. އެއާއި ވިދިގެން އޭނަގެ ހާލަތު ބަދަލުކުރަން ހެދުނީ މުޅިން ވެސް ގޯސްތަކެވެ. ޤައިލާއާއި ރައްޓެހިވުމެވެ. ލޯބި ވެވުމެވެ. ކައިވެނި ކުރެވުމެވެ. އޭނައަށް ދެވުނީ އަވާމެންދުރެއްގެ ފަހަތުންނެވެ. ޤައިލާގެ ހިތުގައި އޭނައަށްޓަކައި އެއްވެސް އިހުސާސެއް ނުވެއެވެ. ޤައިލާއަށް އޭނަ ފެނުނީ ހާސިލްކުރަންޖެހޭ ޓްރޮފީއެއްގެ ގޮތުގައެވެ.
''މިއަދު މިހާލަތަށް ދާން ޖެހުނީ އަހަންނަށް ފަސްޖެހެވުނީތީ، މޭއިއަށް މިހުތުގެ ހާލަތު ބުނެނުދެވުނުނަމަ ވާނީ ކިހިނެއްތަ؟، ޤައިލާ ހުރި މަޤާމުގައި ހުންނާނީ މޭއި ތަ؟، އެހެން ވެދާނެތަ؟، އެކުވެރިކަމަށް ވުރެން އިތުރު ގުޅުމަކަށް މޭއި ފުރުސަތު ދޭނެތަ؟...... މިހާރު ވަގުތު ފާއިތުވެގެން ހިނގައްޖެ، އަހަންނަށް މާޒީ ބަދަލެއް ނުކުރެވޭނެ...'' އަތުގައި އޮތް އޫ ތަށީގެ ތެރެއަށް ދޫކޮށްލަމުން އަސަލްއަށް ބުނެވުނެވެ. ކެއުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އޭނަގެ ކަންފަތުގެ ތޫރީގެ ތެރޭގައި ހަރުލާފައިވަނީ ވިހައިން ފުރިވައިފައިވި ޤައިލާގެ ފަހު ބަސްތަކެވެ. މައިހާއަށްޓަކައި މޭގައި ވިންދުޖަހަމުންދާ އިހުސާސްތަކަށް ކުރި މަލާމާތެވެ.
''އަހަންނަކީ މޮޔައެއް، އަމިއްލަ އިހުސާސްތަކަށް ފިލަން ހަދައިގެން ހުރިހާކަމެއް މިވީ، ޤައިލާ ބުނީ ތެދެއް، މޭއި އަހަންނާއި މެދު އަބަދު ދެކޭނީ ރައްޓެއްސެއް ގޮތުގައި، މި ހިތުގައިވާ ލޯބި މޭއިއަށް ބަޔާންކޮށެއް ނުދެވޭނެ، ދެން ކީއްވެގެންތަ އަހަރެންގެ ހިތަށް ވިސްނައިނުދެވެނީ؟...'' މޭޒުގައި އުޅަނބޮށި ވިއްދާލަމުން އަސަލްއަށް އަތުގެ ތެރޭ މޫނު ފޮރުވާލެވުނެވެ. ނައްސި ޚިޔާލުތަކުން ނަފުސަށް ގެނެސްދޭން ފެށި އުދާސްކަމާއެކުގައި އަސަލް ކޮޅަށް ތެދުވުނެވެ. އެކަމުގެ ތެރޭގައި މީހާ ބަނދެވިގެން ދިއުމުގެ ފުރުސަތު ދެވޭކަށް ނެތެވެ.
