ބައިލައްކައެއްހާ ދިވެހިން އެތައް މިލިއަނެއް އިންވެސްޓް ކުރި، ޕިރަމިޑް ސްކީމް ޖީއެމްސީ ނުވަތަ ޖެމްކިޔު އިން ފައިސާ ނުނެގި ހަތަރު ވަރަކަށް ދުވަސް ވެފައިވަނިކޮށް އެ ސްކީމް އެންމެ ފަހުން ހުއްޓާލައިފިއެވެ.
އެ ސްކީމް ހިންގުމަށް ބޭނުންކުރާ ރަސްމީ ޓެލެގްރާމް އެކައުންޓުގައި އެޑްމިން އެއް ކޮށްފައިވާ މެސެޖެއްގައި ވަނީ، ޖެމްކިއުގެ މާކެޓިން ޑިޕާޓްމަންޓުގެ ފަރާތުން ޖަވާބެއް ނުލިބޭތީ އެ ސްކީމާ މެދު އުންމީދު ގެއްލިފައިވާ ކަމަށެވެ. ޖެމްކިއުގެ އެޕްލިކޭޝަނަށްވެސް ވެބް މެދުވެރިކޮށްވެސް މިހާރު ނުވަދެވެއެވެ.
އެނގިފައިވާ ގޮތުގައި އެ ސްކީމަށް އިންވެސްޓް ކުރި މީހުންގެ ފައިސާ ދެން ނުލިބޭނެ އެވެ. އަދި ފުލުހުން މެދުވެރިކޮށް އެކަން ކުރަން ބެލި ނަމަވެސް އެއީވެސް ވާނެ ކަމެއް ނޫނެވެ. ސަބަބަކީ ޖެމްކިއުގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުންކުރަނީ އޮންލައިން ކަރަންސީއަކަށް ވުމާއި އެ ސްކީމަކީ ފްރީ ޑޮމައިންތަކުގައި ރަޖިސްޓްރީކޮށް ހިންގާ ސްކީމެއް ކަމަށްވުމުންނެވެ.
އެނގިފައިވާ ގޮތުގައި ޖެމްކިއު ހުއްޓާލައި އެ މީހުން ވަނީ އާ ޕޮންޒީ ސްކީމެއް ޕްރޮމޯޓްކުރަން ފަށައިފައެވެ. އަލަށް ފެށި "ކުއަންޓް ޕޭކް" ގައިވެސް އިސްކޮށް ހުރީ ޖެމްކިއުގައި ވެސް އިސްކޮށް އުޅުނު "ޝަހޭ މަދު" ކިޔާ މީހާ މީހެކެވެ.
ޖެމްކިއު ސްކީމަކީ، މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން ރާއްޖޭގައި ހިންގަމުން އަންނަ ޕިރަމިޑް ސްކީމެކެވެ. އެއީ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދައްކާ ސްކީމެކެވެ. އެ ސްކީމަށް ދިވެހީންގެ ތެރެއިން 41000-47000 އާ ދެމެދުގެ އަދަދެއްގެ ދިވެހިން ފައިސާ ޖަމާކުރަމުންދާކަން ޖެމްކިއުގެ ރަސްމީ ޓެލެގްރާމް ގްރޫޕުން ސާފުވެއެވެ. ބައެއް މީހުން ވަނީ މިލިއަނުން އެ ސްކީމަށް އިންވެސްޓްކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގައިވާ ގޮތުން ޖެމްކިއު ފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަން ވާނީ ސީއެމްޑީއޭގައި ރަޖިސްޓަރީކޮށް ހުއްދަ ނަގައިގެން ކަމަށެވެ. ނަމަވެސް ޖެމްކިއުއަކީ އެފަދަ ހުއްދައަކާ ނުލައި ހިންގަމުންދާ ޕިރަމިޑް ސްކީމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޖީއެމްސީއީ ހުއްޓާލިއިރު، އެފަދަ އެތައް ޕިރަމިޑް ސްކީމެއް ރާއްޖޭގައި އެބަ ގެންގުޅެއެވެ. އެފަދަ ބައެއް ސްކީމްތައް ވަނީ ޖީއެމްސީއާއެކު ހުއްޓާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު