ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް އަންނަ ޖުލައި 26 އަށް ހުޅުވުމުގެ ކައުންޓްޑައުންއެއް އެމްއޭސީއެލް އިން މިއަދު ފަށައިފި އެވެ.
އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރޭ ދަންވަރު 12 ޖެހިއިރު ކައުންޓްޑައުން ރަސްމީކޮށް ފައްޓަވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ. އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އަދި މުޖުތަބާ ލަތީފް އާއި ސީނިއާ މެނޭޖްމަންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް ފަރުމާކޮށްފައިވާ އާ ޓާމިނަލް ހުޅުވަން ނިންމާފައިވަނީ މި އަހަރުގެ ޖުލައި 26 ގައެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ ޝަރީފު ވިދާޅުވީ، އެމްއޭސީއެލްގައި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކުންފުނީގެ މުވައްޒަފުންގެ ހިތްވަރާއި ކެރުމާއި އަދި ކަމަކަށް ކުރިމަތި ލައިފިނަމަ އެކަމެއް ނިންމުމާމެދު އޮންނަ ޔަގީންކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.
ހުރިހާ މުވައްޒަފުންވެސް ފުރިހަމައަށް އެއްބާރުލުން ދީގެން، ރާއްޖެއަށް ކޮންދެމުން އަންނަ ގައުމީ މަސައްކަތް ކާމިޔާބުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށްވެސް ވިދާޅުވިއެވެ.
ޖުމުލަ 78،000 އަކަފޫޓު ބޮޑުމިނުގެ އެ ޓާމިނަލު ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނައިރު، އެމްއޭސީއެލް އިން ބުނާ ގޮތުން އެ ޓާނިނަލާ އެކު، އަހަރެއްގެ މައްޗަށް 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ޖާގަ ލިބޭނެ އެވެ.
އާ ޓާމިނަލްގައި އެއިރޯ ބްރިޖާއި ސެލްފް ޗެކިން ސިސްޓަމްތަކާއި އޮޓޯމެޓިކް ބެގޭޖް ހެންޑަލިންގް ސިސްޓަމްތަކުގެ އިތުރުން އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑެންސް ސިސްޓަމްތަކާއި އިމިގްރޭޝަންގެ 38 ކައުންޓަރާއި އިތުރު ހަތް ޗެކިން ކައުންޓަރު ހުންނާނެ އެވެ.
މުހައްމަދު ސިމާއު
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް