"ހެލީ އަކީ ގޯސް ކުއްޖެއްނޫން. މައްސަލައަކީ ދޮންބެއަށް ލޯބިވެވުނީ. ހެލީ އަށް ދޮންބެ ކަމުނުދަނީ. ހެލީގެ ހިތް އެމީހަކަށް ހާސިލްނުކުރެވޭ ކޮންމެ މީހަކީ އުނި މީހެއްކަން ޔަގީން. އެހެންވީމަ އެންމެ އުނި މީހަކީ ދޮންބެ" އެވާހަކަތައް ވި ކާން އިން ގާޔާ އާ ދިމާލަށް ބަލަން އިން ޒަމްރުގެ ހިތުގައެވެ.

****

ކޮޓަރި ޓަކިޖަހާލި އަޑަށް ހެޑުބޯޑުގައި ލެގިލައިގެން ފިކުރެއްގައި އިން ހެލީން ދިޔައީ ސިހިގެންނެވެ. އަވަސް އަވަހަށް ކުރުކޮށްލައިގެން އިން ދެފައި ދަމާލިއެވެ. ކުއިލްޓުން ދެފައި ނިވާކޮށްލީ އެތެރެއަށް ވަންނާނީ ޒަމްރު ކަމަށް ހީކޮށްފައެވެ. ދެވަނަ ފަހަރަށް ޓަކިޖެހުމުން އޭނާ ހަނދާންވިއެވެ. އޭނާ ގޮސް ދޮރުހުޅުވުމުން ނޫނީ ޒަމްރު ނުވަންނާނެއެވެ. ފޫހިކަމާއެކު ތެދުވެގެން އޭނާ ހިނގައިގަތެވެ. ދޮރުހުޅުވައިލުމަށްފަހު ސަމާލުކަމެއް ނުދީ އޭނާ އައިސް އެނދުގައި އިށީނެވެ. ކާއެއްޗެހި ރެކު ދަމަމުން އައި މާޔޫން ފެނުމުން އޭނާއަށް އެނދުގައި ހަށިގަނޑު ސީދާކޮށްލެވުނެވެ. ތިރިއަށް ދެފައި ބާލާފައި އެނދުގައި އިށީނެވެ. ކައިރީގައި މަރިއްޔާ އިށީނުމުން އޭނާ އިސްޖަހާލިއެވެ. އެގޮތަށް އޭނާ އިން ހިސާބަކަށް ކާއެއްޗެހި ހިފައިގެން މާޔޫން އައުމުން އޭނާ ކުޑަކޮށް ލަދުގަންނަ ގޮތްވެސް ވިއެވެ. ކުރިން ބަހެއް ބުނަންވެސް އޭނާއަށް ނުކެރުނެވެ.

"މިއަދު މަންމަ ހެދީ ހެލީ އަށް އެންމެ މީރު އެއްޗެހި" މާޔޫން ބުންޏެވެ.

ހެލީން ހައިރާންވިއެވެ. އޭނާއަށް މީރު އެއްޗެހި މިގޭ ހަތަރުފާރުން އެތެރޭގައި އުޅޭ އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެހެންވީއިރު މީރު އެއްޗެއް ހަދާކަށް ނޭނގޭނެއެވެ. ޒުނީނު ބުނި ކުޅިކޮށް ހަދާފަ ހުންނަ ތޮރަލާއެކު ރޮށި ހެލީއަށް ވަރަށް މީރުވާނޭ. މަންމަ އޭ ހެދީ. މީރު ނުވެއެއް ނުދާނެއްނު" މާޔޫން ވާހަކަދެއްކީ ހިނިތުންވެގެން އިނދެއެވެ.

"އެއީ ދޮގެއް. މިހާރު މީރެއް ނޫން" ހެލީން ބުންޏެވެ.

މާޔޫން ހިނިތުންވެލިއެވެ. ލޯތްބާއެކު ހެލީންގެ ޝޯލުގެ ދޮޅި ކައިރިން ރަނގަޅުކޮށްލިއެވެ. މާޔޫންގެ އެގާތްކަމުން ހެލީން އަށް އުނދަގުވިއެވެ. އޭނާ އެއިން މީހެއްގެ ގާތްކަމެއް ބޭނުންނުވެއެވެ.

