އިޒްރޭލާއި އީރާނުގެ މެދުގައި ކުރިއަށްދާ ހަނގުރާމައަށް މިހާރު ހަފުތާއެއްވީއެވެ. މި ހަނގުރާމައިގެ ކޮޅެއް މެދެއް އަދި ނުފެނެއެވެ. އެހެންނަމަވެސް ހަނގުރާމަ ފެށުނުފަހުން ފުރަތަމަ ފަހަރަށް ޑިޕްލޮމެޓިކް ހަރަކާތްތަކެއްގައި އިއްޔެ ވަނީ ކުލަޖެހެން ފަށައިފައެވެ. ހަނގުރާމައަށް ނިމުން ގެނެވިދާނެ ގޮތްތަަކާމެދު މަޝްވަރާ ކުރެއްވުމަށް އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާގްޗީވަނީ ވިލާތުގެ ގައުމުތަކުގެ ޚާރިޖީވަޒީރުންނާ މަޝްވަރާ ކުރެއްވުމަށް ސުވިޒަރލެންޑުގެ ޖެނީވާއަށް ވަޑައިގެންފައެވެ. އެތަނުގައި އޭނާ މަޝްވަރާ ކުރައްވާނީ ހުޅަގު ޔޫރަޕުގެ އެންމެ މުހިންމު ތިން ގައުމުގެ ޚާރިޖީވަޒީރުންނާއެވެ. ފްރާންސާއި އިނގިރޭސިވިލާތް އަދި ޖަރުމަނީގެ ޚާރިޖީވަޒީރުންނާއެވެ. މިބޭފުޅުންގެ އިތުރަށް ޔޫރަޕުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާބެހޭ ބައިގެ ވެރިޔާއާވެސް އޭނާ މަޝްވަރާ ކުރައްވާނެއެވެ. މި މަޝްވަރާތައް މި ފެށެނީ ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ދެ ހަފުތާގެ މުހުލަތެއް ދެނީ ކަމުގެ އިޝާރާތެއް އެމެރިކާއާއި އިޒްރޭލުގެ ފަރާތުން ލިބިފައިވަނިކޮށެވެ.
ގޮތެއް ނިންމުން ދެ ހަފުތާ ފަހުން
ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ލިބިފައިއޮތް ދެ ހަފުތާގެ މުހުލަތަކީ ކޮބައިބާވައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވިއެވެ. ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަނުމާމެދު ވަކިގޮތެއް އޭނާ ނިންމަވާނީ ދެ ހަފުތާ ފަހުންނެވެ. އެހެންވީމާ އީރާނާ ވާހަކަ ދައްކައިގެން ސުލްހަވެރި ނިމުމެއް ގެންނާނީތޯ ނުވަތަ ނޫންތޯ ދުނިޔޭގެ ގައުމުތަކުން ބަލަންވީއެވެ. ޓްރަމްޕު އެވިދާޅުވާ ދެ ހަފުތާއަކީ ހަނގުރާމައަށް ނިމުމެއް އައިސްފައި އޮންނާނެ ދެ ހަފުތާއެއް ނޫނެވެ. ހަނގުރާމަ ދެންވެސް ދާނީ ކުރިއަށެވެ. އިޒްރޭލުން ދެންވެސްދާނީ އީރާނަށް ހަމަލަދެމުންނެވެ. އެކަމަށް އެމެރިކާއިން އެއްބާރުލުން ދޭނެއެވެ. ކުރިންވެސް ދެމުންއައި ގޮތަށެވެ. އެމެރިކާއިން ނުކުރާނޭ ކަމަކީ ފަރުދާގެ ކުރިމައްޗަށް ނުކުމެ ފާޅުގައި ހަނގުރާމަ އިއުލާނުކޮށް އީރާނަށް ހަމަލަދިނުމެވެ. ކޮންމެއަކަސް މިޒާތުގެ މުހުލަތެއް ދިނުމުގައި ޓްރަމްޕުގެ ދެ ބޭނުމެއްއޮތް ކަމަށް ބެލެވެއެވެ. އެއްބޭނުމަކީ އެމެރިކާގެ ސީދާ ބައިވެރިވުމެއްނެތި އިޒްރޭލުގެ އަމާޒަށް ވާސިލްވެވޭ މިންވަރު ބަލައިލުމެވެ.
