ރާއްޖެ އާއި ވިއެޓްނާމާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ސްޓޭޓް ޕްރެޒިޑަންޓް ލުއޮންގް ކުއޮންގް އަށާއި ބޮޑުވަޒީރު ފާމް މިންހް ޗިންހް އަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ސްޓޭޓް ޕްރެޒިޑެންޓަށް ފޮނުއްވި މެސެޖުގައި ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައި ކަމަށެވެ. އަދި މި ތާރީހީ މުނާސަބަތުންވެސް ދެ ގައުމުގެ ޒަމާންވީ ރަހުމަތްތެރިކަމާއި އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި ދޭ އެއްބާރުލުން ދައްކުވައިދޭ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށްވެސް ބުންޏެވެ.

ހާއްސަކޮށް ފަރުދީ ފެންވަރުގައި ގުޅުން ބަދަހިކުރުމާއި އިގުތިސޯދީ ގޮތުން އެއްބާރުލުން ދިނުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި ރައީސް ވަނީ އެމަނިކުފާނަށް ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ގައުމަށް އިތުރު އެއްބާރުލުން ދެއްވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.