"ވަގުތަށް އަންނަ ބަދަލާއެކު އިންސާނާގެ ރަހަ ބަދަލުވުމަކީ އެކަށީގެންވާކަމެއް. ހެލީ އަށް ރޮށި ނުބައިވެދާނެ ކަމަށް ހީކޮށްފަ މަންމަ މިއައީ ބަތް ވެސް ހިފައިގެން. ހިނގާ ދެމައިން ކަމާ. ދަރިފުޅާއެކު ކާންވެގެން މަންމަވެސް މިއިނީ ނުކައި" މާޔޫން ބުންޏެވެ.

"މަންމަ" ހެލީންގެ ދެލޮލުން ރޮނގެއްހެން ކަރުނައެއް ފައިބައިގެން ދިޔައެވެ. ދެތުންފަތް އޭނާ ބައްދާލިއެވެ. ވަރަށް ހިތަށް އަސަރުކޮށްލިއެވެ. 'މަންމަ' ގެ ނަމުން އޭނާ ގޮވަންވީ މީހަކު ﷲ ތައާލާ ދެއްވައިފިއެވެ. އެ ލަފުޒަށް އޭނާ ގަދަރުކުރެއެވެ. މަންމަގެ އަޅާލުމާ ލޯބި އޭނާ ބޭނުންވެއެވެ. ތައްޓަށް ކާއެއްޗެހި އަޅަން އިން މާޔޫން ބަލައިލުމުގެ ކުރިން އޭނާ ދެއަތުން ކަރުނަތައް ފޮހެލިއެވެ.

"ކާހިތެއްނުވޭ. ބަނޑުހައިވާނަމަ ތިރިއަށް ދިޔައިމުސް ކާން" ހެލީން ބުންޏެވެ.

"ސައްވިސް ގަޑިއރު ދެތިން ކޮފީ އިން އިންސާނަކަށް ހިފަހައްޓައިގެން ހުރެވިދާނެހެނެއް މަންމައަކަށް ހިއެއްނުވޭ. ހެލީ ބަނޑުހައިވިކަން މަންމައަށް އެނގޭ. އެހެންވީމަ މިފަހަރު ހިނގާ މަންމަ އަތުން ކާލަމާ ދޯ" މާޔޫން ބުންޏެވެ.

ރޮށިކޮޅަކާއެކު ނެގި ތޮރާކޮޅު ހެލީންގެ އަނގަ އާ ގާތަށް މާޔޫން ގެންދިޔައެވެ. އެ އަތަށް ބަލަހައްޓައިގެން ހެލީން އިނެވެ. އެ އަނގައަށް ލާކަށް އޭނާއަށް ނުކެރުނެވެ. ހިތަށް އެރިއެވެ. މިއަތް އޯގާތެރި އަތަކަށް ވެދާނެ ހެއްޔެވެ؟ މިއަތުން އޯގާތެރިކަމާ ލޯތްބާ އަޅާލުން ލިބިދާނެ ހެއްޔެވެ؟ ހުރިހާ މައިންވެސް އުޅެނީ މިހެން ހެއްޔެވެ؟ މަންމަ ކިޔަނީ މިކަހަލަ ހެޔޮ މައިންނަށް ހެއްޔެވެ؟

"މީރުވާނޭ. ރަހަ ބަލާލަބަލަ" ހީލަމުން މާޔޫން ބުންޏެވެ.

ހެލީން ލަދުގަތެވެ. އޭނާ އަނގަ ހުޅުވާލިއެވެ. މާޔޫން ލަވާލި އެތިކޮޅު ލަސްލަހުން އޭނާ ހަފަމުން ދިޔައެވެ. ދެވަނަ އެތިކޮޅުވެސް އޭނާ ކާލިއެވެ. ދެލޮލުން ކަރުނަ ނީރާލާއިރަށް އެއް އަތުން ފޮހެލައެވެ.

"މަންމަ ނުކަމެއްނު" ހެލީން ބުންޏެވެ.

މާޔޫން ގެ ހިތް އުފަލުން ފުރުނު ކަހަލައެވެ. ޒަމްރު އާ އިނދެގެން ހެލީން ގެއަށް އައިފަހުން މަންމާއޭ ބުނެ ހެލީން މުހާތަބްކުރި މިއީ ފުރަތަމަ ފަހަރެވެ.

"ކީކޭ ތިބުނީ" އަދި އެއްފަހަރު މާޔޫން ބޭނުންވީ ހެލީން އެހެން ބުނެލާ އަޑުއަހާލާށެވެ.

"މަންމަ ނުކާތީ މިބުނީ. މަންމަވެސް ކާންވާނެއްނު" ހެލީން ބުންޏެވެ.

