ރާއްޖޭގައި ދެމެހެއްޓެނެވި ތަރައްގީ ކަށަވަރުކުރަން ޗައިނާ އާއި އެހެނިހެން އަވައްޓެރި ގައުމުތަކާއެކު މަސައްކަތް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޗައިނާގައި ކުރިއަށްދާ ހަވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި މިއަދު ވާހަކަދައްކަވަމުން ނާޒިމް ވަނީ ސަރަހައްދީ ތަރައްގީއަށްޓަކައި މުހިންމު ފަސް ނުކުތާއެއް ފާހަގަކުރައްވައިފައެވެ. ނާޒިމް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ދަތުރުފަތުރާއި މުވާސަލާތުގެ ގުޅުމާއި ފެހި އިގުތިސޯދީ ތަރައްގީ އާއި ބަދަހި އިގުތިސޯދީ ގުޅުމާއި އިންސާނީ ތަރައްގީ އަދި ރައްޔިތުންގެ ފެންވަރުގައި ގުޅުން ބަދަހިކުރުން ހިމެނެއެވެ.

ނާޒިމް ވިދާޅުވީ ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމެއް ނަމަވެސް ދެމެހެއްޓެނިވި ތަރައްގީ އާއި އިގުތިސޯދީ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި މަސައްކަތް ކުރަނީ އެކަންކަމުގެ މަތިން ކަމަށެވެ.

ރާއްޖެއިން ދެކެނީ، ހުޅުވާލެވިފައިވާ، ހުރިހާ ފަރާތްތައް ޝާމިލުވާ، ދެމެހެއްޓެނިވި ތަރައްގީއެއް ކަށަވަރުކުރުމަށްޓަކައި ޗައިނާ އާއި އެހެނިހެން އަވަށްޓެރި ގައުމުތަކާއެކު މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ޗައިނާގެ ތަރައްގީގެ ކާމިޔާބީތައް ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، ޗައިނާއިން ގެނެސްފައިވާ އިގުތިސޯދީ އިސްލާހުތަކާއި އުމްރާނީ ތަރައްގީއާއި އީޖާދީ ދާއިރާގެ އިންވެސްޓްމެންޓްތަކަކީ ކޮންމެ ގައުމަކަށް ވެސް އެގައުމެއްގެ ހާއްސަ ހާލަތަށް ބައްޓަން ކުރެވިދާނެ ނަމޫނާއެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ ތަރައްގީއަކީ ސްޓްރެޓެޖީއެއް ނޫން ކަމަށާއި އެއީ ގައުމަށްޓަކައި ވެވޭ ވައުދެއް ކަމަށެވެ. އަދި ވިދާޅުވީ އެ ވައުދާ އެކު ކުރިއަށްދާ ކޮންމެ ފިޔަވަޅެއްގައި ވެސް އެއްވެސް ފުރުސަތަކުން އެއްވެސް ފަރާތެއް އެކަހެރި ކޮށްގެންނުވާނެ ކަމަށެވެ.