ޔޫރަޕުގެ ބާރުތަކާއި އީރާނުން ދައްކާނީ ކޮން ވާހަކަތަކެއް؟
އެމެރިކާގެ އަނެއް ބޭނުމަކީ އީރާނާ ވާހަކަ ދައްކައިގެން ހައްލެއް ހޯދުމުގެ ކެރިކުޅަދާނަކަން ޔޫރަޕުގެ އިއްތިހާދަށް ލިބިފައިވަނީ ކިހާވަރަކަށްތޯ ބެލުމެވެ. ހުޅަގު ޔޫރަޕުގެ ބޮޑު ތިންބާރުގެ ޚާރިޖީވަޒީރުން އީރާނުގެ ޚާރިޖީވަޒީރު ސައްޔިދު އައްބާސް އަރާގްޗީއާއެކު ކުރިއަށް ގެންދާ މަޝްވަރާތަކުގައި އެމެރިކާގެ ސީދާ ބައިވެރިވުމެއް ނޯންނާނެއެވެ. އަދި އިޒްރޭލުގެ ބައިވެރިވުމެއްވެސް ނޯންނާނެއެވެ. އިޒްރޭލުގެ ހަމަލަތައް ނުހުއްޓި ކުރިއަށްގެންދާހައި ހިނދަކު އެމެރިކާއާއެކު ދައްކާނޭ ވާހަކަތަކެެއް ނޯންނާނޭ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެހެންވީމާ މިވާހަކަތަކުގައި އެމެރިކާގެ ދައުރެއް ނެތެވެ. މިހިސާބުން އުފެދޭ ސުވާލަކީ އެހެންވިއްޔާ ޔޫރަޕުގެ ބާރުތަކުން އީރާނާއެކު ދައްކާނީ ނުވަތަ ދެއްކޭނީ ކޮންވާހަކަތަކެއް ހެއްޔެވެ. ވާހަކަ ދައްކާނީ އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމާމެދުގައެވެ. އީރާނުން އެއްބަސްވޭތޯ ބާރުއަޅާނީ ނިއުކުލިއަރ ޕްރޮގްރާމް މަޑުޖައްސައިލުމަށެވެ. ނުވަތަ ހަނިކުރުމަށެވެ.
އީރާނުން މަޝްވަރާ ނުކުރާނީ ކޮންކަމަކާމެދު؟
ވާހަކަތައް ކުރިއަށް ގެންދާނީ މިކަމުގައި އެމެރިކާއާއި އީރާނުން ކުރިން ދައްކަމުންއައިސް ހަނގުރާމައިގެ ސަބަބުން މެދުކެޑިފައިވާ މަޝްވަރާތަކުގެ އަސާސްތަކާ އެއްގޮތަށެވެ. މިވާހަކަތައް ޔޫރަޕުގެ ބާރުތަކާއެކު އަލުން ފެށުމަށް އީރާނުގެ ޝަރުތުތަކެއް ނެތެވެ. ޚާރިޖީވަޒީރު ޖެނީވާއަށް ވަޑައިގެންނެވީވެސް އެހެންވެއެވެ. ޔޫރަޕުގެ ބާރުތަކާއެކު އީރާނުން މަޝްވަރާކުރިޔަސް އެއްގޮތަކަށްވެސް ވާހަކަ ދައްކަން ބޭނުންނުވާ ދެކަމެއް އެބައޮތެވެ. ނިއުކުލިއަރ ޕްރޮގްރާމް މުޅިން ހުއްޓައިލުމަކީ އެމެރިކާއާއި އިޒްރޭލުގެ ޝަރުތަކަަށްވާނަމަ އެކަމާމެދު އީރާނުން ވާހަކައެއް ނުދައްކާނެއެވެ. ދައްކާކަށް ބޭނުމެއް ނުވެއެވެ. ހަމައެޔާއެކު ނިއުކުލިއަރ ވާހަކަތަކުގެ ތެރެއަށް އިރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމުގެ މައްސަލަ ވައްދަން އުޅޭނަމަ އެއީވެސް އީރާނުން ވާހަކަ ދައްކާނޭ ކަމެއް ނޫނެވެ. އެހެންވީމާ އީރާނު އެއޮތީ ވަރަށް ސާފުކޮށް ދެއްކޭނޭ ވާހަކަތަކާއި ނުދެއްކޭނޭ ވާހަކަތައް ވަކިކޮށް ރޮގުއަޅައި ދައްކައިފައެވެ.