މާޔޫން ހިނިތުންވެލިއެވެ. ޖަޒުބާތީ ބެލުމަކުން ހެލީން އަށް އޭނާ ބަލަން އިނެވެ. ހުސްކޮށް އޮތް އަތުން އޭނާ ހެލީންގެ އަތްތިލައިގައި ހިފަހައްޓާލިއެވެ.

"ގެނޭ އަހަރެން އަތަށް"

ތަށީގައި ހެލީން ހިފިއެވެ. ދެން އޭނާ އަމިއްލައަށް ކާން ފެށިއެވެ.

****

ކޮޓަރީގައި ޓަކިޖަހާލި އަޑު އިވުމާއެކު ފަހުމީ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ ނަހުމާ އެވެ. ނަހުމާގެ ބޮލުގައި ފިރުމާލުމަށްފަހު އެތެރެއަށް ވަންނަން ފަހުމީ ތަން ދެއްކިއެވެ. ހިތްހަމަނުޖެހިފައި އިން ނިގާރު ނިކަން އަވަހަށް ތެދުވެއްޖެއެވެ. ނަހުމާ އަށް ބަލއިލީ ހިތްހަމަނުޖެހުމުގެ ބެލުމަކުންނެވެ.

"ކަލޭގެ ބައްޕައަށް ކިޔުނު އެއްޗެހި މަދުކަމުންތަ ތިއައީ" ނިގާރު ބުންޏެވެ. ނަހުމާ އާ ދިމާލަށް ނިގާރު އެފަދައިން މުހާތަބު ކުރުމުން އެވަގުތުގައި ވެސް ފަހުމީ އަށް ނިގާރަށް ބަލައިލެވުނީ ހިތްހަމަނުޖެހިފައެވެ. ދަރިންގެ އިހުތިރާމާ ލޯބި ލިބޭނީ އެ އިހުތިރާމު ހޯދަން މައިންބަފައިން ވެސް އުޅުނު ވަރަކުންކަން އެތައް ފަހަރަކު ނިގާރަށް ހަނދާންކޮށްދެވިއްޖެއެވެ.

"އަހަރެން މިއައީ އެއްޗެހި ކިޔާކަށްނޫން. އާދޭސްކުރަން" ނަހުމާ ބުންޏެވެ.

ނިގާރު ހައިރާންވިއެވެ. އެއްފަހަރު ފަހުމީ އަށް ބަލައިލާފައި އަނެއްފަހަރު ބަލައިލީ ނަހުމާގެ މޫނަށެވެ.

"ހެޔޮނުވާނެ މަންމާ. ނައި އެއީ ކުޑަކުއްޖެއްނޫނޭ ކަންކަމަށް މަންމަ މަޖުބޫރު ކުރާކަށް. މަންމަމެން ލަދުގަންނަ ގޮތަކަށް އޭނަ ނޫޅެއެއްނު. ދެން ކޮންކަމެއް ތިއީ؟" ނަހުމާ މަސައްކަތްކުރީ އާދައިގެ މިނެއްގައި އޭނާގެ ވާހަކަތައް ބައްޓަންކުރާށެވެ. އިންފަހަނައަޅައި ގޮސް މަންމަގެ ކުރިމަތީގައި ޒުވާބުނުކުރަން އޭނާ ހުރީ ނިންމައިގެންނެވެ.

"ނަހުމާއަށް ކޯޗެއް އެނގެނީ. ދަރީން ކިތަންމެ އިސްކޮޅުން ދިގުވެފައި އުމުރު އަރައިގެން ދިޔަސް ދަރީން ދުވަހަކުވެސް މައިންބަފައިންނަށް ބޮޑެއްޗެއް ނުވާނެ. އަހަރެން ދެއްކި ވާހަކަތަކެއް ދެއްކީ ނައިޝަމް އަށް ރަނގަޅަކށް. އެހެންނޫނަސް އަހަރެން ބުނަން ނުވާވަރުގެ އެއްޗެއް ނުބުނަން" ނިގާރު އޭނާގެ އަމިއްލަ ދިފާއުގައި ބުންޏެވެ.

"ނައި ގެ ހާލަތު އެނގިހުރެ ނުޖެހޭ ހެލީން އާ ގުޅުވައިގެން މަންމަ ވާހަކަދައްކާކަށް. ނުޖެހޭ ނައި އަކީ ނަފްސާނީ ބަލި މީހެކޭ ކިޔާކަށް. ކިތައްދުވަހު މަންމަ ކައިރީގަ ބުނާނީ ނައި މޮޔައެއް ނޫނޭ. އޭނަ ރުޅިގަދަވަނީ މަންމަގެވެސް ގޮތުން. އަނެއްކޮޅުން އަބަދު އަބަދު ޔޫހާ އާ އިންނަ ވާހަކަ. އޭނަ ނޫޅޭ މީހަކާ ނީނދެވިގެނެއް" ނަހުމާ ބުންޏެވެ.

"އެއީ އަހަރެން ބޭނުންވާތީ އެކައިވެނި އޭނަ ކުރަން. ނަހުމާ މިކަމާ ބެހޭނެކަމެއް ނެތް. އަހަރެންގެ ދަރިން ރުއްސަން އަހަންނަށް އެނގޭ. އަހަރެން ދުވަހަކުވެސް ނޭދޭނަން އެ ކޫޑި ހެލީން މިގެއަށް ވައްދާކަށް. ފުރަތަމަ ދުވަހުވެސް އެއީ ރަނގަޅު އަންހެނެއް ނޫނޭ އަހަރެން ބުނީ މިދުވަސް އަންނާނެކަން އެނގޭތީ" ނިގާރު ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

"އަހަރެންވެސް މިއީ މަންމަގެ ދަރިއެއް. އަހަރެންގެ އުފާތައް މަންމަގެ ކުރިމަތީގަ އެއްވެސް އެއްޗަކަށް ނުވި. މިއަދާ ހަމައަށްވެސް އަހަރެން މިހުރީ މަންމަގެ ބަސްއަހާ ދަރީގެ ތާކިހާ ބޮލުގަ އަޅައިގެން މަންމަ ހިތްހަމަޖައްސައިދީގެން. އެކަމަކު އަހަންނަށް މެދު ކަންތައް ކުރި ގޮތަށް ނައި އާ މެދު ކަންތައް ކުރާކަށް އަހަރެން މަންމައަށް ފުރުސަތެއް ނުދޭނަން. އެއްބަނޑު އެއްބަފާ ދައްތަގެ ހިމާޔަތް އޭނައަށް ދޭނަން. ނައި އަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނަން. އެކަން މަންމަ ހަނދާންނައްތާނުލާނެކަމަށް އަހަރެން ހީކުރަން. ޔޫހާ މިގެއަށް ތިހާ ގެންނަން ބޭނުންވަންޏާ މާދަމާ ނާމީ އެބައާދެއެއްނު. ނާމީ އާ ޔޫހާ ގެ ކައިވެނީގެ ކަންކަން ނިންމާ. މަންމަގެ ނަޒަރުގައި ބުއްދި ސަލާމަތުން ހުރި މަންމަގެ ހަމއެކަނި ދަރިއަކީ އެއީއެއްނު"

ދެލޮލުން ފޭބި ކަރުނަތައް ފޮހެލުމަށްފަހު ނަހުމާ އައީ ނިކުންނަން ދޮރާ ދިމާލަށެވެ. އެނދގައި އިސްޖަހައިގެން އިން ފަހުމީ އޭނާއަށް ފެނުނީ ދެނެވެ. ބައްޕައަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އޭނާ ކޮޓަރިން ނިކުތެވެ.

"ފަހުމީ އަށް އިވިއްޖެތަ؟ ފެނިއްޖެތަ އެމީހުން ކުރިމަތީ މަގޭ ފެންވަރު. އަޅަކަށް ބަވާލާހެން ބަވާލާފަ އެދިޔައީ" ބުމަރެއްހެން އައިސް ފަހުމީގެ ފައި ކައިރީގައި ހުއްޓެމުން ނިގާރު ބުންޏެވެ.

"ނިގާރު ވެއްޖެއްނު ތިގޮތް ދޫކޮށްލަން" މިފަހަރުވެސް ފަހުމީ ހިތްހަމަނުޖެހުނީ ނިގާރު ދެކެއެވެ.

"އަހަރެން ގޯހޭތަ ތިބުނީ؟" ނިގާރުގެ އަޑު ކުރެހުނެވެ.

