ޖީއެމްސީއީ ނުވަތަ ޖެމްކިޔު އިން ފައިސާ ލިބުން ހުއްޓިގެން އެ ޕިރަމިޑް ސްކީމްގައި ޖެހިފައިވާ ގިނަ ބަޔަކު ޝަކުވާ ކުރަން ފަށައިފިއެވެ.

ޖެމްކިއުގެ އޮފިޝަލް ޓެލެގްރާމް ގްރޫޕަށް ލާފައިވާ ލިޔުމެއްގައި ވަނީ، މި ފަހުން އެ ސްކީމުން ހިންގި ބޮޑު ޕްރޮމޯޝަނުގެ ސަބަބުން ގިނަ އަދަދެއްގެ ފައިސާ ދައުރުވުމާ ގުޅިގެން، ޔޫއެސްޑީޓީ-ޓީއާރްސީ-20 ފަންޑު އިންޓަނޭޝަނަލް ފައިނޭންޝިއަލް އިންސިޓިއުޓްގެ ސަމާލުކަމަށް އެކަން އައިސް، ބަލަމުން އަންނަ ކަމަށެވެ. އެ ގުރޫޕަށް މި ފަދަ ލިޔުމެއް ލައިފައި އޮތް ނަމަވެސް، އެއީ އިންވެސްޓަރުންނަށް އޮޅުވައިލުމަށް ލައިފައިވާ ލިޔުމެއްކަމެއް، ނުވަތަ ހަގީގަތުގައިވެސް އެފަދަ ކަމެއް ހިނގައިގެން އުޅޭތީ ނެރުނު ސައްހަ ލިޔުމެއްކަން ޔަގީން ކުރެވޭނެ ގޮތެއް ނުވިއެވެ.

ރިވިއު ނިމުމުން، އާންމު އުސޫލުން ފައިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ.

މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން "ވަން" އަށް މިއަދު ބުނީ ފައިސާ ނުނެގޭތާ ދެތިން ދުވަސް ވެއްޖެ ކަމަށެވެ.

"އާންމުކޮށް ފައިސާ ނަގަން ޖަހާތާ 72 ގަޑިއިރު ތެރޭ ނެގޭނެ. އެއީ އޮންނަ ގޮތަކީވެސް. އެކަމަކު މީގެ 3 ދުވަސް ކުރީން ނަގަން ޖެހި މީހުނަށްވެސް ފައިސާ ނުދީގެން ޝަކުވާތައް އެބަ ކުރޭ." "ވަން" އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، މި ސްކީމަށް ބައެއް ދިވެހީން ވަނީ އެތައް ހާސް ޑޮލަރެއް އިންވެސްޓްކޮށްފައެވެ.

ޖީއެމްސީއީގައި ރާއްޖޭގެ 50،000 އެއްހާ މީހުން ޖެހިފައިވާއިރު އެ ސްކީމަށް ބޮޑެތި އަދަދުތަކުން ވަނީ އިންވެސްޓުކޮށްފައެވެ.

ޖީއެމްސީއީގެ މައްސަލަ ފުލުހުންވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.