ރައީސް ޑޮނަލްޑް ޓްރަމްޕު ތަކުރާރުކޮށް އެބަ ވިދާޅުވެއެވެ. އިންޑިޔާ އާއި ޕާކިސްތާނުގެ ހަނގުރާމަ ދިގުލައިގެންދިޔަ ނަމަ އެ ހަނގުރާމަ ބަދަލުވެގެން ދިޔައީހީ ނިއުކުލިއާ ހަނގުރާމަ އަކަށެވެ. އެފަދަ ހަނގުރާމައެއް ނުފެށި ހުއްޓުވީ އޭނާއެވެ. އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތް ކޮށްދިނީ އޭނާއެވެ. މިހެން ވިދާޅުވެފައި ޝަކުވާ އެބަ ކުރައްވައެވެ. މިހާ މުހިންމު ކަމެއް ކޮށްދިންއިރު ދުނިޔޭގެ އެއްވެސް ބަޔަކު އެކަމުގެ އަގު ވަޒަނެއްނުކުރެއެވެ. އޭނާއަށް ކްރެޑިޓެއް ނުދެއެވެ. ދުނިޔޭގެ ސުލްހައަށްޓަކައި އޭނާ ކޮށްދިން މަސައްކަތް ބަލައިގަނެ ނޯބަލްގެ ސުލްހައިގެ އިނާމަށް އޭނާގެ ނަން ހުށަހެޅުމަކަށްވެސް ނުވިސްނައެވެ. ރައީސް ޓްރަމްޕު މި މޭރުމުން ޝަކުވާ ކުރައްވާތާ މަހެއްވީ ފަހުން ކޮންމެވެސް ބަޔަކު އޭނާގެ ވާހަކަ އަޑުއަހައިފިއެވެ. ކޮންބައެއް ކަމަށްތޯއެވެ. ޕާކިސްތާނުންނެވެ. ޕާކިސްތާނުން އެބަ ބުނެއެވެ. ނޯބަލްގެ ސުލްހައިގެ އިނާމަށް ރައީސް ޓްރަމްޕުގެ ނަން ހުށަހަޅާނަމެވެ. އެއީ އޭނާއަށް ހައްގު އިނާމެކެވެ. އެވޯޑެކެވެ.
ކޮންމެއަކަސް މިއީ ވަރަށް ގިނަ ބަޔަކު ހައިރާންވާނެ ކަމެކެވެ. ދުނިޔޭގެ ސުލްހަޔާއި ހަމަޖެހުމާ ގުޅޭ ކަންކަން މިހާރު ކޮމެޑީ ޑްރާމާޔަކާ އެއްވަރުވީ ހެއްޔެވެ. މިކަން ހިނގައި ދިޔަ ގޮތަށް ބަލައިލަމާބަހީއެވެ. އިންޑިޔާއާއި ޕާކިސްތާނަކީ ނިއުކުލިއަރ ދެބާރެވެ. ގިނަ އަދަދެއްގެ ނިއުކުލިއަރ ވޯހެޑް ދެ ގައުމުގައިވެސް އެބަ ހުއްޓެވެ. ހުސްވި މެއި މަހު ކުރީކޮޅު އިންޑިޔާ އިން އިސްވެ ޕާކިސްތާނަށް ހަމަލަދިނުމާ ގުޅިގެން ދެ ގައުމުގެ މެދުގައި ހަތަރު ދުވަހަށް ދެމިގެންދިޔަ ހަނގުރާމައެއް ކުރެވުނެވެ. މުޅިން ކަހަލަ ގޮތަކަށް ވައިގެ ހަނގުރާމައެކެވެ. ހަނގުރާމައިގެ ހަތަރުވަނަ ދުވަހު ޓްރަމްޕު ހޯހޯއޭ ގޮވައިފިއެވެ. މި އަޑު އަހައި އިންޑިޔާ އާއި ޕާކިސްތާނުވެސް މައިތިރިވެ ހަނގުރާމަ ހުއްޓައިލީ ކަމަށް ޓްރަމްޕު އިއުލާން ކުރައްވައިފިއެވެ. ދެކެވުނު ވާހަކައެއް، ވީއެއްޗެއް، ސަބަބެއް އެހެން ބަޔަކަށް ނޭނގެއެވެ. މޭރުންވާ އެއްޗަކީ ހަނގުރާމަ ހުއްޓިފައިވާ ކަމެވެ. އޭގެފަހުން ދެން އިވެންފެށީ ޓްރަމްޕުގެ ޝަކުވާތަކުގެ އަޑެވެ. ނޯބަލްގެ ސުލްހައިގެ އިނާމަށް އޭނާގެ ނަން ހުށަނާޅައިގެން އެކަމުގެ ޝަކުވާއެވެ.