*****
ހޫނު ފެނުން ފެންވަރާލުމުން ވާން އަރާފައި ހުރި ހަށިގަނޑުގެ މަސްތަކަށް ލުޔެއް ލިބުނެވެ. ހަމައެކަނި ސޯޓެއް ލައިގެން އަސަލް އެނދުގައި އޮށޯތެވެ. ބަނާތު ގައިގައި އަޅާލަމުން އާދައިގެ މަތިން ފަތިހަށް ފޯނު އެލާމް ކުރިއެވެ. ގަޑިން އޭރު ދިހައެއް ޖަހައިފިއެވެ. ޤައިލާގެ މަތިން އަސަލް ހަނދާން ވިއެވެ. ޒުވާބަށްފަހުގައި ގެއިން ނިކުމެގެން ދިޔަ ގޮތަށް ބަޚަބަރެވެ. ދިޔަ ތަނެއް ވެސް އަންގައެއް ނުލިއެވެ. އެވަގުތު ޤައިލާގެ ގާތުން އޮޅުން ފިލުވަން ވެސް އަސަލް ބޭނުން ނުވީއެވެ. ކޮންމެ ގޮތަކަށް އެދެމެދުގައި ކަންތައް ވިޔަސް ޤައިލާއާއި މެދުގައި އަސަލް ފިކުރުބޮޑުވިއެވެ. ނަފުރަތަކީ އަސަލްގެ ތަބީއަތާއި ނުބައްދަލު ސިފައަކަށްވުމުން ޤައިލާ ހެޔޮ ހާލުގައި ހުރިތޯ ޔަޤީންކުރަން އޭނަ ބޭނުން ވިއެވެ. ވަރިވާން ގަސްދުކުރިއަސް ޤައިލާ އަދި ހުރީ އޭނަގެ އަންބެއްގެ މަޤާމުގައެވެ.
ދެޚިޔާލެއްގައި އޮވެފައި އަސަލް ތެދުވެ އެނދުގައި އިށީނދެ ހެޑްބޯޑަށް ލެނގިލިއެވެ. އަސަލް ގުޅާލީ ރިދާ އަށެވެ. ރިދާއަށް ޤައިލާގެ މައުލޫމާތު އެނގޭނެތީއެވެ. ފުރަތަމަ އަސަލް ގުޅުމުން ރިދާ ފޯނެއް ނުނެގިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ގުޅުމުން ތިންވަނަ ރިންގަށް ފަހުގައި ފޯނު ނަގައިފިއެވެ.
''އަސަލް؟...'' ރިދާގެ އަޑުން އަސަލްއަށް ފާހަގަ ކުރެވުނީ ޖެހިލުންވުމެވެ. އަސަލްއަށް އެކަމާއި ގުޅުވާލެވުނީ އިރާކޮޅުގެ ހާދިސާއެވެ. ޤައިލާގެ ނުބައި ރޭވުންތަކުގައި ރިދާ ވެސް ބައިވެރިވުމުން ފޫހިކަން އުފެދުނެވެ. ގުޅި ސަބަބަށް ވަގުތުން އަލިއަޅުވާލެވުނީ އެހެންވެގެންނެވެ.
''ޤައިލާ އުޅޭތަ؟...'' އަސަލް އެހިއެވެ. ރިދާގެ ޖަވާބެއް ނުލިބި ގިނަ އިރުވުމުން އަސަލް ހީކުރީ ފޯނު ކަނޑާލީ ކަމަށެވެ. ނުރުހުމާއެކު ފޯނު ތިރިކޮށްލަން އުޅުނު ވަގުތު ރިދާ ވާހަކަދައްކަން ފެށުމުން އަސަލްއަށް މަޑުޖެހިލެވުނެވެ.
''ނޫޅޭ...'' ރިދާ ބުންޏެވެ. ''ކަމެއްވީތަ؟..''
ރިދާގެ ބޭނުން އަސަލް ދެނެގަތެވެ. މާ ނޫންކަމަށް ހަދާފައި އުޅުނީ އޭނައާއި ޤައިލާގެ ދެމެދުގައި ހިނގި ކަންތައް އޮޅުން ފިލުވަންކަން އަސަލްއަށް އެނގުނެވެ. ރިދާގެ ގާތަށް ޤައިލާ ނުދާކަން ވެސް އަސަލްއަށް ޔަޤީންކުރެވުނެވެ. އިތުރަށް ރިދާއާއި ވާހަކަދެއްކުމެއް ނެތި އަސަލް ފޯނު ކަނޑާލިއެވެ. މުށުތެރެއަށް ފޯނު ލައިގެން އަސަލް އިނީ ޤައިލާ ދިޔަ ތަނަކާ މެދު ސުވާލު އުފެދިފައެވެ. އިރުކޮޅެއްފަހުން ޤައިލާއަށް އަސަލް މެސެޖެއް ފޮނުވާލިއެވެ. އޭނަ ނިދަން އޮށޯތީ ދެނެވެ.
ދެއަތަށް ފުރޮޅުން ނޫންކަމެއް ނުވިއެވެ. ދެބަދޭތެރޭގައި އޮވެވޭހެން ވެސް އަސަލްއަށް ހީވެއެވެ. ސިހިފައި އޭނައަށް ލޯ ހުޅުވާލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. މައި ނޭވާ ލަމުންދާ ހާލުގައި އަސަލްއަށް އޭނަގެ މޭގައި ފިރުމާލެވުނެވެ. އަވަސްވެފައިވި ހިތުގެ ތެޅުން ހަމައަކަށް އެޅުމާއެކު، ބާލީސް ދަށުން ފޯނު ނަގައި ގަޑިންވީ އިރެއް ބަލައިލިއެވެ. މެންދަމުން އަލިވެ ތިނެއް ޖެހީ އެވެ. ވަރުބަލިކަން އަސަލްގެ މޫނުގައި ވިއެވެ. ހަށިގަނޑަށް އަރާމު ނުލިބޭތީއެވެ. އަސަލްގެ ނަޒަރު އެނދުގެ ހުސް ޖާގައަށް ހުއްޓުނެވެ. ޤައިލާގެ ހިލަމެއް ކޮޓަރިން ނުވިއެވެ.
ގައިގައި އަޅާފައި އޮތް ބަނާތު ހިއްލާލަމުން އަސަލް އެނދުން ފޭބިއެވެ. ހަރުކޮށް ހިނގާލާފައި އޭނަ މިސްރާބުޖެހީ ގެސްޓް ރޫމަށެވެ. އެތަނުން ފެނުނު އަނދިރިކަމާއެކު ޤައިލާ އަދިވެސް ގެއަށް ނާންނަކަން ޔަޤީންކުރެވުނެވެ. ކަންބޮޑުވުމުން އަސަލްގެ ދެލޮލުން ފާޅުވެލިއެވެ. ކުރިން ފޮނުވި މެސެޖު ބަލާފައި ނުވާތީ ޤައިލާއަށް އަސަލް ގުޅިއެވެ. ފޯނު އޮތީ ނިއްވާލާފައެވެ.
އަސަލް އިށީނީ ބޮޑުކޮޓަރީގެ ސޯފާގައެވެ. އޭނަ ހުރީ ހިތްނުތަނަވަސްވެފައެވެ. ޤައިލާގެ ރައްކާތެރިކަން ކަށަވަރުނުވާތީއެވެ. ޤައިލާ ވީތަނެއް އޮޅުންފިލުވާނެ ގޮތެއް ނޭނގި މީހާ ހާސްވެއްޖެއެވެ. ދަންވަރަށްވުމުން ޤައިލާގެ ދެން ތިބި އެކުވެރިންނަށް ގުޅައިގެން އޮޅުން ފިލުވޭކަށް ވެސް ނެތެވެ. އަނެއްކޮޅުން ޤައިލާގެ އިންތިޒާރުގައި ނިދި ނަގާލެވޭކަށް ވެސް ނެތެވެ. މާދަމާ ހެނދުނާ އޮތް މީޓިންގްގެ ސަބަބުންނެވެ.
ބޮލުގެ ފުއްކިބައިން ފެށިގެން ގޮސް ލޮލުގެ ފަހަތަށް ވާހެން ތޫނު ރިހުމެއް އުފެދެފައިވާހެން އަސަލްއަށް ހީވިއެވެ. ކަރުނަވަޅުގައި ބޮޑުވާ އިނގިލި ޖައްސާ ބާރުކޮށްލެވުނެވެ. އަސަލްއަށް ނިދުނީ ސޯފާގައި އިންދައެވެ. ދެވަނަ ފަހަރަށް ސިހިފައި ހޭލެވުނީ އެލާމަށެވެ. ކަންނެތް ކަމާއެކުގައި ލޯހުޅުވާލަމުން ކަނދުރާގައި ފިރުމާލެވުނީ ކަނދުރާއަށް ނާރެއް އަރާފައިވުމުންނެވެ. އާފުރެމުން ކޮޓަރިއަށް ވަންނަން އަސަލް ހިނގައިގަތީ ލަސް ފިޔަވަޅުތަކެއްގައެވެ.