"އަހަރެން އާދޭސް މިކުރަނީ. ނައިޝަމްގެ ކަންކަމާ ނުބެހޭ. އަހަރެންވެސް ނުބެހޭނަން. އެދަރި އުޅެނީ ގޯސްކޮށެއް ނޫން. ފަސްވަގުތު ނަމާދުކުރޭ. ސުންނަތް ރޯދަ ހިފާ. ވަޒީފާ އަދާކުރޭ. ގިނަވަގުތު އެ އިންނަނީ ގޭތެރޭގަ. ހެލީނާ ގުޅިގެން ނޫނީ ކައިވެންޏަކާ ގުޅޭގޮތުން ނިގާރު އެއްޗެއް ބުނިއްޔާ ނޫނީ ދުވަހަކުވެސް އަޑުއުފުލާފައެއް ނެތް"

ފިރިމީހާ އޭނާ އާ އެއްކޮޅަށް ނެތްކަން އެނގުމުން ނިގާރު އަށް ރޮވުނެވެ. ގައިން ވާގި ދޫވެފައިވާ މީހެއް ފަދައިން އޭނާ އެނދުގައި އިށީނެވެ. ފަހުމީ ނިގާރުއަށް ބަލައިލިއެވެ. މިފަހަރު ނިގާރު ހުއްޓުވާކަށް އޭނާ ނޫޅުނެވެ.

"އަހަރެން އުންމީދުކުރަން މިދެއްކި ވާހަކަތައް ނިގާރު އަޑުއަހައިފިކަމަށް" ފަހުމީ ބުންޏެވެ.

ނިގާރު ބަހެއް ނުކިޔައެވެ. ހިނދަކަށް ފަހު ހިނދެއް އޭނާގެ ރުއިން ދިޔައީ ގަދަވަމުންނެވެ. އެންމެފަހުން ފަހުމީ ތެދުވެގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

****

އިރުއޮށްސުނު ވަގުތެވެ. މަޣްރިބް ނަމާދަށް ބަންގި ދޭ އަޑު އިވެން ފެށިއެވެ. ވުޟޫކޮށްގެން ނަހުމާ ނިކުމެ ތުވާލިން މޫނު ފޮހެލިއެވެ. ސައިކަލެއް ސްޓާޓު ކުރި އަޑެއް ތަންކޮޅެއް ގާތުން އިވިލިހެން ހީވުމުން ބެލްކަންޏަށް ނިކުމެ އޭނާ ބަލައިލިއެވެ. އޭރު ސައިކަލުގައި ނައިޝަމް ނައްޓާލިތަން ފެނުނެވެ. ނަހުމާ އަށް ހިނިތުންވެވުނެވެ. ނައިޝަމް އެދަނީ ކޮންދިމާލަކަށް ކަން އޭނާއަށް އިނގެއެވެ. ދިރިއުޅުން ކޮންމެ ހިސާބކަށް އޭނާ ގެންގޮސްފައި ވިޔަސް ދީނީ ކަންކަން މަތިން ނައިޝަމް ހަނދާންނައްތާ ނުލައެވެ. ކޮޓަރިއަށް ވަދެފައި އޭނާ ދޮރުފޮތިގަނޑު ކަހާލިއެވެ. މުސައްލަ ފަތުރާފައި އޭނާ އަވަސްވެލީ ނަމާދަށް އަރާށެވެ. ދެކޮޅު ދެ ސުންނަތާއެކު ނަމާދުކޮށް ނިމި ހަތިމު ހިފައިގެން އެނދުގައި އިށިންތަނާ ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. އޭނާ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި މީހާ ފެނުމުން އޭނާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. އެހެންނަމަވެސް ފަހުމީގެ މޫނުމަތިން މާބޮޑު ހިތްހަމަޖެހުމެއް ނުފެނެއެވެ.

"ބައްޕަ ކަމަކުތަ؟ އާދޭ އެތެރެއަށް. އަހަންނަށް ގޮވާލިނަމައެއްނު" ބޮޑަށް ދޮރުފަތް ހުޅުވާލަމުން ނަހުމާ ބުންޏެވެ.

އެނދުގައި ފަހުމީ އިށީނުމުން ނަހުމާ ވެސް އިށީނެވެ. އަންހެންދަރިފުޅުގެ މޫނަށް ބަލައިލާފައި ބޮލުގައި ފަހުމީ ފިރުމާލިއެވެ.

"ސޮރީ ބައްޕާ، އެކަމަކު މަންމަ ކަންތައް އެކުރަނީކީ ރަގަޅަކަށް ނޫން" ނަހުމާ ބުންޏެވެ.

"ދަރިފުޅަކަށް ހިއެއްނުވޭތަ ދަރިފުޅުވެސް ތަންކޮޅެއް ރުޅިގަދަހެނެއް" ފަހުމީ އަހާލިއެވެ.