ތަކުރާރުކޮށް ޓްރަމްޕު ވިދާޅުވަމުން ގެންދަވައެވެ. އަހަރެން ނިއުކުލިއަރ ހަނގުރާމައެއް ހުއްޓުވައިފީމެވެ. އެކަމަކު އެއްވެސް ބަޔަކު އެކަމުގެ ކްރެޑިޓް އަހަންނަކަށް ނުދެއެވެ. ކޮންކަހަލަ ބައެއް ހެއްޔެވެ. މިދުނިޔެއަކީ ކޮންކަހަލަ ތަނެއް ހެއްޔެވެ. އެއްމަސް ފަހުންވިޔަސް ޕާކިސްތާނުން މިހާރު މި އަޑު އަހައިފިއެވެ. އަދި ޓްރަމްޕުގެ ބަސް ތެދުކޮށްފިއެވެ. ހަނގުރާމަ ހުއްޓުނީ ޓްރަމްޕުގެ ސަބަބުންކަމަށް ބުނެ ހެކިބަސް ދީފިއެވެ. އެކަމަކު ހަނގުރާމައިގެ މައިދާނުގެ އަނެއްފަޅީގައިއޮތް އިންޑިޔާ މިކަމަށް އެއްބަހެއް ނުވެއެވެ. އިންޑިޔާގެ ބުނުމަކީ މިއެވެ. ކޮން ޓްރަމްޕެއް ހެއްޔެވެ. އޭނާއާ ބެހޭ ކަމެއްވެސް ނޫނެވެ. ހަނގުރާމަ ހުއްޓައިލުމުގެ ނިންމުމަކީ ދެ ގައުމުގެ އަމިއްލަ ނިންމުމެކެވެ. އިންޑިޔާ އާއި ޕާކިސްތާނުގެ ނިންމުމެކެވެ. މިކަމުގައި އިންޑިޔާ އާއި ޕާކިސްތާނުގެ ބުނުން ތަފާތުވަނީ ކީއްވެގެން ހެއްޔެވެ. މިކަމުގައިވެސް ދެ ގައުމުގެ މަސްލަހަތު ތަފާތުވަނީ ހެއްޔެވެ. ޔަގީނާ ގާތަށް ގަބޫލުކުރެވޭ ގޮތުގައި ޕާކިސްތާނުގެ ބޭނުމެއް އެބައޮތެވެ.
އިންޑިޔާއާއި އެމެރިކާގެ ގުޅުން މިވަގުތު އެހައި ރަގަޅެއް ނޫނެވެ. މިކަމުގެ ސިއްރަކީ ޕާކިސްތާނާ ދެކޮޅަށް އިންޑިޔާއިން ފެށި ހަނގުރާމައަށް އެމެރިކާގެ ތާއީދު ނުލިބުމާއި އުންމީދުކުރި ކަހަލަ އެހީތެރިކަންވެސް ނުލިބުމެވެ. އަދި ޑިޕްލޮމަސީގެ މައިދާންތަކުގައި އެމެރިކާއޮތީ ޕާކިސްތާނާއެކު ކަމަށް ހީކުރެވޭގޮތް ވުމެވެ. މި ރުޅިގަޑު އިތުރަށް ވަރުގަދަވެގެން ދިޔައީ އެމެރިކާގެ މިނިވަންދުވަހުގެ މުނާސަބާގައި ވެރިރަށް ވޮޝިންޓަނުގައި މިމަހު ބޭއްވުނު އަސްކަރީ ބޮޑު ޕެރޭޑު ޝަރަފުވެރިކޮށް ދެއްވުމުގެ ދައުވަތު ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރަށް އެރުވުމެވެ. އޭނާ ވޮޝިންޓަނަށް ވަޑައިގަތީމާ ރައީސް ޓްރަމްޕު އޭނާއަށް ތައުރީފު ކުރައްވައި ވަކިން ބައްދަލު ކުރައްވައި އަދި އޭނާގެ ޝަރަފުގައި ފަރިއްކޮޅެއްވެސް ދެއްވައިފިއެވެ. މިއީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެމެރިކާއަށް އެންމެ މުހިންމު ގައުމުތަކުގެ އެންމެ އިސްވެރިންނަށް ނޫނީ އެމެރިކާއިން ދޭ ޝަރަފެއް ނޫނެވެ. އިއްޒަތެއް ނޫނެވެ.