*****
ހެނދުނާ އޮފީހަށް ގޮސްފައި ވެސް ޤައިލާއަށް ގުޅަން އަސަލް މަސައްކަތްކުރިއެވެ. ކައިވެނި ނިމުމަކާހަމައަށް އައިސްފައި ވިޔަސް، ރޭއްސުރެން ޤައިލާގެ ޚަބަރެއްނުވާތީ އަސަލް ހުރީ ހާސްކަމެއްގެ ތެރޭގައެވެ. ޤައިލާ ފޯނު ނިއްވާލީ އޭނައަށް އަދަބެއް ދޭންހެން ވެސް އަސަލްއަށް ޝައްކު ކުރެވުނެވެ.
ރިދާއަށް އަސަލް މެސެޖެއް ފޮނުވިއެވެ. ޤައިލާގެ ޚަބަރެއްވުމުން އަންގާލުމަށް އެދިއެވެ. އެދެމެދުގައި މައްސަލަ ޖެހިގެން އުޅޭކަން ރިދާއަށް ދުރާލާ އެނގޭތީ ވެސް މެއެވެ. ދެންތިބި ޤައިލާގެ އެކުވެރިންގެ ގާތުން އޮޅުންފިލުވަން ހަދައިގެން ބޮޑު ހައިޖާންގަނޑެއް އުފެދޭކަށް އަސަލް ބޭނުމެއް ނުވިއެވެ.
ދާމިން ވެސް އޮފް ދުވަހަކަށްވުމުން އަސަލް ހުރީ އޭނަގެ ނުތަނަވަސްކަން ހިއްސާކުރާނެ މަގެއް ނޭނގިފަ އެވެ. މީޓިންގް ތާވަލުކުރެވުނު ގަޑީގެ ކުރިން ކުންފުނީގެ މެނޭޖަރު މޫސާ ވެސް އަސަލްއާއި ބައްދަލުކުރިއެވެ. މުހިންމު މީޓިންގްއަކަށްވުމުން ތައްޔާރީތައް ބަލައިލުމަށެވެ. މޭޒު މަތީ ފޯނު ބާއްވަމުން އަސަލްގެ ސަމާލުކަން ހުއްޓާލީ މޫސާ އަށެވެ. ލެޕްޓޮޕް މޫސާއާއި ދިމާއަށް އަނބުރާލަމުން އޭނަ ފެށިއެވެ.
އަސަލްގެ މަސައްކަތާއި މެދު މޫސާ ހުރީ ހިތްހަމަޖެހިފައެވެ. ޕްރެޒެންޓާޝަން ބަލަމުން ތައުރީފު ކޮށްލިއެވެ.
''އޯހ، ހަނދާން ނެތިފައޭ މިހުންނަނީ، އަސަލްގެ އަހަރީ ދުވަހުގެ ޗުއްޓީ ފައިނަލް ކުރަން ޖެހޭނެ، މިހާރު ސުޕަވައިޒަރުންގެ ތެރެއިން ހަމައެކަނި އަސަލް ޗުއްޓީ ޕްލޭން ނާޅާ ތިއުޅެނީ...'' އަސަލްގެ ކެބިންއިން ނިކުތުމުގެ ކުރީން މޫސާ ބުންޏެވެ. ''މިއަދު ޗުއްޓީ އަޅާލައްޗޭ...''
އަސަލް ބޯޖަހާލިއެވެ. މޫސާ ނިކުމެގެން ދިއުމާއެކުގައި އަސަލްގެ ތުންފަތުގައިވި ހިނިތުންވުން މިލައިފިއެވެ. މޫނަށް ވެރިވީ މާޔޫސްކަމުގެ އަސަރެވެ. އަހަރީ ދުވަހުގެ ޗުއްޓީ ކައިވެންޏަށް ހަ މަސްވުމުގެ އުފަލާއި އުޅުވާލަން އަސަލް ހުރީ ގަސްދުކޮށްގެންނެވެ. އެއީ މީގެ މަހެއް ކުރިންނެވެ. ޤައިލާއާއި އޭނަގެ ދެމެދަށް ވެރިވި ދުރުކަމަށް ނިމުމެއް ގެނެސްދެވިދާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް އެއީ ވުން މުސްތަހީލުކަމެއްކަން ސާބިތުވެގެން ގޮސްފިއެވެ.
ލެދާރ ގޮނޑީގެ ތެރެއަށް އަސަލްއަށް ހަށިގަނޑު ދޫކޮށްލެވުނެވެ. އަތުކުރީ އޮތް ގަޑިއަށް ވެސް ބަލައިލެވުނެވެ. މީޓިންގްއަށް ދާން ގަޑިއެއްހާއިރު ބާކީ އޮތެވެ. އަސަލްއަށް ލޯ މަރާލެވުނެވެ. ނިންޖާ ތައްޔާޖެހެން ފެށުމުން އަސަލް ގޮނޑިން ތެދުވުނެވެ. އޭނަ ހިނގައިގަތީ އޮފީހުގެ ޕޭންޓްރީ ބަޔާ ދިމާއަށެވެ. ކޮފީއެއް ބޯލާށެވެ. ފަތިހު ހޭލީއްސުރެން އެއީ ތިން ވަނަ ކޮފީ އެވެ.
ޕޭންޓްރީގައި ހުރި ކޮފީ ޕޮޓުން ޖޯޑަކަށް ކޮފީ އަޅާލަމުން ހަކުރުލުމެއް ވެސް ނެތި ކަޅު ކޮފީ ބޯން ފެށިއެވެ. ޕޭންޓްރީގެ ތިރި ކެބިނެޓްގައި ބުޑު ޖައްސާލަމުންނެވެ. އެއްއަތުން ކޮތީ މަގު ހިފަހައްޓައިގެން ހުރިއިރު އަނެއް އަތްވަނީ ފަޓުލޫނުގެ އަރިމަތީ ޖީބުގައެވެ. އަސަލްގެ ފިރިހެންވަންތަކަމަށް ކިރިޔާ ވެސް ފަނޑުކަމެއް ގެނެންސްދެނީ ނިދި ނުލިބި ދެލޮލުން ފެންނަ ވަރުބަލިކަމުންނެވެ.
ހިތިކޮފީގެ ރަހައިން އަސަލް ހޭލައްވާލުމުގައި ކަމިޔާބު ހޯދިއެވެ. ކޮފީބޮމުން އޭނަ ވިސްނީ މޫސާ ބުނި ވާހަކައާއި މެދުގައެވެ. ޗުއްޓީއަށް ރަށަށް ދާން އަސަލް ނިންމީ އެދަނޑިވަޅުގައެވެ. ޢާއިލާއަށް ހުރިހާ ކަމެއް ބުނެދޭން ފަސޭހަވާނެތީއެވެ. ފަހަރަކު ކަމެއް ލަސްލަހުން ހަމައަކަށް އެޅިދާނެކަމަށް އަސަލް ޤަބޫލުކުރިއެވެ.