ނަތީޖާއެއްގެ ފުރުސަތު އޮތީ ކިހާވަރަކަށް؟
މިކަމާދޭތެރޭ ވިސްނީމާ ހިތަށް ގެނެވޭ އެއްޗަކީ މި މަޝްވަރާތަކުން ނަތީޖާއެއް ފައިދާވުމަށްވުރެ ގާތީ ނުވުންކަމެވެ. އެހެނީ ހަނގުރާމަ ފެށުނުފަހުން އިޒްރޭލާއި އެމެރިކާގެ ސިޔާސަތަށް ކުރިއަށްވުރެ ބޮޑު ހަރުކަށިކަމެއް އަތުވެއްޖެއެވެ. އީރާނަށް ބިރުދައްކައިގެން ބާރުދައްކައިގެން ކަންކަން ކުރެވިދާނެކަމަށް ހީކުރާ ހީކުރުންތައް ވަރުގަދަވެއްޖެއެވެ. މަޝްވަރާތަކުގެ ތެރެއަށް އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓައިލުން އިތުރު ކުރުމަށް ބާރުއަޅާ ކަމަށް އެބަފެނެއެވެ. އަދި އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމު އެއްކޮށް ހުއްޓާލައި ނިއުކުލިއަރ ރިއެކްޓަރުތަކުގައި ބޮޑުތަޅު އެޅުވުންވެސް ހިމަނަން ބޭނުންވާ ކަމަށް މިހާރު އެބަހީކުރެވެއެވެ. ސީދާކޮށް އަދި ނުސީދާކޮށް އިޒްރޭލުން އެހެން ބުނާންވެސް ފަށައިފިއެވެ. ޖެނީވާ މަޝްވަރާތަކަށް ޚާރިޖީވަޒީރުން ޖެނީވާއަށް ވަޑައިގެންނެވީމާ އިޒްރޭލުން ވަނީ މިކަން ހަނދާންވެސް ކޮށްދީފައެވެ. އިޒްރޭލުން ބުންޏެވެ. ވާހަކަތަކުން ހާސިލްވުން އެދެނީ ސައްތައިން ސައްތަ ނަތީޖާއެކެވެ. އެކަން ނުކުރެވެންޏާ ނަތީޖާ ނެރޭނީ ހަތިޔާރުންނެވެ. ތުރުކީގެ ވިސްނުމަކީ ކޮބާ؟
ތުރުކީވިލާތަކީ އީރާނުގެ އަވަށްޓެރިއެކެވެ. އިސްލާމީ ގައުމެކެވެ. އެހެންވީމާ މިކަމުގައި ތުރުކީގެ ވިސްނުމާއި ފިކުރަކީ ކޮބައިކަން ބަލަން އެބަޖެހެއެވެ. ތުރުކީގެ ވިސްނުމަކީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތުގައި ރިއާޔަތް ކުރެވެންޖެހޭވެސް ވިސްނުމެކެވެ. ޑިޕްލޮމެޓިކް މަސައްކަތްތައް ފެށުމުގެ ކުރިން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ޖަރުމަންވިލާތުގެ މުސްތަޝާރާއެކު ފޯނުން ވަރަށް ދިގުކޮށް މަޝްވަރާ ކުރައްވައިފައެވެ. ޑިޕްލޮމެޓިކް މަސައްކަތުގައި ދެގައުމުގެ ވިސްނުން އެއްގޮތްކުރުމަށް ދެ ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ. އޭގެމާނައަކީ ކޮބައިހެެއްޔެވެ. އޭގެ މާނައަކީ މަޝްވަރާތަކުގައި ޔޫރަޕުގެ ބާރުތަކުން މަސައްކަތް ކުރާނީ އިޒްރޭލުގެ ޝަރުތުތައް އިސްކުރާކަށް ނޫނެވެ. އިސްކުރާނީ އެންމެނަށްވެސް ރުހެވޭ، އަދި ހާލަތާއި ހަގީގަތަށް ރިއާޔަތްކުރެވޭ ވިސްނުމެކެވެ. ތުރުކީވިލާތަށްވެސް އެއްބަސްވެވޭ ވިސްނުމެކެވެ. އެޒާތުގެ ވިސްނުމެއް ގެންގުޅެންޏާ ނަތީޖާއެއް ފެނިދާނެކަމުގެ އިޝާރާތެއް އީރާނުންވެސް ވަނީ ކޮށްފައެވެ. ޖެނީވާގައި ފުރަތަމަ ދުވަހުގެ ވާހަކަތައް ނިންމައިލުމަށްފަހު އީރާނުން މިއަދު ބުންޏެވެ. އެންމެންވެސް ވަރަށް ސީރިއަސްއެވެ. މިވާހަކަތައް ނިމުނީމާ ޑިޕްލޮމަސީ ނިމުނީއެއް ނޫނެވެ. ދޮރު ބަންދުވީއެއް ނޫނެވެ.
އިމާދު ލަތީފު
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
ކޮމެންޓް