ވަކިން ޚާއްސަކޮށް ބޭރު ގައުމެއްގެ އަސްކަރިއްޔާގެ ވެރިޔަކަށް މިޒާތުގެ ޝަރަފު އެރުވުމެއް ނޯވެއެވެ. އާދަވެގެން އަމަލުކުރެވުމުން އަންނަ އުސޫލުތައް މުގުރައިލުމަށްފަހު އެމެރިކާއިން މިފަހަރު އިޚުތިޔާރުކުރީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރެވެ. އިންޑިޔާ އާއި ޕާކިސްތާނުގެ ހަނގުރާމައަށް އެއްމަސް ފަހުންނެވެ. އުދާސްތައް ތާޒާކަންމަތީގައި ހުއްޓައެވެ. އިންޑިޔާއިން ބުނާގޮތުގައި އާސިމް މުނީރަކީ އިންޑިޔާގެ ކަޝްމީރުގެ ޕަހަލްގަމުގައި ޓެރަރިސްޓް ހަމަލާއެއް ރޭވުމުގެ މޭސްތިރިއެވެ. އޭނާއަކީ ގުރުއާން ހިތުދަސް ހާފިޒަކަށްވާތީ އިންޑިޔާގެ ނޫސްތަކުންނާއި ސިޔާސީ މީހުން ކިޔަނީވެސް މުއްލާ އާސިމް މުނީރެވެ. މިވަގުތު އިންޑިޔާ އެންމެ ރުޅިއަންނަ މީހަކީ އެއްވެސް ޝައްކެއްނެތި އާސިމް މުނީރެވެ. އެހެންވީމާ މިކަން އިންޑިޔާއަށް ހަޖަމުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެތާއެވެ. އެގިފައިވާ ގޮތުގައި ނޯބަލްގެ ސުލްހައިގެ އިނާމަށް ރައީސް ޓްރަމްޕުގެ ނަން ހުށައެޅުމުގެ ވާހަކަތައް ފީލްޑް މާޝަލް އާސިމް މުނީރުގެ އެމެރިކާ ދަތުރުފުޅުގައިވެސް ރައީސް ޓްރަމްޕާއެކު ވަނީ ދެކެވިފައެވެ.
ނޯބަލްގެ ސުލްހައިގެ އިނާމަށް ކެންށިޑޭޓުންގެ ނަން ހުށައެޅުމުގެ ފުރުސަތު އޮންނަނީ ހަމައެކަނި ގައުމުތަކުގެ ސަރުކާރަށެވެ. އެއީ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ފަރުދުންނަށް ކުރެވޭ ކަމެއް ނޫނެވެ. ކޮންމެއަކަސް ޕާކިސްތާނުގެ ސަރުކާރުން އިއްޔެ އާއްމުކުރި ބަޔާނެއްގައި ޓްރަމްޕުގެ ނަން ނޯބަލް ޕީސް ޕްރައިޒަށް ނޮމިނޭޓްކުރާނޭ ކަމަށާއި މި އިނާމަށް އޭނާއަށްވުރެ ހައްގުކަން ބޮޑު އެހެން މީހަކު ނުވާ ކަމަށް ވަނީ ބުނެފައެވެ. ޕާކިސްތާނުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. އިންޑިޔާ ރުޅިއެރުވުމާއި ސިޔާސީގޮތުން ކުރިފަސް ހޯދުމަކީ ބޭނުމެކެވެ. މިކަމުން އެ މަގުސަދު އެބަ ފުރިހަމަވެއެވެ. ދެންއޮތީ އެންމެ މުހިންމު ސަބަބެވެ. ރައީސް ޓްރަމްޕުގެ ނަން އީރާނުގެ އަވަށްޓެރި އިސްލާމީ ގައުމަކުން ނޯބަލްގެ ސުލްހައިގެ އިނާމަށް ނޮމިނޭޓްކޮށްފައި ވަނިކޮށް އީރާނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް އީރާނަށް ހަމަލަދޭން ޓްރަމްޕަށް ކެރިދާނޭ ބާވައެވެ. ކެރިދާނެއެވެ. އެކަމަކު މިއީ މައިތިރިވެގެން ހުންނަން ޓްރަމްޕަށް ބާރުއަޅާނެ ކަމަކަށް ވާނެއެވެ. ޝައްކެއްވެސް ނެތެވެ. އެހެންވީމާ ޕާކިސްތާނުން އެކުޅެނީ ބޮލުގެ އެއްޗެއް ކަމަށް ހީކުރަން ފުރުސަތު އެބައޮތެވެ.
މުހައްމަދު ސިމާއު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