*****
މީޓިންގް ހަމަޖެހުނީ ''އޮޑެސީ ވޮޔޭޖެސް'' އިން ހުޅުމާލޭގައި ހުޅުވި ލަގްޒަރީ ހޮޓެލް ''ރިޓްރީޓް''ގައެވެ. މާލޭގައި ހުންނަ ކުންފުނީގެ މައި އޮފީހުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށް ދާތީ ފަހު ވަގުތު މީޓިންގް އޮތް މަންޒިލް ބަދަލުކުރެވުނީއެވެ. ހޮޓެލްގެ ޕާކިން ޒޯންގައި ކާރު ޕާކުކޮށްލަމުން ބެކްޕެކާއި، ފައިލުތައް ހިފައިގެން އަސަލް ކާރުން ފޭބިއެވެ. އޭނަ ހިނގައިގަތީ ލޮބީގެ މައި ދޮރާއި ދިމާއަށެވެ. މެންދުރު އަތަށް އަޅާލާފައިވުމުން އިރުގެ ހޫނުކަން އިންތިހާއެވެ. ވިލާ ރޮއްޖެއްގެ މިންވަރު ވެސް އުޑުމަތިން ފާޅެއް ނުވެއެވެ. އަސަލްގެ ނިއްކުރިން ހިސާބަކަށް ދަލުގެ އަސަރު ފާޅުވެލިއެވެ.
ކުރިއަށް ހިނގަމުން ދިޔަ އަސަލްގެ ފިޔަވަޅުތައް މަޑުޖައްސާލެވުނީ އޭނައަށް ފެނުނު މަންޒަރަކުންނެވެ. ފުރަތަމަ އަސަލްއަށް ޤަބޫލެއް ނުކުރެވުނެވެ. ފަސްއެނބުރި ބަލައިލެވުނީ ޔަޤީންކޮށްލެވުމުގެ ނިޔަތުގައެވެ. އެއާއެކު އަސަލްއަށް ހުރެވުނީ ލޯކުރިމަތިން ނިއުޅެމުންދާ މަންޒަރުތަކަށް ބަލަހައްޓައިގެންނެވެ. އަތުގައި އޮތް ފައިލުގައި އަސަލްއަށް ހިފަހައްޓައިގެން ހުރެވުނީ ބާރަށެވެ. އިނގިލީގެ ކުޑަހުޅުތައް ވެސް ހުދުވެއްޖެއެވެ. އަސަލްގެ މޫނަށް ވެރިވާން ފެށީ ރުޅިވެރިކަމުގެ އަސަރެވެ. އޭނަގެ ލޯކުރިމަތީގައި ޤައިލާ އިތުރަށް ބޭޒާރުވުން ނުންކަމެއް ނުވެއެވެ. ޤައިލާ ވީތަނެއް ނޭނގި ހާސްވެ ވަގުތު ބޭކާރުކުރެވުނީތީ އެކަމާ އަމިއްލަ ނަފުސުދެކެ އަސަލްއަށް ރުޅި އާދެވުނެވެ.
އޮޅުވާލުމާއި މަކަރުވެރިކަމުގެ ޤައިލާއަށް އެވޯޑެއް ދިނުން ހައްޤެވެ. އޭނަގެ ބޮލުގައި ބޭވަފާތެރިކަމުގެ ދޮގު ތުހުމަތު އަޅުވައި އޭނައާއި ދިމާއަށް ބަސްބުނަން ޤައިލާ ލަދެއް ނުގަނޭބާވައޭ އަސަލްގެ ހިތަށް އެރިއެވެ. އެއީ ޤައިލާގެ ހުތުރު އަމަލާއި ފަސްބައިގައި ލެވިފައިވާ ލައްގަނޑުތައް ފޮރުވަން ބޭނުންކުރި ނުބައި އުކުޅެކެވެ. ޤައިލާއަށް އިތުބާރުކުރެވުނީ އޭނަގެ މޮޔަކަމުންނެވެ. ހިތުގައި ކުރިން އޮތް ޝައްކުތަކުގެ ތެދުކަން ސާބިތުވެގެން ދިޔައީއެވެ. ޤައިލާއަށް ލިބޭ މެޖެސުތަކުގެ ސިއްރުތައްވެސް ހާމަވީއެވެ. މިކަންތައް އޭނަގެ ލޮލަށް ފެނުމަށް ތަޤުދީރުގައި ލިޔެވިފައިވުމުން އެމަންޒިލާ ހަމައަށް އާދެވުނީ އެވެ. ކޮންމެ ކަމެއްގެ ފަހަތުގައިވެސް ހިކުމަތެއް ފޮރުވިފައިވާނެއެވެ.