"ހިއެއްނުވޭ. ރުޅިއެއް ހުރިއްޔާ އެވާނީ މަންމަ ނޫނީ ބައްޕަ ފަރާތުން ވާރުތަވެފައިވާ ކަމެއް ކަމަށް" ނަހުމާ ބުންޏެވެ.

"ހަމަ ގައިމުވެސް ދަރިފުޅުމެންގެ މަންމައަކީ ރުޅިގަދަ މީހެއް ނޫން. ބައްޕަގެ ގޮތް އެނގެއެއްނު. ދުވަހަކުވެސް ރުޅިގަދަވެގެން އިންސާނާ ވާނުވާ ގެއްލި ނަފްސު މަތިން ހަނދާންނެތޭ ވަރެއްނުވޭ" ފަހުމީ ބުންޏެވެ.

"އަދިވެސް އަހަންނަކަށް ގަބޫލެއް ނުކުރެވޭ އަހަރެން ރުޅިގަދަ ކަމަކަށް. ވަރަށް ދެރަވޭ އެގޮތަށް މަންމަ އާ ވާހަކަދެއްކުނީމަ. އެނގޭ މަންމަ ކައިރީގަ މަޢާފަށްވެސް އެދެންޖެހޭނެކަން. އެކަން ކުރާނަން" ނަހުމާ ބުންޏެވެ.

"ބައްޕަގެ ދަރީންނަކީ ހެޔޮ ވިސްނޭ ރަނގަޅު ދަރީން. ބައްޕަ އުފާވޭ ތިކަހަލަ ދަރީންތަކެއް ﷲ ބައްޕައަށް ދެއްވީތީ" ފަހުމީގެ ދެލޮލުން ކަރުނައެއް ނީރާލިއެވެ.

"ގޭތެރޭގެ މަސްލަހަތު ދެމިއޮންނާނީ އެންމެން ގުޅިގެން އުޅުނު ވަރަކުން. މިގޭގަ މިއުޅެނީ މައިންބަފައިންނާ ދަރީންނާ. އެންމެ ދޮއްޓަށް ހުރި ފިރިހެން ދަރިއަށް މަންމަ އެގޮތަށް މަޖުބޫރުކޮށް އަބަދު އަބަދު އެއްވާހަކައެއް ތަކުރާރު ކުރުމަކީ ރަނގަޅު ކަމެއްތަ؟ ނައި އަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން އެނގޭ. ބައްޕާ! ނައި ބައްޔެއްނޫން. ނައި އަކީ މޮޔައެއްނޫން. ހެލީން ދެކެ ނައި ވަރަށް ލޯބިވޭ. ހުރިހާވެސް މައްސަލައަކީ ވީނުވީއެއް ނޭނގި ހެލީން ގެއްލުމުން. އަދި އަންގާލުމެއްވެސް ނެތި އެހެންމީހަކާ ހެލީން ކައިވެނިކުރަން އުޅުން. އެދުވަހު އެތަނަށް ކޮށްލިވަރު ބައްޕައަށް ފެނުނެއްނު. އެ އަންހެންކުއްޖާ އާ ހެދި ނައި މޮޔައެވަނީ. އެދުވަހު ޕޮލިހުން ދޫކޮށްލީމަވެސް ސައިކަލުގަ އައީ ދުއްވާފައެއް ނޫން. އުދުހިފަ. އެކްސިޑެންޓްވެ ވަގުތުން ފަރުވާއަށް ބޭރަށް ނުގެންދިޔަނަމަ އަނެއްކާ ދިޔައީހީ ހެލީން ހޯދަން. އޭރު ނައި ހުރީ އެފިރިހެންކުއްޖާ ކަތިލަންވެސް ތައްޔާރަށް. ކާކުގެ ނަސީބެއް ކަމެއް ނޭނގޭ އެދުވަހު އެ މަޖިލިސް ތެރެއިން ހެލީންގެ ކަޒިން ކޮއްކޮ ނޫނީ އެހެން އެއްވެސް މީހެއްގެ ނަމެއްވެސް މޫނެއްވެސް ނައި ގެ ހަނދާނުގަ ނެތް. މަންމައަށް މިހުރިހާ ކަމެއް އެނގިހުރެ ދެން ކޮންކަމެއް. ޔޫހާ އާ ނީންނާނަމޭ ނައި ބުނާނީ އެކަންކުރަން އޭނަ ބޭނުންނުވީމައެއްނު. މީހަކާ އިންނަ ވާހަކަ މިދައްކަނީ. އެއީ މުޅި އުމުރަށް އަންހެނަކާ ފިރިހެނަކު ބަނދެލެވޭ ބަނދެލެވުމަކަށް ކިޔާ ނަމެއް. ކުޅޭ ކުޅިވަރެއް ނޫން. ލޯބިނުވާ މީހަކާ އިނދެގެން ނައި އަށް ލިބޭނީ ކޮން އުފާވެރިކަމެއް؟" ނަހުމާ ވާހަކަދެއްކީ މަޑުމައިތިރި ރާގެއްގައެވެ.