ލޫކަސްގެ ގައިގައި އަރިމަތިން ބައްދާލައިގެން ހުރި ޤައިލާ އެރީ ލޫކަސްގެ ކާރަށެވެ. އެދެމީހުން ވެސް ތިބީ އަސަލްއަށް ފުރަގަސް ދީގެންނެވެ. އެހެންކަމުން އަސަލް ނުފެނުނެވެ. އެހެންނޫނަސް މުޅިން އެހެން ދުނިޔެއަކަށް ގެއްލިފައެވެ. ހާމަކަން ބޮޑު މާހައުލެއް ނަމަވެސް ގައިގޯޅިކަމަށް ބަދަލެއް ނާދެއެވެ. ޤައިލާ ހީވަނީ ލޫކަސްގެ ހަށިގަނޑާއި ގުޅިލާމެހެން އުޅޭހެންނެވެ. ވައި ރޯޅިއަކަށް ވެސް ވަދެވޭނެ ޖާގައެއް އެދެމެދުގައި ނެތެވެ. ލޫކަސްގެ އަތްވަނީ ޤައިލާގެ އުނަގަނޑުން ތަންކޮޅެއް ތިރީގައެވެ. ލާނެއް ސަމާސާއެއް ކޮށްލީއެވެ. އޭނަގެ ތުންފަތް ޤައިލާގެ ކޯތާފަތާއި ކައިރިކޮށް ބޮސް ދިނެވެ. ޤައިލާ އެކަމާއި ނުހަނު ގަޔާވިއެވެ.
ދުރުން ވެސް ޤައިލާގެ ލަދުރަކި ހުނުމުގެ އަޑު އަސަލްގެ ކަންފަތާއި ހަމައަށް ފޯރިއެވެ. ޚިޔާލުތަކުގެ ވާފަށް ބުރިވެގެން ދިޔައީ ދެނެވެ. އޭރު ޤައިލާ ކާރަށް އަރަނީ އެވެ. އަސަލް ވަގުތުން ދިނީ ފުރަގަހެވެ. އޭގެ ކުރިން އަސަލް ފޮޓޯއެއް ނެގިއެވެ. ޤައިލާއާއި ކުރިމަތިލާއިރުގައި ހެއްކަކަށެވެ. ޤައިލާ ދަސްވެފައިވާތީއެވެ.
ޤައިލާއާއި އެޒުވާނާ ނިކުމެގެން އައީ ހޮޓެލުންކަން އަސަލްއަށް ޔަޤީންކުރެވުނެވެ. ރޭ ހަތަރުދަން ޤައިލާ ހޭދަކުރީ އެޒުވާނާއާއިއެކުގައިކަން އެދެމެދުގައި އޮތް ގައިގޯޅިކަމުން އަސަލް ދެނެގަތެވެ. އެއާއެކު އަސަލްގެ މޭނުބައިކުރާ ގޮތް ވެއްޖެއެވެ. ޤައިލާގެ ބޭވަފާތެރިކަމާ މެދުގައި އޭނަ ހައިރާނެއް ނުވެއެވެ. ޤައިލާގެ ހަޤީޤަތް ހާމަވެގެން ދިޔައީތީއެވެ. ނަމަވެސް ފެނުނު މަންޒަރުތަކުން އަސަލް ދެރަނުވެޔޭ ބުނެފިނަމަ ވާނީ ދޮގަކަށެވެ. ރުޅިއާއި ހިތާމައިގެ ކުލަވަރު މޫނުން ފާޅުވީ އެހެންވެގެންނެވެ. އެއްއިރެއްގައި ޤައިލާދެކެ ވެވުނު ލޯބީގެ ހިތިކަމެވެ.
(ނުނިމޭ)
ދޭނުހޭ ކަލާ
ދެރަނުވޭ އަސަލް. އެއަންހެނާ އަށްޓަކައި ރޯނެކަމެއް ނެތް. ތިކަމުން ސަލާމަތްވީމަ މާބޮޑަށްވެސް އަސަލްއަށް ހަމަޖެހުން ލިބޭނެ. ވާހަކަ ވަރަށް ރީތި.
ހަޔާ - 1 އަހަރު ކުރިން