"ދަރިފުޅުގެ މަންމަ އާ ތިކުދިން އަރާރުންވާތަން ފެނުނީމަ ބައްޕަ ހިތަށް ހާދަ އަސަރެއްކުރެއޭ. ބައެއްފަހަރު ބައްޕައަށް އިހުސާސް ކުރެވުނީ ގޯސްހެދުނީ ބައްޕައަށޭ" ފަހުމީ ބުންޏެވެ.

"ނޫން ބައްޕާ. ނައި އަށް އެދިމާވި ކަންތަކުގަ އޭނަ ކައިރީގަ އެންމެ ގިނަވަގުތު ހޭދަކުރި މީހަކީ އަހަރެން. ކުޑައިރުން ފެށިގެން ނައި އާ އަހަރެން ގާތުން އުޅޭވަރު އެންމެންނަށް ފެންނާނެއްނު. ނައި ރުޅިދަގަވެގެން ރޮވޭ މަންޒަރު ބަލާކަށް އަހަންނަކަށް ކެތެއްނުވޭ. މިއަދު ނައި އެވަނީ އަހަރެމެން އެންމެންގެ ގާތްކަމާ އަޅާލުން ބޭނުންވެފަ. ނައި ވެސް ހަމަޔަކަށް އެޅޭނެ. ކޮންމެސް ދުވަހަކުން އެ ހަރުކަށިކަން ދޫކޮށްލާފާނެ. ނައި އަށް އިހަށް ވަގުތު ދޭންވީނު. އެއްވެސް ކަމަކަށް މަޖުބޫރުނުކޮށް ލޯބިން ނޫޅެވޭނެތަ؟ ބައްޕަ ނިކަން މިގޮތަށް މަންމައަށް ވިސްނައިދީބަލަ" ނަހުމާ ބުންޏެވެ.

"ބައްޕަ ވިސްނައިދޭނަން. އެކަމަކު ބައްޕަ ބޭނުންވޭ ހެލީން ހޯދަން. އެދެކުދިންގެ ކައިވެނިކޮށްދޭން. މިކަން ބައްޕައަށް ނުކުރެވެނީސް އެދަރިފުޅު ބައްޕަގެ ލޯމަތިން ބީވެގެން ހިނގައިދާނެ" ފަހުމީ ބުންޏެވެ.

ބައްޕަގެ އަޑުގައިވާ ކަންބޮޑުވުމާއި މޫނުމަތިން ފެންނަމުންދާ މާޔޫސްކަން ފެނި ނަހުމާ ދެރަވިއެވެ. ފަހުމީ އާ ގާތަށް ޖެހިލުމަށްފަހު ފަހުމީގެ ކޮނޑުގައި އޭނާ ބޯ އެޅިއެވެ.

"ތިކަން ވާނެހެނެއް ހިއެއްނުވޭ. މަންމަ ބުންޏެއްނު އެދުވަހު އޭނަ އެމީހާ އާ އިނޭ. މާލޭގަ އުޅޭކަމެއް ނޫޅޭކަމެއް ނޭނގޭ. ނުފެންނަތާ ވަރަށް ދުވަސްވެއްޖެ މީހަކާ އިނދެގެން ހުއްޓާ ނައި އަށްޓާކައޭ ބުނެ ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް ވަންނާކަށް ނުވާނެއްނު" ނަހުމާ ބުންޏެވެ.

"ދެން ކިހިނެއްހަދާނީ؟ ކިހިނެއް ނައި އަށް އެކަން ވިސްނައިދޭނީ. އެކަންވާނީ ދަރިފުޅަށް" ފަހުމީ ބުންޏެވެ.

"ބައްޕަ ކަންބޮޑުނުވޭ. ހާލަތާއެކު ހުރިހާ ކަމެއް ބަދަލުވާނެ. ނައި ގެ ފަރާތުން އެއްވެސް މީހަކަށް ނޫނީ ތަނަކަށް ގެއްލުމެއް ނުލިބޭހާ ހިނދެއްގައި އޭނަ އެގޮތުގަ ބަހައްޓާ. މަޑުމަޑުން ހުރިހާކަމެއް ދާނީ ރަނގަޅުވަމުން" މިކަން މަންމައަށް ވިސްނުނީމަ ހުރިހާ ކަމެއް ހައްލުވީ" ނަހުމާ ބުންޏެވެ.

****

އައު ދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. އެއާޕޯޓާށް ކާރު މަޑުކޮށްލުމާއެކު އެންމެން ކާރުން ފޭބިއެވެ. ނަހުމާގެ ތައްޔާރުވުން ލަސްކަމުން އެއާޕޯޓާށް އާދެވުނީ އެ އާއިލާއަށް ތަންކޮޅެއް ލަހުންނެވެ. އެރައިވަލް އިން ނިކުމެ ނާމީ ހުރީ އިންތިޒާރުގައެވެ.

"ހެއި ބްރޯ..." ނައިޝަމް ބަލައިލީ ނާމީ ގެ އަޑަށެވެ.

މީހުންތަކުގެ ތެރެއިން ނާމީ ދުއްވައިގަތެވެ. އޭނާ އައިގޮތަށް ނައިޝަމްގެ ގައިގައި ބައްދާލިއެވެ. ނަހުމާ އަށް ބަލައިލާފައި ހިނިތުންވެލަމުން ނަހުމާގެ ކޮލުގައި ހިފާލިއެވެ. ފަހަތުގައި ތިބި މައިންބަފައިން ފެނުމުން އޭނާ މައިންބަފައިންގެ ގައިގައިވެސް ބައްދާލިއެވެ.

"މަންމަ ފެނުނީ އެންމެފަހުންތަ؟" ނިގާރު ޝަކުވާކޮށްލިއެވެ.

"ނޫނޭ. އެންމެން އެއްފަހަރާ ވިއްޔާ މިފެނުނީ" ނާމީ ބުންޏެވެ.

"ފަލައެއްވެސް ނޫން. ހިއްކެއްވެސް ނޫން. އެކަމަކު ވަރަށް ރީތިވެއްޖެ މާޝާﷲ. ވަރަށް ދެރަ. އިސްކޮޅު ހަމަ އެވަރުގަ.... ޗޯޓޫ.." ނަހުމާ ދިމާކޮށްލިއެވެ. ނާމީ އަކީ ޒުވާން ރީތި ފިރިހެނަކަސް އިސްކޮޅުން ކުރު ޒުވާނެކެވެ. އެހެންކަމުން ނަހުމާ އަބަދުވެސް ނާމީ އާ ދިމާކުރެއެވެ.

"ކުރުކަމެއް ބިޓުންނަށް ނުފެނޭ.. އެހެންވީމަ ސަޅިއެއްނު" ނާމީ އަނގައިން ދެރައެއް ނުވިއެވެ. ނައިޝާމް ހީލަ ހީލަ ހުއްޓެވެ.

"ދެން ޖިމަށް ދާނީ ދޮންބެ އާ އެކު އޭ ދޯ" ނައިޝާމް ބުންޏެވެ.

"ގެއަށް ދަމާ. އިތުރަށް ވާހަކަދައްކާނީ ގެއަށް ގޮސް" ފަހުމީ ބުންޏެވެ.

އެންމެން ކާރަށް އެރިއިރުވެސް ލޮލުގައި އޮތް އަވި އައިނު ނަގައިގެން ނައިޝަމް ހުރީ ތަންތަން ހޯދުމުގައެވެ. އޭނާއަށް ހީވާ ކަހަލައެވެ. ހަމަ ދެންމެ ކަހަލަ ގޮތަކަށް އެނާގެ ފްލޭޝް އަށް ހެލީން އަރާފާނެއެވެ.

"ބްރޯ..." ނާމީ ގޮވާލިއެވެ.

ނައިޝާމް އައިސް ކާރުގެ ކުރީ ޝީޓުގައި އިށީނެވެ. މެދަށް ހުރި ޝީޓުގައި ފަހުމީ އާއި ނަހުމާ ތިބިއިރު އެންމެ ފަހަތު ޝީޓުގައި ތިބީ ނިގާރު އާއި ނާމީ އެވެ.

(ނުނިމޭ)